ހަބަރު

ތަރައްގީގެ މަޝްރޫއުތައް ވެސް ވޯޓާ ގުޅިއްޖެ!

ދާއިރާތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މެންބަރުން ވޯޓު ދެއްވާ ގޮތަކުން ކަމަށް މިނިސްޓަރުން ވިދާޅުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރަން ފަށައިފި އެވެ.

މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކާމެދު އެމްޑީޕީގެ އެތެރޭގައި ވަނީ މައްސަލަ ހޫނުވެފަ އެވެ. ޕާޓީގެ ތެރެ ވަރަށް ބޮޑަށް ވަނީ ދެ ކަފިވެފަ އެވެ.

އޭގެ ތެރެއިން އެއް ބަޔަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ފެކްޝަން" ކަމަށް އަޑުތައް ފެތުރިފައި ވެއެވެ. އެ ފެކްޝަނުން ބޭނުންވާ ކެންޑިޑޭޓަކީ ވިލުފުށީ ދާއިރާއަށް އިންތިހާބުވެފައިވެ ވަޑައިގެންފައިވާ ހަސަން އަފީފެވެ. އަނެއް "ފެކްޝަން" އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ. އެ ފެކްޝަނުން ބޭނުން ވަނީ މުހައްމަދު އަސްލަމް މަގާމަށް ގެންނާށެވެ.

އިދިކޮޅު ޕާޓީތަކުން ވެސް އަފީފަށް ތާއީދު ކޮށްފައިވާއިރު، ސަރުކާރުގެ އިސް ބޭފުޅުންގެ ވެސް ތާއީދު އޮތީ އަފީފަށެވެ. އެގޮތުން ސަރުކާރުގެ ބައެއް މިނިސްޓަރުން، އިންތިހާބުވެފައިވާ އެމްޑީޕީގެ މެންބަރުންނަށް ގުޅުއްވައި ދާއިރާތަކުގެ ތަރައްގީގެ މަޝްރޫއުތަކުގެ ބަދަލަށް އަފީފަށް ވޯޓް ދެއްވުމަށް އެދިވަޑައިގަންނަވަމުންދާ ކަމަށް ވެއެވެ.

ނަން ނުޖަހާ ގޮތަށް އަވަސްއަށް ވާހަކަ ދެއްކެވި މެންބަރަކު ވެސް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ދާއިރާގައި މަޑުޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންގެ މިހާރުން މިހާރަށް ބޭނުންވާ މަޝްރޫއުތައް ސަރުކާރުގެ މިނިސްޓަރަކު ގުޅުއްވައި ސާފު ކުރެއްވި އެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައެއް މަޝްރޫއުތަކުގެ އަމަލީ ސިފަ ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ޝަރުތަކީ އަފީފަށް ވޯޓު ދެއްވުން ކަމަށް އެ މެންބަރު ވިދާޅުވި އެވެ.

މިއަދު ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ އެފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ. އީވާ ވިދާޅުވީ ތަރައްގީގެ މަޝްރޫއު ހިންގަނީ މިނިސްޓަރުން ވިދާޅުވާ ގޮތަށް ވޯޓު ދެއްވީމައޭ މެންބަރުން ކައިރީގައި ވިދާޅުވުން ހަޑި ކަމަށެވެ.

"ވެރިކަން ބަދަލު ކުރީ މި އަޑު ނާހަން، މިގޮތް ކަމުނުދިޔައީމަ، މަޖިލިސް މެންބަރުން ސިހޭ ކަށް ނުޖެހޭ،" އަސްލަމަށް ތާއީދު ކުރައްވާ އީވާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު އަސްލަމްގެ ނަމުގައި ފޭކް މެސެޖެއް ވެސް ދައުރުކޮށްފައިވެ އެވެ. އެ ދުވަހު އަވަސްއާ ވާހަކަ ދައްކަވަމުން އަސްލަމް ވަނީ އެކަމަކީ ވެސް ސަރުކާރުގެ އިސް ފަރާތްތަކެއް އިސްވެ ތިބެގެން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ޓްވިޓާގައި ވެސް މިކަން ހޫނުވެ، އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަނީ ދޮގު ތުހުމަތުތައް އެކަކު އަނެއްކަކުގެ ބޮލުގައި ނޭޅުވުމަށް އެދިވަޑައިގެންފަ އެވެ. ފައްޔާޒު ވިދާޅުވީ ރީތިކޮށް ސުލަހަވެރި ކަމާއެކު ކެމްޕެއިން ކުރެވޭނެ ކަމަށާއި ނަމަވެސް މިހާރު ކަންކަން ގޮސްފައިވަނީ މާ މައްޗަށް ކަމަށެވެ.

ރޭ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕްގެ ސްކްރީންޝޮޓްތަކެއް ވެސް ލީކްވެފަ އެވެ. އޭގައިވާ ގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕް ރުޅިވެރިވެ ބައިބައިވެއްޖެނަމަ އޭގެ ހިތި ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް ފޯރާނެ އެވެ. މިނިސްޓަރުންނަށް ވެސް ރައީސް ސޯލިހަށް ވެސް ދަތިފުޅުވާނެ ކަމަށެވެ.

އަންނަ ހޯމަ ދުވަހު، އެމްޑީޕީ ޕީޖީ ގުރޫޕްގައި މިކަމަށް ވޯޓު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް ހޮވާ އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންގާރަ ދުވަހުގެ ރޭ އެވެ.

އަފީފަށް ތާއިދު ކުރައްވާ، މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި އޭނާއަކީ ސަރުކާރަށް ނިސްބަތްވާ މެންބަރަކަށް ވާއިރު މަސައްކަތް ކުރައްވާނީ ރައީސް ސޯލިހުގެ ލަފަޔާއެކު އެވެ. ސަރުކާރުގެ ވައުދުތައް ފުއްދުމަށް ރައީސް ސޯލިހަށް އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.