ވިޔަފާރި

ބީއެމްއެލް އިސްލާމިކް ފައިނޭންސްގެ ގިނަ ޕްރޮޑަކްޓް ތަކެއް ތައާރަފުކޮށްފި

ބީއެމްއެލް އިސްލާމިކް އިން ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކެއް ތައާރަފް ކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ، ބީއެމްއެލް އިން ވިޔަފާރިތަކަށް އަމާޒުކޮށްގެން ދެމުންދާ ޚިދުމަތްތައް ބީއެމްއެލް އިސްލާމިކްގެ ދަށުން ފޯރުކޮށްދިނުމަކީ ބީއެމްއެލް އަށް ލިބޭ ކުރިއެރުމެއް ކަަމަށެވެ

މިއަދު ތައާރަފްކުރެވެނު ޚިދުމަތްތަކަކީ ބޭންކުން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކޮށް ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ފުރިހަމަކަމެއް ކަމަށެވެ.

"ބީއެމްއެލް އިން ވިޔަފާރިތަކަށް އަމާޒުކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ބީއެމްއެލް އިސްލާމިކް ދަށުން ދެވިގެންގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް މިދަނީ ވަރަށް ރަނގަޅު މިސްރާބެއްގައި ކުރިއަރަމުން. މިއަދު މި ތައާރަފްކުރެވެނު ޚިދުމަތްތަކަކީ ބޭންކުން ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކޮށް ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ފުރިހަމަކަމެއް." މުހައްމަދު ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް އިން މިއަދު ތައާރަފު ކުރި ހިދުމަތްތަކަކީ ރީޓެއިލަރސް ފައިނޭންސިންގ، ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގ، ލެޓަރ އޮފް ކްރެޑިޓް(އެލްސީ) އަދި ބޭންކް ގެރެންޓީއެވެ. ބޭންކް ގެރެންޓީގެ އިތުރުން ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތަށް ޖެނެރަލް ފައިނޭންސިންގ އަށް ބޭންކުން ވަނީ ބަދަލު ގެނެސްފައެވެ.

މިއަދު ތައާރަފު ކުރި އިސްލާމިކް ފައިނޭންސް ތަކަކީ

ރީޓެއިލަރސް ފައިނޭންސިންގް: ރީޓެއިލަރސް ފައިނޭންސިންގ އަކީ ވިޔަފާރި ހިންގާ ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށްކުރާ ވިޔަފާރީގެ ތެރެއިން މަހެއްގެ މައްޗަށް އެވެރެޖްކޮށް 50,000 ރުފިޔާ ލިބޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕްރޮޑަކްޓެކެވެ. އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އަދި ވަކާލާގެ މައްޗަށް ބިނާކުރެވޭ 12 މަސްދުވަހަށް ބަހާލެވޭ އޯވަރޑްރާފްޓްގެ ޚިދުމަތްވެސް ލިބޭނެއެވެ. 500,000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ފައިނޭންސިންގ އަށް އެއްވެސް ރަހުނެއް ބޭނުމެއް ނުވާނެއެވެ.
ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގް: ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑިވެލޮޕްމަންޓް ފައިނޭންސިންގ އަކީ ރަހުނު ބެހެއްޓުމުގައި ލުއި ފަސޭހަ ގޮތްތައް ހިމެނި ވިޔަފާރި ފުޅާކުރުމަށާއި، ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށާއި، ޕްރޮޕަޓީ ޑިވެލޮޕް ކުރުމަށާއި، އާ މުދާ ނުވަތަ މެޝިނަރީ ގަތުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އެދި ހުށަހެޅޭނެ ފައިނޭންސިންގ އެކެވެ. އެމްއެމްއޭ ގެ ކްރެޑިޓް ގެރެންޓީ ސްކީމްގެ ދަށުންވެސް މި ފައިނޭންސަށް އަށް ހުށެހެޅޭނެއެވެ. މިގޮތުން އަލަށް ވިޔަފާރިފެށުމަށާއި، ވިޔަފާރި ފުޅާކުރުމަށާއި، ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ބީއެމްއެލް އިން ބުނީ އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށެވެ.