ވިޔަފާރި

ބީއެމްއެލް އިސްލާމިކް އާ ހެޑް އޮފީސް ހުޅުވައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ބީއެމްއެލް ސީއީއޯ ސޯޔާ ބީއެމްއެލް އިސްލާމިކް ހުޅުއްވައި ދެއްވަނީ -- ފޮޓޯ: ބީއެމްއެލް
0%
100%
0%

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ ވިޔަފާރި ފުޅާވަމުން ދާތީ، އާ ހިދުމަތްތަކާއެކު އާ ހެޑް އޮފީހެއް މިރޭ ހުޅުވައިފި އެވެ.

ބީއެމްއެލް އިސްލާމިކް ކުރިން ހިންގަމުން ގެންދިޔަ ބާޒާރު އޮފީސް ދޫކޮށްލައި ބޮޑު އޮފީހެއް ހުޅުވާފައި ވަނީ ބޮޑު ތަކުރުފާނު މަގު ހ. ޒޮނޭރިއާ އެވެ. އާ އޮފީސް ހުޅުއްވައި ދެއްވީ ބީއެމްއެލްގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމޮތީ ސޯޔާ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ސޯޔާ ވިދާޅުވީ މިއަދަކީ ބޭންކުގެ ތާރީހުގައި ވެސް ފާހަގަ ކޮށްލެވޭ ދުވަހެއް ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ބޭންކުގެ ސީއީއޯގެ މަގާމު އަދާކުރަން އޭނާއަށް ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް އޭނާ ދެކެ ވަޑައިގަންނަވާ ކަމަށެވެ.

"މިއީ އަޅުގަނޑު މި މަގާމާ ހަވާލުވުމަށްފަހު ޕަބްލިކުގައި ވާހަކަ ދައްކާ ފުރަތަމަ ފަހަރު. ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ބީއެމްއެލް އިސްލާމިކް އަކީ އިސްލާމިކް ޝަރީއާގެ ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް ފުރިހަމައަށް ހިނގާ ތަނެއްކަން،" ސޯޔާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ސީއީއޯ

އޭނާ ވިދާޅުވީ ބީއެމްއެލް އިސްލާމިކް އުފެދުނުތާ ހަތަރު އަހަރު ވެފައިވާއިރު، ކަސްޓަމަރުންނާ ގާތްވެ، ގުޅުން ވަރުގަދަ ވެފައިވާ ކަމަށެވެ.

"ރާއްޖޭގައި އެންމެ ފުޅާދާއިރާއަކަށް އިސްލާމިކް ބޭނކިން ހިދުމަތް ފޯރުކޮށްދޭ ބޭންކުގެ ހައިސިއްޔަތުން، ކަސްޓަމަރުންގެ ބޭންކިން ބޭނުންތައް ދަނެގަނެ އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބިގެންދިޔަ ކުރިއެރުމެއް،" ސޯޔާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ބައެއް ބޭންކުތަކުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ބައިވެރިވަޑައިގަތެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ދުނިޔޭގައި އަހަރުން އަހަރަށް އިސްލާމިކް ފައިނޭންސް ތަރައްގީ ވަމުންދާ ކަމަށާ، މިއީ ބީއެމްއެލް އިސްލާމިކަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ.

ބީއެމްއެލް އިސްލާމިކްގެ ހެޑް އޮފީހުން ކައުންޓަރު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އެވެ. މީގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެކި އެކި ހިދުމަތް ފޯރުކޮށްދޭނެ އެވެ. އަދި މި އިމާރާތުގައި ގާއިމް ކޮށްފައިވާ ކަސްޓަމާ އެޑްވައިސް ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ޝަރީއާ އާއި އެއްގޮތްވާ ގޮތުގެ މަތިން މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި، 24 ގަޑިއިރު އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމުގެ ހިދުމަތް ވެސް މި އޮފީހުގައި ހުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345