(22 މެއި 2019 އާ ގުޅޭ)
"އާން، ދަރިފުޅު ކިހިނެއްވީ މިގަޑީގަ ތިގުޅާލީ" ސަޢީދު ކުރަންހުރި މަސައްކަތާއި ދުރަށް ޖެހިލަމުން ވާހަކަދެއްކިއެވެ. ޝީމާދު އެދުނީ އޭނަ އާއި ބައްދަލުކޮއްލުމަށެވެ. ވާހަކައިގެ މުހިއްމުކަމުން ސަޢީދު އާއި ދިމާނުވެ އެވާހަކަ ނުދެއްކޭނެތީއެވެ. ސަޢީދު ގަޑިއެއް ބުނެ ފޯނުބޭއްވީ އެގަޑީގައި ބައްދަލުކުރުމަށް ދާނެތަނެއްވެސް ބުނަމުންނެވެ.
މެންދުރުގެ ކެއުން ޝިމާދު އާއި ޝަރަފް ހަމަޖެއްސީ ރެސްޓޯރެންޓަކުން ކާގޮތަށެވެ. އެތަން ހަމަޖެއްސީ ސަޢީދުގެވެސް އެދުމާއިއެކުއެވެ. އެމީހުން ތިބިތަނަށް ވަދެގެން އައި ސަޢީދު ފެނުމުން ޝިމާދު ހަނާއަޅާލިއެވެ. ސަޢީދުއަށް ޝިމާދުގެ ގާތުގައި އިން ޝަރަފް ފެނުމުން ހައިރާންވިއެވެ.
"ޝަރަފްވެސް އެބައިނިން ދޯ.......ބައްޕަ ހީކުރީ ޝިމާދު ބައްދަލުކޮއްލަން ބޭނުންވީކަމަށް" ސަޢީދު ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ބުނެލިއެވެ.
"ބައްޕާ، އަޅުގަނޑުމެން ދެކުދިންވެސް ދައްކަންމިއުޅެނީ ހަމައެއްވާހަކައެއް...." ޝިމާދު ޝަރަފްއަށް ބަލާލަމުން ބުނެލިއެވެ.
"ބައްޕާ، މަންކޮ...........އަޅުގަނޑުމެން އެއްވެސް ކުއްޖަކު ގަބޫލެއްނޫން މަންކޮގެ ކައިވެންޏަށް މަޖޫބުރުކުރާކަށް، މަންކޮ ދެރަވެގެން އުޅޭތީ އަޅުގަނޑުމެންވެސް ވަރަށް ދެރަވޭ، ބޭނުމެއްނޫން މަންކޮއަށް ދެރަގޮތެއް މެދުވެރިވާކަށް...........އަޅުގަނޑުމެން ހުރިހާ ކުދިންނާ މުޅި އާއިލާ އާއިވެސް އެހެންނޫނީ މަންކޮ އާއި އޮތް ގުޅުން ކެނޑިދާނެ......." ޝަރަފްގެ ވާހަކަ ސަޢީދު މެދުކަނޑާލިއެވެ.
"އެކަމަކު.........." ސައީދު އެއްޗެއް ބުނަން އުޅުނެވެ.
"ބައްޕާ، މަންކޮ ކުޑަކުޑައިރުއްސުރެ އަހަރުމެންގެ ލޯމަތީގައެއްނޫންތަ ބޮޑުވީ، އަޅުގަނޑުމެން އެކަކަށްވުރެވެސް މަންކޮގެ ހިޔާލުތައް ތަނަވަސްވެފައި ތޫނުފިލި، މަންމަ އާއި ބައްޕަ ބޭނުންވިގޮތަށް، ކިޔަވައި މޮޅުކުއްޖަކަށްވި، ދުވަހަކުވެސް މަންމަ އާއި ބައްޕަގެ ބަސްނާހައެއްނޫޅޭ...........ވީއިރު.............ވީއިރު މަންކޮގެ މިނިންމުން ގޯސްވެދާނެކަމުގައި އަޅުގަނޑުމެން ހީކުރި ހީކުރުން ރަނގަޅުކަމަކަށް ނުފެނޭ...........އަޅުގަނޑުވެސް ޝަރަފްވެސް ބޭނުންވަނީ މަންކޮއަށް ފުރުޞަތެއްދޭން...........ދުނިޔޭގެ ކަންތައްތައް ދަސްވާނީ ދުނިޔެއާއި ކުރިމަތިލުމުން، އެއްގޮތަކަށްވެސް މަޖުބޫރު ކުރުން އެއީ ހައްލެއްނޫން..........މަންކޮ އާއިލާގެ އުފަލައްޓަކައި ކައިވެންޏަށް ގަބޫލުވެ އަދި ބުނިހާގޮތެއް ހަދައިގެން އުޅުނަސް، މަންކޮގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ހިތްހަމަޖެހުމެއް ނުފެނޭ........ބައްޕާ ފްލީސް، މިކަމާ ވިސްނާލަދެއްވާ.........މަންކޮގެ މުޅި ލައިފް އަޅުގަނޑުމެންނަށް މިހަލާކުކޮއްލެވެނީ........" ޝިމާދު އާދޭހުގެ ރާގެއްގައި ވާހަކަދެއްކިއެވެ.
ސަޢީދުއަށް ބުނާނެއެއްޗެއް ނޭގުނެވެ. އެކަމަކު ދެފިރިހެންދަރިންގެ ވާހަކަ އަޑުއެހިއެވެ. ލޯބިވާ އަންހެން ދަރިފުޅުގެ މުޅި ދިރިއުޅުން ހަލާކުގެ ތެރެއަށްވެއްޓިދާނެކަމުގެ ބިރު އޭނައަށް ހީވެފައިވީ މިއަދަކު ނޫނެވެ. ދާއިން އެންމެ ފުރަތަމަ މަންހާގެ ކައިވެންޏަށް އެދި އައި ރެއިންފެށިގެންވެސް އޭނަ ވިސްނަނީއެވެ. މަންހާއަށް ރަނގަޅުވާނެ ގޮތަކަށް ނިންމުމަށެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެ ހުރުމުގެ ސަބަބުން އޭނަ އެންމެ ދެކެން ބޭނުންނުވާ ދުވަސް އަތުވެދާނެތީ ކަންބޮޑުވެފައިވެއެވެ. ޝިމާދު އާއި ޝަރަފްގެ ވާހަކަތަކުންވެސް އޭނައަށް ހިތްވަރެއްލިބިއްޖެއެވެ. އެކުދިންވެސް އޭނަފަދައިން ބޭނުންވަނީ މަންހާގެ އުފާވެރިކަމެވެ.
"ބައްޕަ މަންހާ އާއި ދޭތެރޭ ނުވިސްނަނީކީ ނޫނޭ، ދާއިންގެ ރިވެތި އަޙްލާގު ދެނެގަންނާކަށް އަހަރެން އިތުރުއެހީއެއް ބޭނުމެއްނުވޭ........ބައެއް ފަހަރު ހިތަށް އަރާ.............ދާއިންއަކީ މީހެއްގެ ފިރިއެއްކަމަކު، މަންހާ އުފަލުގަ ބަހައްޓާނެއޭ..........ބައްޕަވެސް ބޭނުން މަންހާ ހިނިއައިސް ހިތްހަމަޖެހިލާފައި ހުންނަތަން ދެކެން، މަންހާގެ އެއްވެސް ނިންމުމެއް މިހާތަނަށް ގޯސްވެފައެއް ނެތް...............އެކަމަކު............މޫސައަކީ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ، އެއާއިލާއަށް ބައްޕަ ދޭނީ ކޮންޖަވާބެއް؟ ވިޝާލް ހިތަށް އަރާނީ ކީކޭ...........އެވެސް އަޖައިބެއްފަދަ ކުއްޖެއް، މިކަމުގަ އެހުންނަނީ ހަމަބަހެއްވެސް ބުނެނުލާ.........ވިޝާލް އާއި މަންހާގެ ގުޅުމެއްވާކަމުގައި ބައްޕައަށްވެސް ހީކުރެވުނު.........." ސަޢީދު އިސްޖަހާލައިގެން އިނދެ ވާހަކަދެއްކިއެވެ.
"ވިޝާލްއަށް އެކައިވެނި ކުރުމަށް ވިސްނާދީ އޭނަގެ ދޫބަންދުކުރީ އަޅުގަނޑު، އެކަމަކު އޭނައަކީ އަމިއްލަ އެދުމުން ފުރިގެންވީ މީހެއްނޫން، އޭނަ ބޭނުންވީ މަންކޮގެ ހިތްހަމަޖެހުން.........ރޭގަ ވީޝާލް އަޅުގަނޑާއި ދޮންބެ ގާތުބުނެފި އޭނަ މަންކޮ އާއި ކައިވެންޏެއް ނުކުރާނަންކަމަށް، އެގޮތަށް މަޖޫބުރުކޮއްގެން ކައިވެނި ކުރުވަންބޭނުންވާނަމަ އެހެން މީހަކު ހޯދުމަށްވެސް ބުނި.............ވިޝާލްގެ އާއިލާގާތު ހުރިހާ ވާހަކައެއް ކިޔާދޭނަން ކަމުގައިވެސް ބުނި.........ބައްޕާ، މަންކޮގެ ހިތްހަމަޖެހުމަކީ ދާއިން، އެކައިވެންޏަށް ހުއްދަދެއްވާ............އަޅުގަނޑުމެންނަކަށް މަންމަ އާއި ވާހަކަދައްކާކަށް ނުކެރޭނެ.........." ޝަރަފް ބުނެލިއެވެ.
"ބައްޕަ ތިކަމާ ވިސްނާނަން.......މަންމަ އާއިވެސް ވާހަކަދައްކާނަން..........." ސައީދު ގޮތެއްނިންމާނަންކަމުގެ ޔަގީންކަންދެމުން ދެދަރިންނަށް ބަލާލިއެވެ.
މަންހާ އޭނަގެ އަލަމާރީގެ ވަތްގަނޑެއް ހުޅުވާލުމާއިއެކު ކަޅުކުލައިގެ ލެދަރުކަވަރެއްލާފައިވާ ފޮތެއް ނެގިއެވެ. އަދި އޭގައި ނޯޓުކޮއްފައިވާ އެއްޗެއް ބަލާލުމަށްފަހު ދާއިން އާއި ވާހަކަދައްކާ ފޯނުން ނަންބަރަކަށް ގުޅާލިއެވެ. ކޮޓަރީގެ ދޮރު ތަޅުލައިގެން ކާޕެޓުމަތީ ދެފައިވައްކޮއްލައިގެން އިށީނދެ އިންމަންހާ ފޯނުކުރަމުންދިޔައީ އޭނަ ބަލަންއިން ފޮތުގައި ނޯޓު ކުރެވިފައިވާ ނަންބަރުތަކަކަށެވެ. ދެތިންފަހަރު އެއްނަންބަރަކަށް ގުޅާލުމުން ފޯނެއްނުނަގައެވެ. އަނެއްކާވެސް އެހެންނަންބަރަކަށް ގުޅާލިއެވެ.
"ހެލޯ......ތީކާކު........" މަންހާއަށް އެއްޗެއް ބުނެވުމުގެ ކުރިން ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކިއަޑުއިވިގެންދިޔައެވެ.
"އެލީ............." މަންހާއަށް އަލީޝާގެ އަޑުކަންފަތުގައި ޖެހުމާއިއެކު ރޮވިއްޖެއެވެ.
"މަންހާ.....އޭ މަން...............ރޮނީތަ...........އަނެއްކާ ކިހިނެއް ހަދައިގެން ތިއުޅެނީ........އަހަރެންގެ އެންމެ ފަހުދަތުރު ނިންމާފަ އައިސްވެސް މަންއަށް ގުޅިން، ފޯނު ނިއްވާލަފޭ ބުނަނީ، ނަންބަރު ބަދަލު ކުރީތަ؟ މާނީވެސް އުޅުނު މަންގެ ހަބަރެއް ނުވެގެން..............މަން..............އަޅެ ކީއްވެތަ ތިރޮނީ................ޕްލީޒް ބުނެބަލަ..............އަހަރެން ތިގެއަށް ދަންތަ؟" އަލީޝާގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.
"ހޫމް.............އެލީ.............." މަންހާއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އޭނަގެ ރަޙުމަތްތެރިންގެ މަތިން އޭނަ ހަނދާނެއްނުނެތެއެވެ. އެމީހުން މިކަމުގެ ތެރެއަށް ނުވެއްދުމަށް މަންހާ ނިންމީވެސް އަމިއްލައަށެވެ. އެކަމަކު ދާއިން ގެއްލި އޭނަގެ ރަޙުމަތްތެރިންވެސް ގެއްލިޖެނަމަ މިބޮޑު ދުނިޔޭގައި އޭނަ މުޅިން އެކަނިވީއެވެ.
"ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ ދަރިފުޅު؟" މޫސަ އާއިއެކު ގޭގެ ޓެރެސްގައި ކޮފީތައްޓެއް ބޯން އިން ވިޝާލްއަށް މޫސަ ބުނެލިއެވެ. ހަވީރުގެ ހިޔާ އެޅިފައިވުމާއިއެކު މޫސަ ބޭނުންވީ ޓެރެސްގައި އިނދެ ސައިބޯލުމަށެވެ. އެހެންނަމަވެސް އެންމެ ފަހުވަގުތު ހިޔާލުބަދަލުވީ ހަމައެކަނި ކޮފީތައްޓެއް ބޯލުމަށެވެ.
"ބޮޑުބައްޕަ އަބަދުވެސް އަޅުގަނޑަށް އިތުބާރުކުރައްވަމެއްނޫންތޯ، އަޅުގަނޑު މިބުނީ ސާފުތެދު، އާއިލާއަށް އޮޅުވާލާކަށް ބޭނުމެއްނޫން..........." ވިޝާލް ދެރަވެފައި އިނދެ ބުނެލިއެވެ.
"އެއީ ތެދެއް ބައްޕާ............ވިޝާލް ކޮއްކޮ އެބުނަނީ ހަމަ އެކަން އޮތްގޮތަށް، މަންކޮ އާއި ވިޝާލް ކޮއްކޮ އާއިމެދު އެއްވެސް ގުޅުމެއްނުވޭ..........މީމަޖުބޫރުން ކުރެވޭ ކައިވެންޏެއް، މަންކޮއަށް ވަސިންތަމެން މަޖުބޫރުކުރަނީ ވިޝާލް ކޮއްކޮ އާއި ކައިވެނި ކުރަން..........." މޫސަމެންގެ ކައިރިއަށް އައިސްހުއްޓުނު ޖެނީ ވިޝާލްގެ ވާހަކަތަކައް ހެކިވިއެވެ.
"އެއީ ކީއްވެ، މަންހާ ފެނިފަވެސް ބޮޑުބައްޕައަށް ހީވިއޭ އެކުއްޖާ މިކައިވެންޏާއިމެދު ހިތްހަމަނުޖެހޭހެން، އަނެއްކާ ސަޢީދުގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން ވަރަށް ރަނގަޅަށް ފެނުނު...........ކީއްވެތަ މަޖުބޫރު ކުރުވަންޖެހުނީ" މޫސައިނީ މިވަނީ ކިހިނެއްކަން އަދި ނޭގިފައެވެ.
"އަޅުގަނޑު މަންހާދެކެ ލޯބިވޭ، އެކަމަކު މަންހާ ބޭނުންވަނީ އެހެންމީހަކާއި ގުޅެން، އޭނަ މަންހާގެ ކައިވެންޏަށް އެދިގެން އައުމުން މަންހާގެ އާއިލާ އެކަން މަނާކުރީ، އެއީ މީހަކާއި އިނދެގެން އުޅޭމީހަކަށްވީމަ........ޝަރަފް އަޅުގަނޑު ގާތުން އެދުނީ އޭނަގެ ކޮއްކޮ އާއި ކައިވެނި ކޮއްދިނުމަށް..........ކުޑަ ވަގުތުކޮޅަކަށްވިޔަސް އަޅުގަނޑު ހިތަށް އެރީ މަންހާގެ ހިތާމަތައް ފިލާވަރަށް ލޯބިދެވިދާނެއޭ..................ބޮޑުބައްޕާ، އަޅުގަނޑުގެ ސަބަބުން މަންހާއަށް އިތުރު ހިތްދަތިކަމެއް ލިބިއްޖެ...........އަޅުގަނޑު ބޭނުންވަނީ މަންހާގެ ހިތްހަމަޖެހުން، އަޅުގަނޑަށް އެއެއް ނުދެވޭނެ، އަޅުގަނޑު ބޭނުންވަނީ މިކައިވެނި ކުރެވުމުގެ ކުރިން ރޫޅާލަން..............." ވިޝާލްގެ މޫނުމަތީގައިވި ހިތްދަތިކަން މޫސައަށް ދެނެގަތުމަށް އުނދަގުލެއްނުވިއެވެ.
"ދަރިފުޅު ބޭނުންވަނީ އެގޮތްތައް..............ޔަގީންތައް އެމީހަކާއިއެކު މަންހާގެ ދިރިއުޅުން ހަމަޖެހޭ ދިރިއުޅުމަކަށްވާނެކަން..............ބައެއްފަހަރު އަންހެން ކުދިން ވަރަށް ޅަވާނެ، ރަނގަޅުގޮތް ފަހުންވެސް ވިސްނޭތަން އާދޭ....." މޫސަގެ މޫނުމަތީގައިވަނީ ކީކޭކަމެއް ވިޝާލް އާއި ޖެނީއަށްވެސް ނޭގުނެވެ.
"ބޮޑުބައްޕާ......އަޅުގަނޑު ވަރަށް އުއްމީދާއިއެކު މިވާހަކަ މިދެއްކީ، އަޅުގަނޑު އެއްގޮތަކަށްވެސް ބޭނުމެއްނޫން މަންހާ އާއި ގުޅޭކަށް.......ބޮޑުބައްޕަގެ ނިންމެވުމަކީ ހަމަ ތިއީތަ؟" ކަންބޮޑުވެފައިހުރި ވިޝާލް ބުނެލިއަޑުއިވުނެވެ.
"ބައްޕާ، ޕްލީސް........ތިގޮތަށް ނިންމަވާނުލައްވާ" މިހެންބުނެލަމުން ޖެނީ ކުރިއަށްވުރެވެސް ބޮޑަށް އާދޭސްކުރާފަދަ ނަޒަރަކުން މޫސައަށް ބަލާލިއެވެ.
"ބައްޕަ އަދި ނުނިންމަމޭ ވަކި ގޮތަކަށް، އެހެންނޫނަސް މިބައްޕަގެ ތިދެކުދިންނާއި ހިލާފަށް ފިޔަވަޅެއް ނާޅާނެކަން އެނގެންވާނެ އެއްނު، ދަރިފުޅު ވިޝާލް ބޭނުންވާ ގޮތަކަށް ބޮޑުބައްޕަ ކަންތައްކުރާނީ........ހަގީގަތުގަ މިހާދުވަހު ބޮޑަބައްޕަ މިއައީ ދަރިފުޅާ މަންހާގެ ކައިވެނީގެ ހުވަފެންދެކެމުން، ދަރިފުޅު މަންހާ އާއި ގަޔާވާކަންވެސް ބައްޕައަށް އެނގޭ، އެހެންވެ އަމިއްލަ އެދުން އިސްކުރަން ބޭނުންވަނީ........ހަމަ ޔަގީންތަ ތިޔަ ނިންމުމާއި ދޭތެރޭ ދަރިފުޅު އުފާވާނެކަން؟" މޫސަގެ ހުރިހާ ސަމާލުކަމެއް ވިޝާލްއަށް ދެމުން އަހާލިއެވެ.
"ބޮޑުބައްޕާ، އަޅުގަނޑު މަންހާ ބޭނުންނުވާތީ ނިންމާ ނިންމުމެއްނޫން މީ، އެކަމަކު އޭނަގެ އިޙްސާސްތަކަށް ގަދަރުކުރުމުގެ ގޮތުން، އަހަރުމެން ދެމީހުންގެ މެދުގައި އޮތް ކުޑަކުޑަ ގުޅުންވެސް ކެނޑިގެން ހިނގައިދާނެކަމުގެ ބިރާއެކު، މަންހާގެ ކަންތައްތައް އަޅުގަނޑަށް އެނގޭތީވެ......" ވިޝާލް ބުނެލިއެވެ.
"ދަރިފުޅަށްޓަކައި ބޮޑަބައްޕަ ސަޢީދު އާއި ވާހަކަދައްކާނަން، މިކައިވެނި ކުރެވެންނެތްވާހަކަ ބުނާނަން.......އެކަމަކު މަންމައަށް މިހަބަރު ދޭނަގޮތެއް ނުވިސްނެނީ، އެކަމާ ދަރިފުޅުމެން ވިސްނަން ހަދާނެކަމެއްނެތް، މަންމަ އާއިވެސް ބައްޕަ ވާހަކަދައްކާނަން........" މޫސަ ވިޝާލް އާއި ޖެނީއަށް ހިނިތުންވެލަމުން ބުނެލިއެވެ.
"ވީހާވެސް އަވަހަކަށް މިކަން މަންހާގެ އާއިލާއަށް އެނގެން އަޅުގަނޑު ބޭނުން" ކެތްތެރިކަން ކުޑަގޮތަކަށް ވިޝާލް ބުނެލިއެވެ.
"މިރޭ ތިވާހަކަ ސަޢީދު އާއި ހަމައަށް ގެންދާނަމޭ، އެނިމުނީނު" މޫސަ ހިފަހައްޓައިގެން އިން ހުސްޖޯޑު ޖެނީއަށް ދިއްކޮއްލަމުން ބުނެލިއެވެ. އަދި ތެދުވެ ޓެރެސްއިން ފައިބަން ހިނގައިގަތެވެ.
"އަހަރެން ވަރަށް އުފާވެސް ވެއްޖެ އަނެއްކޮޅުން ވަރަށް ދެރަވެސްވެއްޖެ........ވިޝާލް ތިފަދަ ނިންމުމެއްނިންމީތީ އުފާކުރީ، ދެރަވީ ވިޝާލްގެ އަތުން މަންހާ ބީވެގެން ދާނެކަން އެނގޭތީ.........ވިޝާލްގެ ތިހިތްވަރަށް ތުއްތަ ސާބަސްދޭހާވޭ........މާދަން ވާނެގޮތެއް އެކަކަށްވެސް ނޭގޭނެ، ނަސީބު އައިސް ވިޝާލްގެ އަތުގައި ހިފާނީ ކޮންއިރަކުކަމެއް ނޭގޭނެ، ހިތްވަރު ދޫނުކުރާތި، ވިޝާލްގެ ހަޔާތަށް އެފަދަ ހާއްޞަ ކުއްޖަކު އައުން ތުއްތަ އެދެނީ" ޖެނީގެ ހިތަށްވެސް އަސަރުކޮއްފައިވެއެވެ.
އަލީޝާ އާއި އަމާނީ ސަލާމްގޮވާލިއަޑަށް ސިޓިންރޫމުގައި ތިބި ވަސީމާ އާއި ޖޫން ބަލާލިއެވެ. ޖޫންއަށް އެއީ ކޮންކުދިބައެއްކަން ނޭގުނު ކަމުގައި ވިޔަސް ވަސީމާއަށް އެކުދިންފެންނަންވާއިރަށް އެއީ ކޮންބައެއްކަން އެނގުނެވެ.
"މަންކޮ މަންމާ......ކިހިނެތްތޯ، މަންކޮ އާއި ބައްދަލުކޮއްލަން މިއައީ" އަލީޝާ އިސްވެ ވާހަކަދެއްކިއެވެ. ވަސީމާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވެގެންދިޔައެވެ. އެކަން އަލީޝާ އާއި އަމާނީގެ އިތުރުން ވަސީމާގެ ފަހަތުގައި ކަހަލަގޮތަކަށް ހުރި ޖޫންއަށްވެސް ފެނިގެންދިޔައެވެ.
"މަންހާ ނިދާފަ އޮތީ......." ވަސީމާ ޖެހިލުމެއްނެތި ބުނެލިއެވެ. ޖޫން ހައިރާންވިއެވެ. އޭނައަށް ދޮރުމަތީތިބި ދެކުދިންނަކީ މަންހާގެ އެކުވެރިންކަން ނަގައިގަނެވުނެވެ.
"މަންމާ..........އެއީ މަންކޮގެ ރަޙުމަތްތެރިކުދިންނެއްނު، އެކުދިންވައްދަން ވާނެއެއްނު" ޖޫން ސިއްރުސިއްރުން ވަސީމާގެ ކަންފަތްކައިރީ ބުނެލިއެވެ. ވަސީމާ އެއްގޮތަކަށްވެސް އަލީޝާމެން ވައްދާކަށް ހިތްހަމައެއްނުޖެހުނެވެ. އެހެންނަމަވެސް ޖޫންއަށް އެގޮތް ކަމުނުދިއުމާއިއެކު ވަސީމާގެ ކުރިއަށް ޖެހިލަމުން އަލީޝާމެންނަށް އެތެރެއަށް ވަނުމަށް އެދުނެވެ.
"މަންކޮ މިހާރު ހޭލާވެސް އުޅެދާނެ.........ބަލާލާފަ އަންނާނަން އެނގޭ" ޖޫން ހިނިތުންވެލަމުން ބުނެލިއެވެ.
"އަޅުގަނޑުމެން މަންހާގެ ގާތަށް ދިޔަޔަސް އެންމެ ރަނގަޅުތޯ" އަލީޝާ ޖޫންގެ ގާތުން އެދުނެވެ. އެއާއިއެކު ޖޫން އަތުން ސިޑިއާއި ދިމާލަށް އިޝާރާތްކޮއްލަމުން ބޯޖަހާލީ އެންމެ ރަނގަޅުކަމުގައި ބުނުމަށެވެ.
"އެމީހުން މިގެއަށް ނުވައްދަންވެގެންނޭ އަހަރެން މިހިރީ...." ސިޑިން އަރައިގެން ދިޔަ އަލީޝާ އާއި އަމާނީ ލޮލަށް ގެއްލެމާއިއެކު ވަސީމާ ޖޫން އާއި ކުރިމަތިލަމުން ބުނެލިއެވެ.
"މަންމާ، އެއީ މަންކޮގެ ރަޙުމަތްތެރިންނޭ، އެކުވެރިންނާއި ވާހަކަ ދައްކާލާ ހަދާލަނިކޮށްވެސް މަންކޮގެ ހިތްހަމަޖެހިދާނެ............މަންމަ ތިއުޅުއްވަނީ މަންކޮ މިގޭގެ ހަތަރުފާރުތެރޭ ހައްޔަރުކޮއްގެން ގެންގުޅެންތަ، ކުރިން އަޅުގަނޑު ނުދެކެން މަންމަގެ މިސިފައެއް" ޖޫން ސިއްރުން ވާހަކަދެއްކިއެވެ.
"އެ މަންހާ އަކާހެދިއޭ މަށަށް މިހެން ވާންޖެހުނީ، ރައްޓެހިވާކަށްވެސް ވަކި މީހެއް ނޯވޭ ވިއްޔަ، އެކަމެއް ކުރުމުގެ ކުރިން އޭނައަށް އެނގެން ޖެހޭނެއެއްނު އަހަރުމެން ގަބޫލެއްނުވާނެކަން، އެކުދިންނަށްވެސް ޔަގީން މިކަމެއް އެނގޭނެކަން، އެމީހުންވެސް އެއައީ ޚަބަރު ހިފައިގެން ނޫނީ ޚަބަރު އޮޅުން ފިލުވަންވެގެން............އެހެންވެ އެމީހުން މިގެއަށް ވައްދަން އަހަރެން ބޭނުންނުވީ.........ޖޫންވެސް މިކަމަށް ފާޑު ނުކިޔާ............އެފިރިހެންމީހާ މަންހާގެ ސިކުނޑި ކާލާފަ އެބަހުއްޓޭ ވަރަކަށް........" މިހެން ބުނެލަމުން ވަސީމާ ދަތްކުނޑިވިކާލިއެވެ.
"ދެން ހެޔޮ މަންމާ، ތިއުމުރަށް ދިޔައީމަ ތިހާ ރުޅިގަދަވާކަށް ނުވާނެ.............އަޅުގަނޑުވެސް ނެތިން އެކަމާ އިތުރު ވާހަކައެއް ދައްކާކަށް........." މިހެން ބުނެލުމަށްފަހު ޖޫން ދެފަރާތަށް ބޯހޫރުވާލަމުން ސޯފާގައި އިށީނެވެ.
ސޯފާގައި އޮށޯވެލައިގެން އޮތް ދާއިންގެ ދެލޯވަނީ މަރާލެވިފައެވެ. އެހެން ދުވަސް ދުވަހާއި ހިލާފަށް އޭނަ މިއަދު ތަންކޮޅެއް ކުރިން ގެއަށް އައިދުވަހެކެވެ. ސަބަބަކާއި ނުލައެއްނޫނެވެ. އޮފީހަށް ހިނގައްޖެނަމަ، ހާއްޞަކޮށް އޭނަގެ ކެބިންއަށް ވަނުމުން އިޙްސާސް ކުރެވެނީ ފަޅުކަމެވެ. ހުސްކަމެވެ. އޭނައަށް މިފަދަ އިޙްސާސްތައް ކުރެވެންވީ ސަބަބެއް ނޭގެއެވެ. ބޭނުންނުވިއެއްކަމަކު އެފަރާތަކާއިމެދު ވިސްނޭލެއް މަދެއްނޫނެވެ. ދާއިން ކުއްލިއަކަށް ލޯހުޅުވާލީ އޭނަގެ މޫނުގައި މީހަކު ބޮސްދިނުމުންނެވެ. އޭނަގެ މޫނާއި ދާދި ގާތުގައި ލާނޭވާވެސް އިޙްސާސްކުރެވޭހާ ކައިރިން ޒާރާގެ މޫނުފެނުމުން ސިހުމެއްލިބުނެއްކަމަކު އެމޫނުގައި ދެއަތުން ހިފާލީ ލޯތްބާއިއެކުއެވެ. ޒާރާގެ ހިނިތުންވެފައިވާ ރީތި ދެތުންފަތުގައި ލޯބިކޮއްލުމަށް ވަގުތުން ހިތްއެދުނެވެ. ދާއިން އެފަދައިން ކަންތައްކުރުމަށް އުޅުނު ހިނދު ޒާރާ ތެޅިގަނެފައި ދާއިން އާއި ދުރަށް ޖެހިލައިފިއެވެ. އަދި ވަގުތާ ހާލަތާ ނުގުޅޭފަދަ ހަމަނުޖެހޭ ވާހަކަތަކެއް ދައްކަންފެށިއެވެ. ދާއިންއަށް ސޯފާގެ އަތްގަނޑުގައި މަޑުންނަމަވެސް ބޮލުގެފުއްކިބަ ދެތިންފަހަރަށް ޖައްސާލެވުމާއިއެކު އެދެލޯ މަރާލާފައި ހުޅުވާލިއެވެ. އަދި ޒާރާގެ ވާހަކަތަކަށް ސަމާލުކަން ދެމުން އޭނަ އާއި ވާހަކަދައްކަން ފެށިއެވެ.
"މަން.........." އެނދު ކައިރީ ކާޕެޓުމަތީގައި އިށީނދެލައިގެން އިން މަންހާ އަލީޝާއަށް ފެނުމާއިއެކު ގޮވާލިއެވެ. ފަސްއެނބުރި ދޮރާދިމާލަށް ބަލާލި މަންހާއަށް ދޮރުމަތީތިބި ބައެއްފެނުމާއިއެކު ތެދުވެގެން ދުއްވައިގަނެވުނު ގޮތްވެސް ނޭގެއެވެ. އަލީޝާއަށްވެސް އެނގުންވީ މަންހާ އައިސް އޭނަގެ ގައިގާ އޮޅުލައިގަނެ ގިސްލަ ގިސްލާފައި ރޯންފެށުމުންނެވެ. އަމާނީ އާއި އަލީޝާ މަންހާ ގޮވައިގެން ކޮޓަރިތެރެއަށް ވަންނަމުން ކޮޓަރީގެ ދޮރު ކައިރިކޮއްލިއެވެ. އަދި މަންހާގެ އެނދުގައި އޭނަ އާއިއެކު އެދެމީހުން އިށީނެވެ. އަމާނީ މަންހާގެ ގައިގާ ފިރުމަމުން ނުރޮއެ ހުއްޓާލުމަށް އެދުނެވެ. އަލީޝާ ވެގެންއުޅޭގޮތެއް އޮޅުންފިލުމަށް ކެތްތެރިކަންކުޑަވެ ސުވާލުކުރަންފެށިއެވެ. މަންހާ އޭނަގެ ކަރުނުން ފުރިގެންވި ދެލޯ ފޮހެލަމުން ހުރިހާ ވާހަކައެއް ކިޔާދޭންފެށިއެވެ. އަލީޝާ އާއި އަމާނީ އިނީ މަންހާ ދައްކަމުންދިޔަ ވާހަކަތައް ގަބޫލުކުރަން ދަތިވެފައެވެ. ދާއިން އާއި މަންހާގެ ގުޅުން އެހިސާބަށް ގޮސްދާނެކަމަށް ހުދު އެމީހުންނަށްވެސް ގަބޫލު ކުރެވިފައިނެތީއެވެ.
"ކޮންމެ ފަހަރަކު ކީއްވެތަ މިހެންވާންވީ، ވަރަށް ފޫހިވޭ........ކުރިން ޒާރާ އާއި ހެދި މަން ދާން އާ ދުރުވަން މަސައްކަތްކުރީ، އެކަމަކު މިހާރު ދާން މަން އާއި ގުޅެން ތައްޔާރަށްކަން ހުރީ އެނގުމާއިއެކު އެދޭތެރެއަށް ހުރަސްމިއަޅަނީ މައިންބަފައިން.........މަން ދާންދެކެ ލޯބިވާވަރު މަންމަމެނަށް އެނގޭނަމަ ދޯ........." އަލީޝާ ބުނެލިއެވެ.
(ނުނިމޭ)