ރޯދަ މަހާ ރޯއްޖާ

އިހުގެ ނޫސް: ފާސްނުވާ ދަރިވަރުންނަށް އޮތް މަގު

ދަރިންނަށް އެންމެ ރަނގަޅު ތައުލީމެއް ހޯދައިދިނުމަކީ މައިންބަފައިންގެ އެންމެ އިސް ވާޖިބުގެ ގޮތުގައި މިހާރު ވަނީ ވެފަ އެވެ. ރަނގަޅު ތަރުބިއްޔަތެއްގެ ކުރިން ވެސް މައިންބަފައިންގެ ލިސްޓުގެ އެއްވަނާގައި ތައުލީމުއޮތުގެ ފުރުސަތު ބޮޑެވެ. ދަރީންގެ މުސްތަގުބަލާއި ސީދާ ގުޅިފައިވަނީ ސްކޫލް ދައުރުގައި ހޯދާ ވަނަތަކެވެ. އިމްތިހާނުތަކުން ހޯދާ ރަނގަޅު ނަތީޖާތަކަކީ ކުރިމަގަށް އެޅޭ ބިންގަލެވެ. ބޮޑުވެގެން ކުރިއަށްދާން ބޭނުންވާ ދައިރާއެއްގެ ކުރި ބޯއްޓާ ހަމައަށް ވާސިލްވެވޭނީ އަތުގައި އޮންނަ ސެޓްފިކެޓްތައް ގިނަކޮށްގެންނެވެ.

ކިރިޔާ ހިނގޭ ވަރުގައި، ޕްރީ ސްކޫލަށް ގެންދަން ފަށާ ހިސާބުން، މައިންބަފައިން އަމިއްލައަށް އުފައްދާފައި އޮންނަ ޒާތެއްގެ ވާދަވެރިކަމެއް ފެށުނީ އެވެ. ކްލާހުގައި އެންމެ ގިނަ "ސްޓާ" ހޯދާ ކުއްޖާއަށްވާން ބާރު އެޅުމަކީ އެކަމުގެ ފެށުމެވެ. ގްރޭޑްތައް މަތިވަމުންދާ ވަރަކަށް ކުއްޖާއަށް އޮންނަ ޕްރެޝަރުވެސް ބޮޑެވެ. މިހާރު ކްލާސް މޮނީޓަރުކަން ލިބުމަކީ "ހަދިޔާ" އެއްހާ ހިސާބުވެސް މިންވަރު ނުވާ އާދައިގެ ކަމަކަށްވެއްޖެ އެވެ. ޕްރިފެކްޓަރުކަން ހޯދައިގެން އައުމަކީ މާ ބޮޑު ފަހުރަކަށް ނުވެ އެވެ. ކޮންމެ މާއްދާއަކުން "އޭ" ގެނައިމަ މުޅި ހިސާބުގަނޑަށް ބޮނޑިބަތް ބެހުން ވެސް މާޒީވެއްޖެ އެވެ. "އޭ" ތަކުން ނުފުދޭތީ އެވެ. މިހާރު ބޭނުންވަނީ "އޭ ސްޓާ" އެވެ. "މޮޅެތި" ކުދިން ގިނަވެ އެންމެ ފަހުން އެންމެ މަތީ ފާހުގެ ވެސް މަތީ ދަރަޖައެއް އީޖާދުކުރަންޖެހޭ މިންވަރަށް ވާދަވެރިކަން ބޮޑުވީ އެވެ.

މިހާރުގެ މަޔަކަށް ނޫނީ ބަފަޔަކަށް ދަރިފުޅު ފާސްނުވެގެން ހުރި ކްލާހުގައި އިތުރު އަހަރެއް ބެހެއްޓުން ވާނީ ހިތަށް ގެންނަންވެސް ނޭނގޭފަދަ ބިރުވެރިކަމަކަށެވެ. ގެއިން ބޭރަށް ނުނިކުމެވޭ ފަދަ ލަދުވެތި ކަމަކަށެވެ. ނަމަވެސް، އެއް ޒަމާނެއްގައި ދިވެހި ބެލެވެރިންނަށް އެ ފުރުސަތު ތައުލީމީ ނިޒާމުގެ ތެރެއިން ވަނީ ދީފަ އެވެ. އިންޓަނެޓާ، ޓިއުޝަން ކްލާސްތައްނެތް ޒަމާނުގައި، މައިންބަފައިންނަށް އެއީ މާބޮޑުކަމެއް ނޫނެވެ. ދަރިފުޅުގެ އެ ފެންވަރުނެތް ކަމަށް އަމިއްލައަށް ގަބޫލުކޮށްގެން، ސްކޫލަށް ވައްދާއިރު، އުމުރާ ގުޅޭ ކްލާހަށްވުރެ ދަށް ކްލާހަކަށް ވެއްދުމުގެ އިހުތިޔާރުވެސް ބެލެނިވެރިންނަށް ލިބެ އެވެ. އަދި އެއީ އިތުރަށް ފައިސާވެސް ދައްކައިގެންނެވެ.

"މޫންލައިޓް" ނޫހުގައި 1971 ވަނަ އަހަރުގައި އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްވާ ގޮތުން، ސްކޫލަށް ވެއްދުމަށް ދައްކަންޖެހޭ 16 ރުފިޔާގެ އިތުރުން، 25 ރުފިޔާ ދީގެން ކުއްޖާގެ އުމުރާގުޅޭ ކްލާހަކަށްވުރެ ދަށް ކްލާހަކަށް ވެއްދިދާނެކަމަށެވެ.

އަދި އެގޮތަށް ވައްދާ ކުދީންގެ އިތުރުން ސްކޫލްގައި އުޅޭ އެހެން ކުދންގެ ތެރެއިން ޕްރޮމޯޝަން ޓެސްޓުން ފާސްނުވާ ކުދިން، އެ ކުއްޖާ އަލުން ހަމަ އެ ކްލާހުގައި އިތުރު 25 ރުފިޔާގެ ފީއެއް ދައްކައިގެން ބެހެއްޓޭ ގޮތަށް ވެސް ސަރުކާރުން އޭރު ވަނީ ހަމަޖައްސައިފަ އެވެ.

މިއީ މީގެ ފަންސާސް ވަރަކަށް އަހަރުކުރިން، ރާއްޖޭގެ ތައުލީމު ނިޒާމްއޮތް ގޮތެވެ. ތިމާގެ ދަރިފުޅުގެ ފެންވަރުނެތްކަމަށް އަމިއްލައަށް ގަބޫލުކޮށްގެން އެއް ކްލާހެއްގައި ރިޕީޓްކުރަން ބޭނުންވި މައިންބަފައިންނެވެ. ޖީބުން އިތުރު ހަރަދުކޮށްގެން، ދަރީންގެ މުސްތަގުބަލަށްޓަކައި އޭރުގެ ބެލެނިވެރިން ވީ ތަފާތު ގުރުބާނީއެކެވެ.