ފައިނަލުގައި، ވެލެންސިއާ އަތުން ބަލިވެ، ސްޕެނިޝް ކަޕުގެ ތަށި، މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން، ބާސެލޯނާ އަށް ގެއްލުނީ، ކޯޗް އެރުނަސްޓޭ ވަލްވެރުޑޭގެ ސަބަބުން ނޫން ކަމަށް ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު ވިދާޅުވެއްޖެ އެވެ.
ވެލެންސިއާގެ ކެވިން ގެމީރޯ އާއި ރޮޑްރިގޯ މޮރޭނޯ ފުރަތަމަ ހާފުގައި، ކާމިޔާބު ކުރި ދެ ލަނޑުން މޮޅުވެ ވެލެންސިއާ އިން މެޗު ކާމިޔާބު ކުރީ 2-1 ންނެވެ. މިއީ ވެލެންސިއާއިން ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ހޯދި އަށް ވަނަ ފަހަރެވެ.
ފަހަތުން ބޯޅަ ކޮންޓްރޯލް ކޮށްގެން، ވެލެންސިއާއިން ކުޅުނީ ބޮޑަށް ކައުންޓަ އެޓޭކިން ފުޓްބޯޅަ އެކެވެ. ވެލެންސިއާގެ ކޯޗް މާސެލިއާނޯ ޓީމު އަތުރާލީ 4-4-2 ގެ ސިސްޓަމަށެވެ. ވެލެންސިއާގެ ކައުންޓަ އެޓޭކަށް ޓެކްލް ކުރަންވެގެން ބާސާގެ ކޯޗް ވަލްވެރުޑޭ ސިސްޓަމް އަތުރާލީ 1-4-1-4 ގެ ފޯމޭޝަނަށެވެ.
ބާސާއިން، ދެ ވަނަ ހާފުގައި ވެލެންސިއާގެ ފަލީގައި ތިބެގެން ބޯޅަ ސަޕްލައިކޮށް ދިންނަމަވެސް ވެލެންސިއާގެ ޑިފެންސް ފޫއަޅުވާލެވުނީ އެންމެ ފަހަރަކު އެވެ. އެއީ މެޗުގެ 73 ވަނަ މިނެޓްގައި ލިއޮނަލް މެސީ ކާމިޔާބު ކުރި ލަނޑުންނެވެ.
މެޗުގެ ފަހު ކޮޅުގައި ފުލުފުލުން ބާސާއިން ހަމަލާ އުފައްދަމުން ދިޔަ ނަމަވެސް، ވެލެންސިއާގެ ގޯލް ފޫއަޅުވައެއް ނުލެވުންނެވެ. މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބާސާގެ އެންމެ ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ، ކެޕްޓަން މެސީ އާއި ޑިފެންޑަރު ޖެރާޑް ޕީކޭގެ ވާހަކަތައް ހުރީ، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުރިމަތިވި ހިތްދަތި ބައްޔަށެވެ.
ރޭ ގެ މެޗުގައި ބާސާގެ ބައެއް ކުޅުންތެރިންގެ ފަރާތުން އެންފީލްޑްގައި ކުރި ހިތްވަރުވެސް ދެއްކިފައެއް ނުވެ އެވެ. މި ސީޒަންގައި ބާސާއަށް ކާމިޔާބު ކުރެވުނީ ސްޕެނިޝް ލީގް އެކަންޏެވެ. ބާސާގެ ރައީސް ބާޓެމއުވެސް ވިދާޅުވީ މިއީ މުހިންމު ސީޒަނެއް ކަމަށެވެ. އޭނާ ބުނީ މެޗުން ބަލިވުމުގައި ވަލްވެރުޑޭގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ވަލްވެރުޑޭ އަކީ އަހަރެމެންގެ ކޮންޓްރެކްޓްގައި ހުރި ކޯޗް، މެޗުން ބަލިވީ ކޯޗްގެ މައްސަލައަކުން ނޫން،" ބާޓެމެއު ވިދާޅުވި އެވެ. "އަހަރެމެންނަށް ވަރަށް ބައިވަރު ފުރުސަތުތައް އުފެއްދުނު."
ފައިނަލުގެ ނަތީޖާ އާއެކު އަންނަ ސީޒަންގެ ސްޕެނިޝް ސުޕަ ކަޕުގައި ވާދަ ކުރާނީ މި ދެ ޓީމެވެ.