ވިކްޓަރީ

ވިކްޓަރީގެ ކޯޗަކަށް މުހައްމަދު އާދަމް

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމު، އެ ކުލަބުގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓާ މުހައްމަދު އާދަމް އާ ހަވާލު ކޮށްފި އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ދުވަސް ވަރު، އެ ކޮމިޓީގެ އެންމެ ފަހުގެ ޖެނަރަލް ސެކެޓްރީގެ މަގާމު ފުރި މުހައްމަދު އާދަމް ވަނީ ކުރިން، 19 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް މަސައްކަތް ކޮށްފަ އެވެ. ލަންކާގެ ޓީމަކަށް 2010 ވަނަ އަހަރު އެ ގައުމުގެ މުބާރާތެއް މުހައްމަދު އާދަމް ކާމިޔާބު ކޮށްދިނެވެ. އެއީ ބޭރުގެ ކުލަބެއްގައި ދިވެހި ކޯޗަކު ހޯދި ފުރަތަމަ ކާމިޔާބެވެ.

ވިކްޓަރީ އަކީ، ރާއްޖޭގައި އޭނާ ކޯޗް ކޮށްދޭ ފުރަތަމަ ސީނިއާ ޓީމެވެ. އެފްއޭއެމްގައި މުހައްމަދު އާދަމް ވަނީ އެންމެ ފުރަތަމަ ބޭއްވި މިނިވަން ޝެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކޯޑިނޭޓް ކޮށްފަ އެވެ. އޭއެފްސީ އޭ ލައިސެންސް ހާސިލު ކޮށްފައިވާ މުހައްމަދު އާދަމް ގިނަ ބަޔަކަށް އެނގިފައި ވަނީ ފުޓްބޯޅައިގެ ޓެކްނިކަލް ސައިޑަށް ވުރެ އެޑްމިނިސްޓްރޭޓިވް އާއި މެނޭޖްމެންޓްގެ މީހެއްގެ ގޮތުގަ އެވެ

އޭނާ ވަނީ، 2016 ވަނަ އަަހަރު، ވީއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމުވެސް ދުވަސް ކޮޅަކު ފުރުއްވާފަ އެވެ. އަދި ކުރިން ބޭސްކޯޓްބޯޅަ އެސޯސިއޭޝަންގެ އިސް މާގާމެއްވެސް އޭނާ ފުރުއްވި އެވެ.

އާ ސީޒަނަށް ވިކްޓަރީން ތައްޔާރުވާން ފެށިއިރު، އެޓީމު އޮތީ އުނދަގޫ ހާލަތަކަށް ވެއްޓިފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު އެ ޓީމަށް ކުޅުނު ޖަޕާންގެ މިޑްފީލްޑަރަށް މުސާރަ ނުދިނުމުން، ފީފާ އިން ވަނީ އެ ޓީމުން ޕޮއިންޓް އުނިކޮށްފަ އެވެ. އަދިވެސް އޭނާ އަށް މުސާރަ ދިން ކަމެއް އެނގިފަ އެއް ނުވެ އެވެ.

މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޭން ހުރި އިރު، ބައެއް ކުޅުންތެރިންގެ ފަރާތުން ވަނީ އެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފަ އެވެ. މިދިޔަ އަހަރު ފަހު ކޮޅު ވިކްޓަރީގެ ޗެއާޕާސަން ކަމާ ހަވާލުވި ޑރ. އިބްރާހިމް ނާޝީދުގެ ބޯޑަށްވެސް އެކަންކަން ހައްލު ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތި ވެފަ އެވެ.

މި ސީޒަނަށް ވިކްޓަރީން ޓީމެއް އެކުލަވާލާފައިވާއިރު އެ ޓީމުގައި ގިނައީ، ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައަށް މުޅިން އާ ކުޅުންތެރިންނެވެ. ޓީމު އެކުލަވާލުމުގެ ކުރިން ވމިދިޔަ މަހު ބޭއްވި ޓްރެއަލް އިން ބައެއް ކުޅުންތެރިން ޓީމަށް ނެގި އެވެ.