ދުނިޔެ

ނޭޕާލްގައި ބޮމުގެ ހަމަލާތަކެއްދީ ހަތަރު މީހުން މަރާލައިފި

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ތިން ސަރަހައްދެއްގައި ދިން ބޮމުގެ ހަމަލާތަކެއްގައި ހަތަރު މީހަކު މަރުވެ އިތުރު ހަތް މީހަކު ޒަހަމްވެއްޖެ އެވެ.

ކަތުމަންޑޫގެ ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދެއްވި ގޮތުގައި އިއްޔެ މެންދުރު ގޮއްވާލާފައިވާ ބޮންތަކަކީ އަމިއްލައަށް އުފައްދާފައިވާ ބާވަތުގެ ބޮންތަކެކެވެ.

މިހާތަނަށް އެއްވެސް ބަޔަކު ހަމަލާތަކުގެ ޒިންމާ ނަގާފައި ނުވި ނަމަވެސް އެންމެ ފުރަތަމަ ބޮން ގޮއްވާލި ސަރަހައްދުގެ ގެއެއްގެ ތެރެއިން މައޮއިސްޓް ގްރޫޕެއްގެ އަތްމަތީ ފޮތްތަކެއް ފެނިފައިވުމުން އެ ގްރޫޕާމެދު ޝައްކު ކުރެވޭ ކަމަށް ފުލުހުންގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ފުރަތަމަ ބޮން ގޮއްވާލި ސަރަހައްދުން މަރުވެފައިވަނީ އެންމެ މީހެކެވެ. އަދި ކަތުމަންޑޫގެ މެދުތެރޭގައި ހުންނަ ބޯކޮށާތަނެއް ކައިރީގައި ގޮއްވާލި ބޮމުގެ ސަބަބުން އިތުރު ތިން މީހުން މަރުވި އެވެ.

މަރުވި ހަތަރު މީހުންގެ ތެރެއިން ތިން މީހުން ބޮން ގޮއްވާލުމާއެކު ވަގުތުން މަރުވި ނަމަވެސް ހަތަރުވަނަ މީހާ މަރުވެފައި ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ފަހުންނެވެ.

ތިންވަނަ ބޮން ގޮއްވާލާފައި ވަނީ ދެވަނަ ބޮން ގޮއްވާލިތާ ދެތިން ގަޑިއިރު ފަހުންނެވެ. އެ ބޮން ގޮވި ވަގުތު އިތުރު ބޮމެއް އެ ހިސާބުން ގެންދަން މަސައްކަތް ކުރި މައޮއިސްޓް ގްރޫޕުގެ ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މައްސަލަ ތަހުގީގު ކުރުމަށްޓަކައި ބޮން ގޮއްވާލި ސަރަހައްދުތައް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ބަންދު ކޮށްފަ އެވެ.

ދިހަ އަހަރުވަންދެން ނޭޕާލްގައި ދިގު ދެމިގެން ދިޔަ ދާހިލީ ހަނގުރާމަ 2006 ގައި ނިމުމަކަށް އައިސް އޭރުގެ އިދިކޮޅު ޖަމާއަތްތައް ސަރުކާރާއި ވަނީ ގުޅިފަ އެވެ. އަދި އެއަށްފަހު އެ ގައުމު ވަނީ އަމާން ގައުމުތަކުގެ ތެރޭގައި ހިމެނިފަ އެވެ.

ނަމަވެސް އެ ގައުމުގެ ލީޑަރުން އެއްބަސްވެފައިވާ ކަންތަކަށް ގައްދާރުވަމުން ދާކަމަށް ތުހުމަތުކޮށް ބައިބައިވުންތައް ދަނީ އުފެދެމުން ނެވެ.