ހަބަރު

ދެ ގެއެއް ފާސްކޮށް، 37 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ގުޅުން ހުރި ދެ ގެއެއް ބަލައި ފާސްކޮށް، 37 މީހަކު މާލެއިން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބޭނުން ކުރާކަމަށް ތުހުމަތު ކުރެވޭ ދެ ގެއެއް ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަލައި ފާސްކޮށް، 37 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ބަލާފާސްކޮށްފައިވަނީ ގ. ޕެލިކަން އާއި ގ. މެމޮރީވިލާ އެވެ.

ގ. ޕެލިކަން އިން 19 އަހަރާއި، 42 އަހަރާއި ދެމެދުގެ 11 ފިރިހެނުންނާއި، 21 އަހަރުގެ އަންހެނަކާއި، 17 އަހަރު ކުޑަ ދެ ފިރިހެން ކުދިން ހައްޔަރު ކޮށްފައިވާއިރު، ގ. މެމޮރީވިލާއިން 19 އަހަރާއި 42 އަހަރާއި ދެމެދުގެ 24 ފިރިހެންނުން ހައްޔަރު ކޮށްފައިވެ އެވެ.

އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކުޑަ ދެ ކުދިން ފިޔަވާ އެންމެންގެ ބަންދަށް ތިން ދުވަސް ދިނެވެ. ކުޑަ ދެ ކުދިން ބަަދަލު ކުރީ ގޭބަންދަށެވެ.

ފުލުހުން ބުނީ އެ ދެގެބަލާފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 18 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން އެ ދެ ގެއަކީވެސް، ފުލުހުންނަށް ނުވަދެވޭ ގޮތަށް އެލެކްޓްރިކަލް އަދި މެކޭނިކަލް ލޮކް ހަރުކޮށްފައިވާ ދެ ގެ ކަމަށާއި، އެ ދެގޭގައި ވެސް މަސްތުވާތަކެތި ގަނެ އެ ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، މަސްތުވާތަކެތި ބޭނުން ކުރުމުގައި ކުޑަ ކުދިންނާއި، އަންހެނުން ޝާމިލް ކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.