ދިރާގުގެ "ޑިޖިޓަލް ރާއްޖެ" އިނީޝިއޭޓިވްގެ ދަށުން މާލެ ސިޓީގެ ޕާކުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި ވައިފައި ހޮޓް ސްޕޮޓުތައް ދޫކުރަން ފަށައިފި އެވެ.
ހިދުމަތް ފެށުމުގެ ގޮތުން މިއަދު ވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ޕާކުތަކުގައި ވައިފައި ކަނެކްޓް ވާނެ ހޮޓްސްޕޮޓުތައް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފަ އެވެ. ހިދުމަތް އިފްތިތާހުކޮށް ދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދާއި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދެވެ.
ރަސްރަނި ބަގީިޗާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްމާއީލް ރަޝީދު ވިދާޅުވީ، އިންޓަނެޓަކީ މިއަދު އެއާ ނުލައި އުޅެން އުނދަގޫ ހިދުމަތަކަށްވާތީ އަދި ކޮންމެ ތަނަކަށް ކޮންމެ ހާލަތެއްގައި ވެސް އިންޓަނެޓުގެ ބޭނުން ޖެހިދާނެތީ އެ ހިދުމަތް ފަސޭހައިން އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދޭންް ދިރާގުން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކީ އެ ހިދުމަތް ވީހާވެސް ފަސޭހަކޮށް މީހުންނަށް ލިބޭނެ ގޮތް ހަދައި ދިނުން. އެގޮތުން މި ވައިފައި ހޮޓްސްޕޮޓް އިިންތިޒާމުގެ ދަށުން ޕާކުތަކަށްދާ މީހުނަށް ފުރަތަމަކޮޅު ހިލޭ އިންޓަނެޓް ބޭނުން ކުރެވޭނެ ގޮތަށް އިންތިޒާމު ހަމަޖެހިފައި މި އޮތީ" ދިރާގުގެ ސީއީއޯ ވިދާޅުވި އެވެ.
ޕާކުތަކުގައި ވައިފައި ލިބޭނެ ގޮތް ދިރާގުން މިއަދު ހަމަޖައްސާފައިވާއިރު މި ހިދުމަތް ހިލޭ ދޫކުރަނީ ވައިފައިކަނެކްޓްވާ ފުރަތަމަ 30 މިނެޓަށެވެ. އޭގެ ފަހުން އިތުރު ކުރަން ބޭނުން ކަމަށް ވާނަމަ ޖެހެނީ އެޑް އޮންސް ނަގާށެވެ.
މޭޔަރު، ޝިފާ މުހައްމަދު ވިދާޅުވީ އިންޓަނެޓް މެދުވެރިކޮށް ގުޅިފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށާއި ސްކޫލްތަކުގައި އުޅޭ ކުދިންވެސް ފީލްޑް ޓްރިޕްތަކުގައި ޕާކުތަކަށް ގޮސް މި ހިދުމަތުގެ ބޭނުން ކުރަންޖެހޭ ކަމަށެވެ.
މި ހިދުމަތް ހޯދަން ވައިފައި އަށް ފިތާލުމުން، ދިރާގުގެ ލޯޑިންގް ޕޭޖު ހުޅުވޭނެ އެވެ. އަދި އެ ޕޭޖުގައި ފޯނު ނަންބަރު ޖެއްސެއްވުމަށްފަހު ދިރާގުގެ "އޯޓީޕީ ކޯޑް" ލިބުމުން އަމިއްލައަށް ވައުޗާ ކޯޑް އެންޓާ ވާނެ އެވެ.
ޕާކުތަކުގައި ވައިފައި ލިބޭނެ ގޮތް ހަމަޖައްސާފައިވާއިރު މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އެންމެ އާއްމުން އެއްވާ ޕާކުތަކުގައި މި ހިދުމަތް ލިބޭނެ އެވެ.