އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނުގެ ވެރިކަން ބަދަލުކުރަން މަސައްކަތް ނުކުރާ ކަމަށާއި ބޭނުންވަނީ ހަމައެކަނި އިރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލާނެކަމުގެ ޔަގީންކަން ހޯދަން ކަމަށް ވިދާޅުވެއްޖެ އެވެ.
މިއަދު ޖަޕާނުގެ ބޮޑުވަޒީރު މިނިސްޓަރު އަބެއް ޝިންޒޯ އާއެކު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވެފައިވަނީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއެކީ ވެސް އިރާނަށް ވަރުގަދަ ގައުމަކަށް ވެވިދާނެކަމަށާއި އިރާނުގެ ވެރިކަން ބަދަލުކުރަން އެއްގޮތަކަށް ވެސް ނުވިސްނާ ކަމަށެވެ.
އިރާނުގެ އޮފިޝަލުން ބުނެފައިވަނީ އެމެރިކާއިން އިރާނާމެދު އަޅަމުން އަންނަ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ ގައުމުގެ ތެރޭގައި ދާހިލީ ހަމަނުޖެހުން އުފައްދާ މިހާރު އޮތް ވެރިކަން ވައްޓާލަން ބާރު އެޅުން ކަމަށެވެ.
"އެމެރިކާއިން ނުވިސްނާ އިރާނަށް ދެރައެއް ދޭކަށް. ހަމައެކަނި ބޭނުމަކީ އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުން ނުވާ ކަމަށް ބުނަންވީ. އޭރަށް އިރާނާއެކީ އެއްބަސްވުމަކަށް ދެވިދާނެ" ޓޯކިޔޯގެ ޖަލްސާގައި ޓްރަމްޕް ވިދާޅުވި އެވެ.
އެންމެ ފަހުން ދެގައުމުގެ ދެމެދުގެ މައްސަލަ ހޫނުވެފައިވަނީ މެދު އިރުމަތީގައިވާ އެމެރިކާގެ މަސްލަހަތު އޮންނަ ސަރަހައްދުތަކާއި ދެކޮޅަށް އަމަލު ކުރަމުންދާ ކަމަށް ތުހުމަތު ކުރުމާއި ގުޅިގެން ނެވެ. އެގޮތުން ދާދިފަހުން ސައުދީއާއި ޔުއޭއީގެ ތެޔޮ ޓޭންކަރުތަކަށް ދިން ހަމަލާތަކުގެ ފުރަގަހުގައި އިރާނުގެ އަތެއް ވާނެކަމަށް އެމެރިކާއިން އެއްވެސް ހެއްކެއް ނެތި ވަނީ ތުހުމަތުކޮށްފަ އެވެ.
އަދި އެހެން ކަމަށް ބުނެ މެދުއިރުމަތީގައި ހަރަކާތްތެރިވަމުންދާ އެމެރިކާ ސިފައިންގެ ފައުޖަށް މިދިޔަ ހުކުރު ދުވަހު ވަނީ 1500 މީހުން އެމެރިކާއިން އިތުރު ކުރިއެވެ.
އިރާނުން އެ ތުހުމަތުތައް ދޮގު ކޮށްފަވާއިރު ދުނިޔޭގެ އެހެން ގައުމުތަކުން ނޭވާ ހިފަހައްޓާލައިގެން ތިބީ ދެ ގައުމުގެ މަޝްރަހު ހައްތަހާ ގޯސްވެ އަސްކަރީ ކުރިމަތިލުންތަކާއި ހަމައަށް ގޮސްދާނެކަމުގެ ބިރު ހީވެފަ އެވެ.