ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާނެ މެންބަރަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ކަމަށް އެ ޕާޓީގެ ޕީޖީ ގުރޫޕުން ފާސްކޮށްފި އެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމުގައި ހުރިހާ މެންބަރުންގެ ވޯޓުން ނިންމީ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާނެ ނަމަކީ އީވާގެ ނަން ކަމަށެވެ. ބައްދަލުވުމަށް ހުށަހެޅީ ވެސް އީވާގެ ނަން އެކަންޏެވެ.
އޭނާގެ ނަން ހުށަހެޅުއްވީ އިމްތިޔާޒު ފަހުމީ އެވެ. ނަމަށް ތާއިދު ކުރެއްވީ އިލްޔާސް ލަބީބެވެ.
އެމްޑީޕީއިން އީވާގެ ނަން ކުރިއަށް ނެރެފައިވާއިރު މާދަމާ ރޭ ބާއްވާ ނަވާރަވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނަގާ ސިއްރު ވޯޓުގައި އީވާގެ ނަން ފާސްވެއްޖެނަމަ، އީވާ ވެގެން ދާނީ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ ދެ ވަނަ އަންހެން ބޭފުޅާއަށެވެ. މީގެކުރިން އަނީސާ އަހުމަދު މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވެ އެވެ. އެއީ 2004 ވަނަ އަހަރުން 2009 ވަނަ އަހަރަށެވެ.
އީވާގެ ނަމުގެ އިތުރުން އެހެން ޕާޓީއަކުން ނައިބު ރައީސް ކަމަށް ނަމެއް ހުށަހަޅާފައެއް އަދި ނެތެވެ. އަންނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތްއިރު އިދިކޮޅު ޕާޓީތަކަށް ލިބުނީ ވަރަށް މަދު ގޮނޑި އެވެ. އެހެންވީއިރު އެމްޑީޕީއިން ހުށަހަޅާ ނަން، ފާސްވާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ.
ނިމިގެން މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ނައިބު ރައީސްކަން ކުރެއްވީ މޫސާ މަނިކެވެ. އޭނާ އެ މަގާމަށް އިންތިހާބުވީއިރު ހުންނެވީ އެމްޑީޕީގަ އެވެ. ނަމަވެސް ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި އޭނާ ވާދަ ނުކުރައްވަ އެވެ.