ހަބަރު

ރައީސް ސޯލިހުގެ މަރުހަބާ ނަޝީދާއި އީވާއަށް

ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ފާސްވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ މަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ރައީސް ނަޝީދަށާއި މަޖިލިސް ނައިބު ރައީސް ކަމަށް ގެންނަން ފާސްވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި މަޖިލީހުގެ އާ މެންބަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ކުރެއްވި ޓްވީޓު

މަޖިލީހުގެ ރައިސް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ފުރަތަމަ ތާއީދު ކުރެއްވި ނަމަކީ ވިލުފުށީ ދާއިރާއަށް އިންތިހާބުވި ހަސަން އަފީފް އަށެވެ. އަދި ރައީސް ނަޝީދު ތާއީދު ކުރެއްވީ އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އަށެވެ. އެކަމާ ހެދި އެމްޑީޕީގެ ތެރޭގަައި ވެސް އޮތީ ހިޔާލު ތަފާތުވެފަ އެވެ.