ވިޔަފާރި

ބީއެމްއެލް އިސްލާމިކް ލައިފް ސްޓައިލް ފައިނޭންސިން އަށް ހެޔޮ ބަދަލެއް

Dec 21, 2020
2

ކުލީގެ އާމްދަނީ ލިބޭ މީހުންނަށް ދޭ، "ލައިފްސްޓައިލް އިސްލާމިކް ފައިނޭންސިން" އަށް ބީއެލްއެލް އިސްލާމިކް އިން ހޮޔެ ބަދަލު ތަކެއް ގެނެސް ލުއިކޮށްދީފި އެވެ.

ބީއެމްއެލް އިސްލާމިކްގެ ފެސިލިޓީ އަކީ ޝަރުޢީ ހަމަތަކަށް ފުރިހަމަ އަށް ފެތޭ ގޮތުގެ މަތިން މުރާބަހާ، މުޝާރަކާ، ވަކާލާ އަދި ޢިޖާރާ ގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީ އެކެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް އިސްލާމިކް ފައިނޭންސިން ދޭ ބީއެމްއެލް އިސްލާމިކް އިން ބުނި ގޮތުގައި މި ބަދަލާއެކު ލައިފްސްޓައިލް ފައިނޭންސިން އެއްވެސް ރަހުނަކާ ނުލާ 15 ޕަސެންޓުގެ ގެ ރޭޓުގައި 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ދޫކުރާނެ ކަމަށެވެ. އަދި 300،000 ރުފިޔާ އިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ފައިނޭންސިން ބޭނުންވާ ފަރާތްތަކަށް ރަހުނާއެކު 12 ޕަސެންޓް އަށް ކުޑަ ރޭޓެއްގައި ފައިނޭންސް ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ޑިރެކްޓަރު އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ މި ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނެވުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކޮށް އަދި ޝަރުޢީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުންދިޔުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން." ސުރީ ހާނިމް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގ އާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ލައިފްސްޓައިލް ފައިނޭންސިންގ އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެ އެވެ.