ބާސެލޯނާ

މެސީއަށް ނެތީ ހަރުދަނާ ކޮމްބިނޭޝަންއެއް

ޗެމްޕިއަންސް ލީގް ސެމީ ފައިނަލުގައި ލިވަޕޫލު އަތުން ހިތްދަތި ގޮތަކަށް ކަޓައިގެން ދިއުމުގެ މާޔޫސީ އިހްސާސްތަކުން ބާސާއަށް އަރައި ނުގެނެވުނީސް، ދެން ކުރިމަތިވި އެންމެ ބޮޑު ފައިނަލުގައި، ވެލެންސިއާ އަތުން ބަލިވުމުން، އަދި މާ ބޮޑު ކަންބޮޑުވުންތަކެއް ބާސާއަށް ކުރިމަތި ވިއެވެ.

ނާކާމިޔާބުގެ ޒިންމާ، ގިނަ ބަޔަކު އަޅުވަން ބޭނުންވީ، ކޯޗް އެރުނަސްޓޭ ވަލްވެރުޑޭގެ ބޮލުގަ އެވެ. ވަލްވެރުޑޭގެ ދިފާއުގައި އެންމެ ފުރަތަމަ ނިކުންނެވީ ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު އެވެ. ކެޕްޓަން ލިއޮނަލް މެސީވެސް ކޯޗްގެ ދިފާއުގައި ވާހަކަ ދެއްކި އެވެ.

މައްސަލައިގެ އަސްލު ގުޅިފައި ވަނީ ވަލްވަރުޑޭ އާ ހަމަޔަކުން ނޫނެވެ. ޓެކްނިކަލީ އޭނާގެ ނިންމުންތައް ޖުމުލަކޮށް ރަނގަޅެވެ. އެންފީލްޑްގެ ހިތްދަތި ކަމުން އަރައިގަތުމަށް ކުޅުންތެރިން މޯޓިވޭޓް ކުރުމަށްޓަކައި އޭނާ އަށް އެކަށީގެންވާ މަސައްކަތެއް ކުރެވުނު ކަމަކަށް ނުފެނެ އެވެ.

މައްސަލައިގެ އަސްލު ގުޅެނީ، ޖެނަރަލް މެނޭޖަރު، ޕެޕް ސެގޫރާ އާއި ސްޕޯޓިން ޑައިރެކްޓާ އެރިކް އަބިޑާލް އާ ހަމައިންނެވެ. ބާސެލޯނާގެ އެންމެ ވަރުގަދަ ހަތިޔާރަކީ، ކެޕްޓަން މެސީ އެވެ. ކޮޕަ ޑެލްރޭ ފައިނަލުގައިވެސް އޭނާ މޮޅަށް ކުޅުނެވެ. ޖެނަރަލް މެނޭޖަރާއި ސްޕޯޓިން ޑިރެކްޓަރަށް ނުކުރެވި އޮތް ކަމަކީ، މެސީއަށް އެކަށީގެންވާ ކޮމްބިނޭޝަން އެއް ހޯދައި ނުދެވުމެވެ.

ޓީމުގެ ޓްރާންސްފާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅޭނީ، ސެގޫރާ އާއި އަބިޑާލް އެވެ. މެސީ އާއެކު ކޮމްބިނޭޝަން ހަދާނެ ރަނގަޅު ކުޅުންތެރިޔަކު ހުރެއްޖެނަމަ ކިތަންމެ އުނދަގޫ ހާލަތެއްގައިވެސް ޓީމު ކޮޅަށް ނަތީޖާ އަނބުރާލަން ފަސޭހަ ވެގެން ދެއެވެ.

ބާސާގެ ކުރީގެ ކޯޗް ލުއިސް އެންރީކޭގެ ދައުރުގައި، މެސީ އާއެކު ފައްކާ ކުރި ކޮމްބިނޭޝަން އަކީ، ނޭމާ އެވެ. އެ ކޮމްބިނޭޝަންގެ އެހީގައި 2015 ވަނަ އަހަރު ބާސާއިން ތިން ތަށި ކާމިޔާބު ކުރި އެވެ. ޓިޓޯ ވިލޮނޮވާ އާއި ޖޯސެފް 'ޕެޕް' ގާޑިއޯލާގެ ދުވަސް ވަރު މެސީގެ ކޮމްބިނޭޝަންގެ ގޮތުގައި ތަފާތު ހަތަރު ކުޅުންތެރިން ހަރަކާތްތެރިވި އެވެ. ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ، އަންޑްރެސް އިނިއެސްޓާ އަދި ޒަވީ ހެނާންޑޭޒް އެވެ.

ގާޑިއޯލާ ކޯޗް ކަމާ ހަވާލުވި ކުރީކޮޅު ސެމިއުލް އެޓޫ އާއި ޒަލްޓާން އިބްރިހިމޮވިޗް އަދި ޕެޑްރޯ އާއި އެލެކްސިސް ސަންޗޭޒްވެސް މެސީ އާއެކު ބާސާގެ އެޓޭކިން ޑިޕާޓްމެންޓްގައި ހަރަކާތްތެރި ވިއެވެ. އެ ކޮމްބިނޭޝަންތަކުން ނަތީޖާ ނެރެވި ބާސާގެ މުޅި ތާރްިޙް ބަދަލު ކުރިވަރުގެ ކާމިޔާބު އެ ޓީމުން ހޯދި އެވެ.

ބާސާ ދޫކޮށް، ނޭމާ 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވި ފަހުން، މެސީ އާއެކު ކޮމްބިނޭޝަން އުފައްދާނެ ކޮންސިސްޓެންޓް ކުޅުންތެރިޔެއް ބާސާއަކަށް ނުހޯދުނެވެ. ނޭމާގެ ބަދަލުގައި ގެނައީ، ފްރާންސްގެ ފޯވަޑް އުސްމާން ޑެމްބެލޭ އެވެ.

އަނިޔާ އާ ހެދި ދެ ސީޒަންގައިވެސް އޭނާގެ ބޭނުން އެންމެ މުހިންމު ވަގުތުތަކުގައި ބާސާއަށް ނުހޯދުނެވެ. މިދިޔަ އަހަރު ޖަނަވަރީ ޓްރާންސްފާގައި ދެން ބާސާއަށް ގެނައީ، ލިވަޕޫލަށް ކުޅެމުން ދިޔަ ބްރެޒިލް ފިލިޕޭ ކުޓީނިއޯ އެވެ. އޭނާއަށް ކުރި އުންމީދާ ބަލާފައި އެއާ ގާތްކުރާ މިންވަރަށްވެސް އޭނާ އަށް ބާސާގައި ޕާފޯމް ނުކުރެ ވެއެވެ.

ޖެނަރަލް މެނޭޖަރު ސެގޫރާގެ ޓްރާންސްފާގެ ޕްލޭންގެ ދަށުން ބާސާއަށް މި ސީޒަންގައި އޭނާ ގެނެސްފައިވާ ކުޅުންތެރިންނަކީ، އާޓޫރޯ ވިޑާލް، ކްލޭމޯން ލެންގްލެޓް، މެލްކޮމް އަދި އާތަ މެލޫ އެވެ. އެ ކުޅުންތެރިންގެ ޕާފޯމަންސް ދަށް ވާހަކަ އެއް ނޫނެވެ. ނަމަވެސް އެ ކުޅުންތެރިންގެ ތެރެއިން ސަޕޯޓަރުން ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ދެއްކުނީ ދެ ކުޅުންތެރިންނަށެވެ. އޭގެ ތެރޭގައި އާތަ މެލޫ ހިމެނެ އެވެ. އެހެންނަމަވެސް އޭނާއަށް ކުރިމަތިވި އަނިޔާއާ ހުރެ ސީޒަންގެ ބޮޑުބައެއް ހުންނަން ޖެހުނީ ކުޅުމާ ދުރުގަ އެވެ. މެލްކޮމް އަށް ލިބޭ ފުރުސަތުތައް މަދެވެ.

ޖެނުއަރީގައި ބާސާއަށް ލޯނެއްގެ ދަށުން ގެނައީ، މޫރިއްޔޯ އާއި ކެވިން ޕްރިންސް ބޯޓެންގް އެވެ. އެ ކުޅުންތެރިންގެ މާ ބޮޑު ޕާފޯމަންސެއް ނުފެނުނެވެ. ޖެނަރަލް މެނޭޖަރާއި ސްޕޯޓިން ޑައިރެކްޓަރަށް މެސީގެ ޕާޓްނާޝިޕެއް ހޯދުމުގައި އެކަށީގެންވާ މަސައްކަތް ކުރެވިފައެއް ނުވެ އެވެ. ގެންނަ ކުޅުންތެރިންގެ ފަރާތުން، ބާސާގެ ސަޕޯޓަރުން ބޭނުންވާ ވަރުގެ ކުޅުމެއް ނުދެއްކެ އެވެ.

ސީޒަންގައި ބޮޑު ދެ މުބާރާތުގައި ކުރިމަތިވި ނާކާމިޔާބާއެކު ބާސާގެ ބޯޑުން މިހަފުތާގައި ބައްދަލު ކުރާއިއިރު އެޖެންޑާގެ އެންމެ އިސް ވާހަކައަކަށް އޮތީ ޖެނަރަލް މެނޭޖަރާއި ސްޕޯޓިން ޑައިރެކްޓަރުގެ މަސްއީލިއްޔަތާ މެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ވާހަކަ އެވެ. މައްސަލަ ފެށެނީ ޓްރާންސްފާ އާއި ހަމައިންނެވެ. އަންނަ ސީޒަނަށް ބާސާއިން ގެންނާނެ ކަމަށް ބެލެވޭ ކުޅުންތެރިޔަކީ، ވޭތުވެދިޔަ ފަސް ސީޒަންގައި އެތުލެޓިކޯ އަށް ކުޅުނު ފްރާންސްގެ ވިންގް، އެންޓްއާން ގްރީޒްމަން އެވެ. ސްޕެނިޝް ފުޓްބޯޅަ އަށް ފަރިތަ ކުޅުންތެރިޔެކެވެ.