ކުޅިވަރު

ގްރީން ސްޓްރީޓުން މޮބައިލް އެޕެއް

ކުލަބު ގްރީން ސްޓްރީޓަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް، އެ ކުލަބުން ތައާރާފް ކޮށްފި އެވެ.

މިއީ ރާއްޖޭގެ ކުލަބަކުން، އެ ޓީމަކަށް ހާއްސަ ވަކި އެޕްލިކޭޝަނެއް ނެރުނު ފުރަތަމަ ފަހަރެވެ. ގްރީން ސްޓްރީޓުން މި އެޕްލިކޭޝަން ބޭނުން އެންމެ ބޮޑަށް ހިފަނީ ކުލަބުގެ އެޑްމިނިސްޓްރޭޓިވް ކަންކަންތައްތަކަށެވެ. ކުރިއަށް އޮތްތަނުގައި ކުލަބުގެ ސަޕޯޓަރުންނާއި ކުލަބާ ގުޅުވައިދޭ ކުރެވޭ ފާލަމަކަށް ވެސް މި އެޕް ބަދަލު ވެގެންދާނެ ކަމަށް އެ ކުލަބުން ބުނެ އެވެ.

"އެޕލިކޭޝަން އާއެކު ކުލަބުގެ ޑެއިލީ މެނޭޖްމެންޓްސްތައް ވަރަށް ބޮޑަށް ފަސޭހަ ވެއްޖެ،" ކުލަބުގެ އޮފިޝަލަކު ބުންޏެވެ. "މިވަގުތު އެޕްގައި ހިމެނޭނެ ކުލަބު އެޑްމިނިސްޓްރޭޓިވް ހުރިހާ ފީޗާސްތަކެއް، ކުރިއަށް އޮތް ތަނުގައި ސަޕޯޓަރުންނަށްވެސް ކުލަބާ އެޓޭޗް ވެވޭނެ ގޮތަށް ޑިވަލަމްޕެމްޓްސް ގެންނާނަން."

އެޕްގައި މިވަގުތު އެކުލެވޭ ފީޗާސްކުގެ ތެރެއިން، މެނޭޖުކޮށް ބެލެހެއްޓޭނެ ދާއިރާ ތަކަކީ، ކުލަބުގެ ރެވިނިއު، އިންވެންޓްރީ، ދުވަހުން ދުވަހަށް ހިނގާ ހަރަދުތައް، އެކައުންޓްސްގެ ތަފްސީލް، ކުލަބުގެ ހަރަކާތްތަކުގެ ޝެޑިއުލް މެންބަރުންގެ ދަފުތަރެވެ. މީގެ އިތުރުން، ބައްދަލުވުންތަކާއި ބައްދަލުވުންތަކު އެޖެންޑާ އާއި ޔައުމިއްޔާ ވެސް ބެލެނޭ ފީޗާސްތައް އެޕްލިކޭޝަންގައި ހިމަނާފައި ވެއެވެ.

ގުރީން އިން ބުނީ، އެޕްލިކޭޝަންގެ ކާމިޔާބަށް ބެލުމަށް ފަހު ރާއްޖޭގެ އެހެން ކުލަބުތަކަށް އެ އެޕްލިކޭޝަން ވިއްކުމަށްވެސް އެ ކުލަބުން މަސައްކަތް ކުރަމުން ދާ ކަމަށެވެ. ދެހާސް ސަތަރަ ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަން ފެށި ގުރީން ސްޓްރީޓުން ދަނީ އަހަރުން އަހަރަށް ކުލަބުގެ ނަތީޖާތައް ވަރުގަދަ ކުރަމުންނެވެ.

މި އަހަރަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ވަނީ، އަލީ އަޝްފާގް އާއި މުހައްމަދު އުމޭރު އަދި މުހައްމަދު އާރިފް 'ބަކާ' ގެ އިތުރުން ހަސަން އަދުހަމް އާއި ރިލްވާން ވަހީދު 'ރިލޭ' ވެސް އެ ޓީމަށް ގެނެސްފަ އެވެ. ޓީމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުލަބުގެ މެނޭޖުމެންޓުން ދަނީ އިންވެސްޓްމެންޓެއް ކޮށް ކުލަބަށް ފައިސާ ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.