މަޖިލީހުގެ ރިޔާސަތު ކަނޑައެޅުމަށް އެމްޑީޕީ އިން ރޭ ބޭއްވި ބައްދަލުވުން ވެގެން ދިޔައީ މުޅި ގައުމު ހައިރާންކޮށްލައި ސިޔާސީ މަސްރަހުގެ ކަންކަން އެހެން ގޯޅިއަކުން އަޅުވާލައިގެން ދިޔަ ދިޔުމަކަށެވެ. އެއް ޕާޓީއަކުން ނިކުތް ވާދަވެރި ދެ ކެންޑިޑޭޓުންގެ ފަހަތުގައި ޕާޓީގެ މައި ދެ "ތަނބު" ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިއްބަވާ ބޮޑު ކޯޅުންގަނޑަކަށް ގޮސް އެމްޑީޕީ އޮތީ ވެއްޓި ފަޅަފަަޅައިގެންދާ ހިސާބުގަ އެވެ. ފަހު ވަގުތާ ޖެހެންދެން އެގޮތުގައި އޮވެ، ދެތިން ގަޑިއިރުގެ ތެރޭގައި މުޅި ލީޑާޝިޕް އެއްބަސް ކިޔާ، މަޖިލިސް ރައީސްކަން ރައީސް ނަޝީދަށް ހިބައިން އަރުވައި އެންމެން ސިއްސުވައިލީ އެވެ.
ސިޔާސީ މަންޒަރު ބަދަލުވެގެން ދިޔަ ގޮތާއެކު މިހާރު އެތައް ބައެއްގެ މެދުގައި ވަނީ އާ ސުވާލުތަކެއް އުފެދެން ފަށައިފަ އެވެ. އެއީ ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުން މަޖިލިސް ރައީސް ކަމަކީ އެމަނިކުފާނު ދުވަހަކުވެސް ބޭނުންފުޅުވެ ވަޑައިގަންނަވާ އަދި ޝައުގުވެރިވެ ވަޑައިގަންނަވާ ވެސް މަގާމެއް ނޫނެވެ. އެމަނިކުފާނުގެ ވިސްނުން އެއަށް ވުރެ މާ ފުޅަލެވެ. މީގެ އިތުރުން އެމްޑީޕީގެ ތެރޭގައި މިދިޔަ ދުވަސްތަކުގައި ސަރުކާރަށް ފާޑު ކިޔުންތައް އައި ގޮތުންނާއި ރައީސް ނަޝީދުގެ އާއިލާ ތެރޭގައި އުފެދުނު ނުތަނަވަސް ކަމާއި ކޯޅުންތައް ބޭރަށްވެސް ނުކުމެފައިވާތީ އެވެ.
ރޭ ހަގީގަތުގައި ވެގެން ދިޔައީ ކިހިނެއް ކޮން ހިސާބަކުން އައި ކަމެއް ހެއްޔެވެ؟ އެމްޑީޕީ އެތެރޭ ވާދަވެރިކަަމުގައި މިއީ ނަޝީދަށް ލިބިވަޑައިގަތް ކާމިޔާބީއެއް ހެއްޔެވެ؟ ނުވަތަ ނާކާމިޔާބީއެއްގައި އެޅި "ސިޔާސީ މަލަންގަނޑެއް" ހެއްޔެވެ؟ ބޭރުފުށް ވަރަށް އޮމާންކޮށްލިޔަސް އަޑީގައި އަދިވެސް ޒަހަމްވެފައިވާ ދެ ފެކްޝަނެއް އެބައޮތް ހެއްޔެވެ؟ ދެން ވާނީ ކިހިނެތް ހެއްޔެވެ؟
ރޭގެ ބައްދަލުވުމަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވި އިސް ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވަ އެވެ. އެމަނިކުފާނުގެ މޫނު މަތިން އޭރު ފެންނަން ހުރީ އުދާސްކަމެވެ. މަޖިލިސް ރައީސް ކަމަށް ވާދަ ކުރެއްވި ހަސަން އަފީފާއި މުހައްމަދު އަސްލަމް ވަޑައިގެންނެވި ގޮތަށް ދެ ބޭފުޅުން ރައީސް ނަޝީދާއެކު ސިއްރު ވާހަކަތަކެއް ދައްކަވަން ފެއްޓެވި އެވެ. އަދި މޫނު އަނބުރާލެއްވުމަށް ފަހު ރައީސް ނަޝީދު ގޮސް އިށީންދެވަޑައިގެންނެވި އެވެ. އެކަން ހިނގީ ކެމެރާތަކާ ހައެއްކަ ފޫޓު ކައިރީގަ އެވެ. މީޑިއާގެ ކުރިމަތީގަ އެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް އައި ހުށަހެޅުމާއެކު އެކަމަށް ތާއީދު ކުރެއްވުމަށް އަފީފުގެ ވެސް ކުރިން އެންމެ ފުރަތަމަ ފުންމައިގެން ތެދުވެ އެކަމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ. ރޮޒޭއަކީ ރައީސް ސޯލިހު ދިފާއު ކުރައްވާ މިދިޔަ ދެތިން ދުވަހު ސޯޝަލް މީޑިއާގައި ގިނަ ރައްދުތަކެއް ދެއްވަމުން ގެންދިޔަ ބޭފުޅެކެވެ.
އެކަން އެކަންޏެއް ނޫނެވެ. މުޅި މާލަމުގައި އެއްވެސް ދެބަސްވުމުގެ މަންޒަރެއް ނުފެނެ އެވެ. މަޖިލިސް ރައީސް ކަނޑައެޅުމުގެ ކުރިން ވެސް ދެ ވޯޓަކަށް އެހި އިރު މާ ބޮޑު ހިޔާލު ތަފާތުވުމެއް ނެތެވެ. މާ ކުރިން ތިބީ އެއްބަސް ކިޔައި "އެއްބަސްވާން އެއްބަސް ވެގެނޭ" ބުންޏަސް މީހަކު ދެބަހެއް ނުވާނެހާ އޮމާންކޮށެވެ.
ރޭ ހިނގި ހުރިހާ ކަމެއް ވަރަށް ގިނަ ބޭފުޅުން ސިފަ ކުރަައްވަނީ ރާވާލައި ލިޔެލައިގެން ކުޅުނު '"ކަސޯޓީ އެޕިސޯޑެއް" ގެ ގޮތުގަ އެވެ. މަޖިލިސް ރައީސް ކަނޑައެޅުމަށް އެއް ދުވަހާ ހަމަޔަށް ޖެހެންދެއް މީޑިއާގެ ސަމާލުކަން ހުއްޓުވާފައި ބާއްވަން ޖެހި ބޮޑު ސަކަރާތެއްގެ ގޮތުގަ އެވެ. އަދި ފަހު ވަގުތު "އިތުރު ގޮތެއް ނެތިގެން" ކަމަށް ބުނެ ބަހަނާއެއް ދައްކާފާފައި އެއް އާއިލާއެއްގެ "އެއްބަނޑުހާ ގާތް" ދެ ބޭފުޅުންގެ މުށުގެ ތެރެއަށް ދައުލަތުގެ ދެވަނަ ބާރުގެ ލައިދީ ނިންމާލީ އެވެ.
ޓްވިޓާގައި އާދަވެ ހިޔާލު ފާޅު ކުރި މީހަކު ބުނި ގޮތުގައި ރައީސް މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ހަމީދު މަޖިލިސް ރައީސްއަކަށް އިންނަވައިގެން އެއީ އާއިލީ ވެރިކަމެކޭ ވިދާޅުވި ބޭފުޅުންގެ އާއިލާ މިއަދު ދައުލަތުގެ ދެ ބާރު ވެސް ހިންގަނީ އެވެ.
އޭރު އެކަން ބޮޑު މައްސަލައަކަށްވި ނަމަވެސް މިއަދު ހަމަ "ރެޕްލިކާ" ގެންނާކަށް މައްސަލައަކަށް ނުވި އެވެ. އަދި ޑްރާމާއަކަށް ބަދަލުކޮށްލައިގެން އެކަން އެގެންދިޔައީ ވެސް މައްސަލައަށް ބަޔަކަށް ނުހެދޭނެހާ ޑްރާމާކަން ބޮޑުކޮށެވެ.
"ބޮޑު މީޑިއާ ސްޓަންޓެއް މިއީ މިހާރު ރައީސް ނަޝީދުގެ އާއިލާ އެ އޮތީ ވެރިކަމުގައި ވެސް މަޖިލީހުގައި ވެސް އަދި ރައީސް ނަޝީދަށް އެ ކޮންޓްރޯލް ނުކުރެވިގެން އުޅޭ ޝަރުއީ ދާއިރާ ބަލަހައްޓާ ޖޭއެސްސީއަށް ވެސް އެއޮތީ އަތް ބާނަން ފުރުސަތު ލިބިފަ... ވެލް ޕްލެއިޑް!" އެހެން މީހަކު އޭނާހެ ހިޔާލު ފާޅު ކުރި އެވެ.
މީގައި އެހެން ވިސްނުން ގެންގުޅުއްވާ ބޭފުޅުންވެސް އެބަތިއްބެވި އެވެ. އޭގެ ބައެއް ފަރާތްތައް ބުނާ ގޮތުން އެމްޑީޕީގެ ތެރޭގައި ހަގީގަތުގައި ވެސް ދެ ފެކްޝަނެއް މިހާރު އެބައޮތެވެ. އަދި ރޭގައި އޮތް މައްސަލައަށް ގިނަ މެންބަރުންގެ ވޯޓު ކަށަވަރުވެފައި ވެސް އޮތީ ރައީސް ސޯލިހުގެ ފަޅީގައި ހުންނެވި ވިލުފުށީ އަފީފަށެވެ. އެމްޑީޕީގެ ގްރާސްރޫޓް ބައެއް މެންބަރުން ކެކި އަރައިގެން ދިޔައީ ވެސް އެ ސަބަބާ ހުރެ އެވެ. އެހެންވެ ރައީސް ނަޝީދު ރޭ ކުޅުއްވީ އެމަނިކުފާނަށް ކުޅެވެން އޮތް ފަހު ކާޑު "ނޯޗޮއިސް" އެވެ.
"މިވަގުތު ރައީސް ސޯލިހަށް އެމްޑީޕީގެ ޕީޖީގެ އަޣްލަބިއްޔަތު އޮތް ކަން ސާބިތުކޮށް ދެވުނަސް މާ ބޮޑު ކާމިޔާބީއެއް ލިބިވަޑައެއް ނުގަންނަވާނެ. އެއީ މިދިޔަ ދެތިން ދުވަަހު ހިންގި ކަންކަމަށް ބަލާއިރު އެނގިއްޖެ އެމްޑީޕީގެ ގްރާސްރޫޓުން ކެކިގެން އަރާނެ މިންވަރާއި ސަޕޯޓަރުންގެ ވިސްނުން. އެހެންވެ އެމްޑީޕީ ރޫޅުނަ ނުދީ ހަމައަކަށް އެޅުވުމަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކޮންމެ އެއްޗަކާއި ކަމެއް ހިބަކޮށް އެރުވުން. އެކަމަކު އެއީ ރައީސް ނަޝީދަށް ވެސް ލިބޭ ކާމިޔާބީއެއް ނޫން. މިއީ ގަދަ ހިފުމަށް ގޮސް އެއްކޮޅެއްގައި ވެސް ނުޖައްސާ ދޫކޮށްލުމެއް،" ސިޔާސީ އެނަލިސްޓަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ވަގުތަށް ލަފާ ކުރެވެނީ ރައީސް ނަޝީދު އަތުގައި އޮތީ މަޖިލީހުގެ ރައީސްކަން އެކަންޏެވެ. އެމްޑީޕީ ޕީޖީގެ މެޖޯރިޓީއެއް ނަޝީދަކަށް ލިބިވަޑައެއް ނުގަންނަވަ އެވެ. އެހެންވެ މި ވަގުތަށް ރައީސް ސޯލިހުގެ ޓީމް ފަހަތުގައި މަޑުކޮށްލައި ރަނގަޅު ވަގުތު ޖެހުމުން ރަނގަޅު ތަނަށް ކުޅެން އަލުން ކުރިޔަށް ނުކުމެލާނެ އެވެ.
ސިޔާސީ މީހުންނަށް އެނގޭނެ އިހަށް މަޑުކޮށްލަން ޖެހޭ ވަގުތުތަކާއި ދެން ފަހަތުގައި ހުރެގެން ކުޅިބައި ރާވައި ކުޅޭނެ ގޮތް. އެއަށް ފަހު ފަރުދާގެ ފަހަތުން ބޭނުންވާ މިންވަރަށް ތާއީދު ހޯދުމަށް ފަހު ރަނގަޅު ވަގުތު ރަނގަޅު ތަނަށް ކުޅެން. އެއީ ސިޔާސީ ކަންކަން ހިނގާ ގޮތަކީ. މިއީ ނަޝީދަށް ލިބި ވަޑައިގެންނެވި ކާމިޔާބީއެއް ނޫންސިޔާސީ އެނަލިސްޓެއް
ކޮންމެ ގޮތެއް ވިޔަސް ގަދަ ގިނީގައި ކެކެމުން ކެކެމުންދިޔަ އެމްޑީޕީ މިވަގުތަށް އެ އޮތީ ހިހޫވެ ހިނދިފަ އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް ނޫނީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް ހަގީގަތުގައި ވެސް އޮތް ނަމަަ ލަފާވާ ގޮތަށް މާގިނަ ދުވަހެއް ނުނަގައި އަނެއްކާވެސް ކެކެން ފަށާނެ އެވެ.