ކުޅިވަރު

އެޓަލާންޓާ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގަށް

އިޓާލިއަން ސޭރިއާގެ އެންމެ ފަހު ދުވަހުގެ މެޗުގައި، ސަސުއޯލާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އެޓަލާންޓާއިން ޗެމްޕިއަންސް ލީގްގެ ގުރޫޕް ސުޓޭޖުން ޖާގަ ހޯދައިފި އެވެ.

މި އަހަރު 112 ވަނަ އަހަރު ފާހަގަ ކުރާ އެޓަލާންޓާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދީ މުޅިން އަލަށެވެ.

"ޗެމްޕިއަންސް ލީގަކީ އެޓާލާންޓާގެ ތާރީހްގައި މިހާތަނަށް ހާސިލު ނުކުރެވި އޮތް ގޯލެއް،" އެޓަލާންޓާގެ ކޯޗް ޖަން ޕިއޭރޯ ގަސްޕިރޭނީ ބުންޏެވެ. "އެ އެމާޒަށް ވާސިލު މި ވެވުނީ ވަރަށް ޝަރަފުވެރި ކަމާއެކު، އަހަންނަށް ހީވަނީ އަހަރެމެންނަށް މިކަން ރަނގަޅަށް ކުރެވޭނެ ހެން."

އެމްޕޮލީ އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އިންޓަ މިލާން ވަނީ އަންނަ ސީޒަންގެވެސް ޗެމްޕިއަންސް ލީގުން ޖާގަ ހޯދާފަ އެވެ. އިންޓަ ސަލާމަތްވީ ފަހު ވަގުތުގައި ނައިންގޮލާން ކާމިޔާބު ކުރި ލަނޑުންނެވެ. ޕޮއިންޓްގެ ގޮތުން، އެޓަލާންޓާ އާއި އިންޓަ އާ އެއްވަރެވެ. އެޓަލާންޓާ ލީގް ނިންމާލީ ތާވަލުގެ ތިން ވަނަ އިގައެވެ. އެޓަލާންޓާއަށް ތިން ވަނަ ލިބުނީ އިންޓަގެ މައްޗަށް ހެޑްޓު ހެޑްގައި ކުރި ހޯދުމުންނެވެ.

ސަސުއޯލާ އާ ދެކޮޅަށް ކުޅުނު މެޗުގައި، އެ ޓީމުގެ ޑޮމިނިކޯ ބެރާރްޑީ ލީޑް ނަގާފައި ވަނިކޮށް އަމިއްލަ ދަނޑުގައި ކުޅުނު އެޓާލާންޓާއިން ވަނީ ފަހަތުން އަރައި ތިން ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ޑުވަން ޒަޕަޓާ، އަލިސަންޑުރޯ ޑަރިއޯ ގޯމޭޒް އަދި މާރިއޯ ޕަސާލިކް އެވެ.

އޭސީ މިލާނުން ސުޕާލްގެ މައްޗަށް ކުރި ހޯދި ނަމަވެސް، ވާދަވެރި އިންޓަ މޮޅުވުމުން، ޗެމްޕިއަންސް ލީގް ޖާގަ ލިބުނީ އިންޓަ އަށެވެ. މިލާނަށް ޖެހޭނީ ޔޫރޮޕާ ލީގްގައި ވާދަ ކުރާށެވެ.