ކުޅިވަރު

އިތުރު ހަތަރު އަހަރަށް ޔާމީން ގުރީންގައި މަޑުކުރާނެ

ގުރީން ސްޓްރީޓްގެ އުންމީދީ ފޯވަޑް، އަބްދުﷲ ޔާމީން އިތުރު ހަތަރު އަހަރަށް ގްރީން ސްޓްރީޓްގައި މަޑުކުރަން އެ ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.

ގްރީން ސްޓްރީޓްގެ ސީނިއާ ޓީމަށް، ޔާމީން ކުޅެން ފެށީ 2017 ވަނަ އަހަރު އެފްއޭ ކަޕުގަ އެވެ. މި ދިޔަ އަހަރު ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށި، ޔާމީން އަކީ މިހާތަނަށް ސީނިއާ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

މިދިޔަ އަހަރު މާޗް މަހު ސިންގަޕޫރާ ދެކޮޅަށް، ކުޅުނު މެޗުގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ޔާމީން ވަނީ ކުޅެން ނިކުމެފަ އެވެ. ގައުމީ ޓިމުގެ 17 ނަންބަރު ޖޯޒީގައި އޭނާ ކުޅެން ނިކުތް އިރު އޭނާގެ އުމުރަކީ 17 އަހަރާއި 85 ދުވަހެވެ.

އޭނާގެ ކުރިން ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔަކީ، މުހައްމަދު ހަލީމް 'ބޮޑު ޖަޑާ' އެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 1984 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އޭނާ ގައުމީ ޓީމަށް ކުޅެން ފެށިއިރު އޭނާގެ އުމުރަކީ 17 އަހަރާއި 145 ދުވަހެވެ.

ގުރީން ސްޓްރީޓާއެކު، ޔާމީން އެންމެ ފުރަތަމަ ހެދި ކޮންޓްރެކްޓް ހަމަވާން އޮތީ އަންނަ އަހަރުގެ ނިޔަލަށެވެ. މިހާރު ސޮއި ކުރި އާ އެއްބަސްވުމުގެ ދަށުން އޭނާގެ އުމުރުން 23 އަހަރު ވަންދެން ގުރީންގައި ޔާމީން މަޑު ކުރާނެ އެވެ.

ގުރީންގެ ޓީމުން، ޔާމީން އަށް ބަރާބަރަށް ފުރުސަތު ލިބެން ފެށީ، މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގް ފަހު ކޮޅުގަ އެވެ. އޭނާއަށް ދިން ފުރުސަތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ އަކީ ގުރީން ސްޓްރީޓްގެ ޔޫތު ޓީމުގެ ކެޕްޓަންވެސް މެއެވެ. މިދިޔަ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ޗެމްޕިއަންކަން ގުރީން ހޯދިއރު އޭނާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.