ހަބަރު

40 ހަމަވެއްޖެ، ވޯޓު ކާމިޔާބު ކުރާނީ ފަސޭހަކޮށް: އަފީފް

May 26, 2019
15

ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ފަރާތެއް ކަނޑައަޅަން އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ތެރޭގައި މާދަމާ ނަގާ ވޯޓުގައި 40 އަށް ވުރެ ގިން މެންބަރުންގެ ތާއީދު ޔަގީންވެފައި ކަމަށް ވިލުފުށީ ދާއިރާއަށް އިންތިހާބު ވެވަޑައިގެންފައިވާ ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ރައީސް ކަމަށް މިހާތަނަށް އެމްޑީޕީގެ ތެރެއިން ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ އަފީފްގެ އިތުރުން އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަސްލަމަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވާފަ އެވެ. ހަމައެއާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަފީފް އެންޑޯޒް ކުރައްވާފަ އެވެ. އެހެންކަމުން އެންމެ ވާދަވެރިކަން ބޮޑީ ވެސް އެ ދެ މެންބަރުންގެ ދެމެދުގަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަފީފް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ނަގާ ވޯޓަށް ތައްޔާރުވުމަށް ގިނަ މެންބަރުންނާ ވާހަކަފުޅު ދައްކަވާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ޕާޓީގެ ތެރެއިން އެކަނިވެސް 40 އަށް ވުރެ ގިނަ މެންބަރުގެ ތާއީދު ލިބިފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.

"މިހާތަނަށް ކުރި މަސައްކަތުން އެމްޑީޕީގެ ތެރެއިން 40 އަށް ވުރެ ގިނަ މެންބަރުން ވަނީ އަޅުގަނޑަށް ތާއީދުކޮށްފައި. އެހެން ޕާޓީތަކުން ވެސް ވަނީ ފެހި ސިގްނަލެއް ލިބިފައި. މި ވޯޓު ފަސޭހައިން ކާމިޔާބު ކުރާނަން،" އަފީފު ވިދާޅުވި އެވެ.

ރައީސް ނަޝީދު ތާއީދު ކުރައްވާ އަސްލަމްއާ ދެކޮޅަށް އަފީފު ވާދަ ކުރައްވާތީ އޭނާއަށާއި ރައީސް ސޯލިހަށް ވެސް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުންގެ ފާޑު ކިޔުން މިދިޔަ ދެ ތިން ދުވަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަފީފް ވިދާޅުވީ އެފަދަ ފާޑު ކިޔުންތަކަކީ ސިޔާސީ ކަންކަމުގެ ތެރޭގައި އުޅޭ އިރު އަންނާނެ އެއްޗެއް ކަމަށާއި ނަމަވެސް މި ވޯޓަށް ފަހު އަނެއްކާވެސް އެކަތިގަނޑަކަށްވެ އެމްޑީޕީ އެ ޕާޓީގެ އަސްލު ރޫހުގައި ފެންނާނެ ކަމަށެވެ.

މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ ގާނޫނާއި ގަވައިދާ އެއްގޮތުގެ މަތިން މަސައްކަތް ކުރައްވާނީ ހުރިހާ މެންބަރުންނާ ގުޅިގެން ކަމަށާއި ވަކި ރައީސްއަކަށް ނުވަތަ ވަކި ބޭފުޅަކަށް ތަފާތެއް ނުކުރައްވާނެ ކަމަށް އަފީފް ވިދާޅުވި އެވެ.