ވާހަކަ

އީޝަލް

(26 މެއި 2019 އާ ގުޅޭ)

ކަޅު އެންދެރި ފަދަ ދިހުން އަރައަރާ ހުރި ހަންގަނޑުގެ ތެރެއިން ފާޅުވަނީ ޒަލަފްގެ ރަތްކުލައިގެ ދެ ލޮލެވެ. ނިތްކުރިމަތިން އުފުލިފައިވާ ދެ ދަޅުވަނީ ބޮޑުކަމުން ފަހަތަށް ލެނބިފައެވެ. އަތުގެ އިނގިލިތައް ދެމި ކޮޅުތައް އޫވެ ނިޔަފަތިތައް ވަކިތަކެއް ފަދައިން ނުކުމެފައެވެ. އޭނާ އިސްކޮޅަށް ވުރެ މީހާ ބިޔަވެފައި ބޮޑުކަމަށް ފެނެއެވެ.

އިންސިއެއްގެ ސިފަ ޒަލަފްގެ ގައިން މުޅިން ގެއްލިއްޖެއެވެ. އެހެންވިޔަސް އޭނާގެ ބުއްދި ފިލައި ނުދެއެވެ. ލުގަލްބަންދާއާއެކޭ އެއްފަދައިން އޭނާ ހަރަކާތްތެރިވަމުންދިޔައީ އެއްވެސް ހަތިޔާރަކާ ނުލައެވެ. އެ ދެ މީހުން އުފައްދާ ހަމަލާތައް ދާދި އެއްގޮތެވެ. ދުޝްމަނުންނަށްވުރެ ހަލުވިވެފައި ދޭ ހަމަލާގެ ބާރު ގަދައެވެ. މީގެ ކުރީން ދުވަހަކުވެސް އެކުގައި މިފަދަ މައިދާނެއްގައި ބައްދަލުނުވާ ދެ މީހުން ހެން ހިޔެއްނުވެއެވެ. އެއަށްވުރެ ފެންނަނީ ދެ މީހުންގެ އެކަކުއަނެކަކުގެ ބުރަކަށި ސަލާމަތްކުރަމުން ހަމަލާތައް އުފައްދާތަނެވެ. އޭނާއަށް އެނގިފައި ހުރި ޢިލްމެއްގެ ބޭނުންވިއްޔާ އޭނާ ހިފަމުންދިޔައެވެ. ގަދަފަދަވެގެންވާ ނުބައި ޖަނަވާރެކޭ ލުގަލްބަންދާއެކޭ ތަފާތެއްނެތެވެ. އޭނާ ހަމަލާތައް ދެމުންދިޔައިރު އެއްވެސް ރަހުމެއްނެތް ފަދައެވެ. އޭނާގެ ސިފަ އިހުނަށްވުރެ ވެސް ބިޔަވެ ގައިގެ އެތަން މިތަނުން ކަޅު ދުންތަކެއް ނުކުންނަމުންދިޔައެވެ. އެ ދުމުގައި ހޫނުކަން އެކުލެވިފައިވިއެވެ. އޭނާގެ ނަގުލުގައިވާ ކަށި ދިގުވެ ވިހަ ލޮނދި ފައިބަފައިބާ ހުއްޓެވެ. އެ ނަގުލުން އެކަނި ވެސް ދުޝްމަނުންގެ ހަށިތައް ބުރިކުރަމުން އޭނާ ދިޔައެވެ.

ދާރިއުސްގެ ދެއަތަށް ހެޔޮވަރުކޮށްލައިގެން ހުރި ދެ ކަނޑީގެ ބިޔަކަމާއި ދިގުކަމުން އޭތި ބަރު ވެސް ވާނޭކަން އެނގެއެވެ. ދާރިއުސް ތަމްރީނު ކުރި މީހަކީ ރައުލްއެވެ. ދެ ކަނޑިއަކީ ދާރިއުސްއަށް އެންމެ އެކަށީގެންވާ ހަތިޔާރުކަން ނިންމީ ވެސް ރައުލްއެވެ. އެ ދެކަނޑި އުފުލުމަށް ޓަކައި ވަރަށް ޅައިރުން ފެށިގެން ރައުލް އޭނާ ތަމްރީނު ކުރަން ފަށައިފިއެވެ. މިއަދު އޭނާގެ ބޯމަތިންނާއި އަރިއަރިމަތިން ދެ ކަނޑި ހޫރަމުން ހަމަލާތައް އުފައްދަމުން އައިއިރު އޭނާގެ ހަލުވިކަމާ އެއްވަރަށް ދެ ކަނޑީގެ ބަރު ވެސް އިޙްސާސް ނުވާ ކަހަލައެވެ. އުމުރުން އެންމެނަށްވުރެ ހަގު ވިޔަސް އޭނާގެ ހުނަރާމެދު ޝައްކުކުރެވޭނޭ ފުރުސަތެއް ދާރިއުސް ނުދެއެވެ. ސޭމެސްގެ އިރުޝާދުތަކަށް އޭނާގެ ކަންފަތް ހުރީ ހުޅުވިފައެވެ. އެ ބޭބެގެ ކޮންމެ ގޮވާލުމަކަށް އޭނާގެ ހަރަކާތް ބަދަލުކޮށްލާއިރު ހީވަނީ ކަނޑީގެ ހެވިކަމަށް ކުޅަދާނަ ވަރުގަދަ ފަހުލަވާނަކު ނުކުމެ އޭނާގެ ހަރަކާތްތައް ދައްކަނީ ހެނެވެ. އޭނާ ފެންނަ ހިސާބުގައި ސޭމެސް ހުރެއެވެ. ސޭމެސްގެ ހަށިގަނޑުގެ ބޭރުގައި ލެވިގެންދިޔަ ތޮށި ހަރު ވެފައި އަންނަ ހަމަލާއެއް އެ ހަށިގަނޑު ފޫއަޅުވާލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެސްފިޔަ ޖަހާލެވޭހާ ހިނދުހިނދުކޮޅުން އޭނާ ދިމަދިމާލަށް ދެމިގަންނައިރު ހަށިގަނޑުގެ ބައްޓަން ބިޔަ ނާގު ހަރުފަހަކަށް ބަދަލުވެދެއެވެ. ކުޅަދާނަކަމާއެކު ދުޝްމަނުންގެ ހަމަލާތައް އައުމުގެ ކުރީން އަންނާނޭ ދިމާއެއް އޭނާ ދެނެގަނެއެވެ.

މުޅި ރަށުތެރެއަށް އަރައިގަނެވުމުން ޒަގަންގެ ލަޝްކަރުގެ އެއްބަޔަކު ރަށުގެ ވަށައިގެން ޖަހާފައި ހުރި ކަޑަތައް އުފުރާލުމުގައި ކާމިޔާބު ހޯދިއެވެ. އެހެންނަމަވެސް އެބައިމީހުންގެ ތެރެއިން އެއްބައެއްގެ ފުރާނަ އެކަމުގައި ގޮސް އަނެއްބަޔަކަށް ބޮޑެތި އަނިޔާތަކެއް ވިއެވެ. ފުރާނަ ހުރިހާ ހިނދަކު އެ މީހުން ވެސް ތިބީ ފަހަތަށް ޖެހޭ ގޮތަކަށްނޫނެވެ. ހީވަނީ އާދަޔާ ޚިޔާލާފު ޖޯޝަކާއި ބާރެއް ލިބިފައިވާ ހެނެވެ.

ދުރުގައި ބަލަން ހުރި ޒަގަންގެ ވަށައިގެން އޭނާގެ ބައްޕަ ފޮނުވި ބޮޑެތި އިފްރީތުންތައް ތިއްބެވެ. އޭނާގެ ހަށިފާރަވެރީންތަކެއް ފަދައިންނެވެ. އޭނާގެ އިޒުނައާ ނުލައި ފަރާތަކަށް ވެސް ޖެހިނުލާށެވެ. ލަޝްކަރުގެ އެންމެންހެން ރަށަށް އަރައި ހަނގުރާމަ ވަރުގަދަ ވުމުން ޒަގަންގެ މިސްރާބު ފުރަތަމަ ހުއްޓުނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހަތޯރަށެވެ. ހަމަލާތައް ކުރިއަށް ދިޔަ ދަނޑިވަޅެއްގައި އޭނާއަށް ޒަގަން ގޮވާލިއެވެ. އެނބުރި އޭނާއާއެކު އައުމަށް ބުންޏެވެ. ޒަގަންއާއެކު ހަތޯރު އެނބުރި އަތުވެއްޖެނަމަ އަދިވެސް ބޭރީތާއި ކަސްދިޔާ އޭނާ ބަލައިގަންނާނޭކަމުގައި ޒަގަން ބުންޏެވެ. އެހިނދު ހަތޯރު އޭނާގެ ބޭބެއަށް ގޮވާލީ އިސްލާހުގެ މަގަށެވެ. ހަނގުރާމަ ހުއްޓާލައި އީޝަލްއާއި އޭނާގެ އަހުލުން ދޫކޮށް އެނބުރި ދިއުމަށެވެ. ޒަގަންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އީޝަލް ދުވަހަކުވެސް ޒަގަންއަށް މިލްކުނުވާނޭ ހަތޯރު ބުނުމުންނެވެ. ޚުދު ހަތޯރުގެ ފުރާނަ ހުއްޓާ އެކަން އެހެންވިޔަ ނުދޭނަމޭ ބުނީމައެވެ.

"ކަލޭ ތިހުރީ ބުއްދި ގޯސްވެފައި، މިތަނުން ދަމާކޫތާފައި ގެންގޮސް ބައްޕަގެ ފައިބުޑަށް ކަލޭ ޖަހާނަން، މިތާ ތިބި އެންމެން މަރާ ހުސްކުރާނަން، އެމީހުންގެ މަތިން ކަލޭ ހަނދާންނެތޭވަރުގެ އަހުވާ ޖައްސާނަން... ކަލޭ ތިހުރީ ކާފަރުވެ އެމީހުންގެ ވަސްވާހުގައި ޖެހި މަގުގެއްލިފައި، ހެޔޮ ވިސްނުމުން އެއްކިބާވެފަ.... ރީތި ގޮތުގައި އަހަރެންނާއެކު ނައީ ވިއްޔާ މިތިބަ ޖިންނީން ލައްވާ ކަލޭ ގަދަކަމުން ވެސް ގެންދާނަން، އަދި ކަލޭގެ ކުރިމަތީ އަހަރެންގެ މިލްކަކަށް އީޝަލް ހަދާނަން" ޒަގަން ބުންޏެވެ. އެހިނދު އޭނާގެ ވާހަކަ އަޑުއެހުމެއްނެތި ވެލިގަނޑަށް ހެރިފައި ހުރި ދުޝްމަނުންގެ ލޮންސިއެއް ނަގައި ޒަގަންއާ ދިމާއަށް ހަތޯރު ހޫރާލިއެވެ. ވައިކަފާލައި އައި އެ ލޮންސި މަތަކުރީ ޒަގަންގެ ގާތުގައި ތިބި ބިޔަ ޖިންނީންގެ ތެރެއިން އެކަކެވެ. ޒަގަން ޖަހާލީ ބާރު ހިނިގަނޑެކެވެ. ޒަގަން ދެން ގޮވާލީ ހަތޯރާއެކު އުޅޭ ރާވިންއަށެވެ. އަދި ބޭރީތުގެ ގާތުން ލާވީ އެދުނީ ކޮންކަމަކަށްކަން އެނގޭ ހެއްޔޭ އޭނާ ސުވާލުކުރިއެވެ. އެއަށްފަހު ހިނިގަނޑެއް ޖަހާލައި މި މައިދާނުން އެނބުރި އޭނާއާއެކު ދާނޭ މީހުންގެ ތެރޭގައި ރާވިން ހިމެނޭ ކަމުގައި ބުންޏެވެ. އަދި އޭނާގެ މައްޗަށް އެޅިފައިވާ ނުބައިކަމުން ފުރިގެންވީ ކަޅުކަން ގަދަ ވިލާގަނޑެއް ފަދައިން ރައުލް ސިފަކުރާކަން ބުނެލިއެވެ. އެ ވިލާގަނޑުން ރާވިންގެ ހުރިހާ ހިއްސުތަކެއްވަނީ ރައުލް ބަންދުކޮށްލާފައި ކަމެވެ. އެ ބަލާވެރިކަމުން އޭނާ ސަލާމަތްކުރެވެން އޮތް ގޮތަކަށް އޭނާ ގެނައުމަށް ޒަގަންއަށް ހަވާލުކުރެވިފައިވާކަން އޭނާ ހާމަކުރިއެވެ. އެނޫން ވެސް ބޮޑެތި ދޮގުތައް ޒަގަން ހެދިއެވެ. އެ ހުރިހާ ކަމަކީ ލާވީގެ އެދުންކަން ޒަގަން ފާޅުކުރުމުން އެކަމާ ރާވިންގެ ހިތަށް އުނދަގޫވިއެވެ. ނަމަވެސް އޭނާއަށް ސާބިތުކަން ދިނީ ހަތޯރެވެ. އަބަދުﷲގެ ނަސޭޙަތް ހަތޯރު ހަނދާންކޮއްދިނެވެ. އެމީހުންގެ ބުއްދިތައްވަނީ ޒަގަންފަދަ މަގުފުރެދިފައިވާ ޖިންނީންނަށް ބަންދުވެފައި ކަމެވެ. ވީއިރު އެބުއްދީގައި ފޮރުވިފައިވާ ކަންކަން ދެނެގަތުމަށް އެ މީހުން މަސައްކަތްކުރާނޭ ކަމެވެ. އެ ވަސްވާހުގައި ޖެހި އަމިއްލަ ބުއްދި ޝައިތާނަކު ވަނުމަށް ހުޅުވާނުލާން ހަތޯރު ބުންޏެވެ. އޭނާގެ ބޭބެ އެވަނީ ހަސަދައިގެ އަލިފާނުގައި އަނދައަނދާކަން ހަތޯރު ބުންޏެވެ. އަދި ޒަގަންއާ ދިމާއަށް ހަޅޭލަވައިގަތެވެ. ދެވަނަ ހަމަލާއެއް އޭނާއާ ދިމާއަށް ފޮނުވާލަން ހަތޯރު އުޅުނެވެ. އޭނާއަކީ ނުބައިވެގެންވާ އިބްލީސްގެ އައުވާނެކޭ ގޮވާލިއެވެ. އެއަޑު ރަށުތެރޭ ގުގުމާލިއެވެ.

ހޫނުވަމުން ދިޔަ ހަނގުރާމައިގައި އެކަކުއަނެކަކުގެ ކޮނޑުތައް މަތިން ވެސް ދުޝްމަނުންތައް އަރައިގެން އާދެއެވެ. މުޅި ރަށުތެރޭގައި ކަހަލަ ގޮތަކަށް ލޮނުގެ ފެންގަނޑުތައް ހެދެމުންދިޔައެވެ. ޒިޔަޒެލްގެ އިޝާރާތާއެކު މިޒަރެން ކިޔެވުން ކުރިއަށް ގެންދިޔައެވެ. ރަށުތެރޭގައި އެނދިވަހާއި ފަރުހަކި ވަސްގަނޑު ހިފާލައިފައި ހުއްޓެވެ. ދުޝްމަނުންގެ އަދަދު މަދުވާހެނެއް ހިޔެއްނުވެއެވެ. ބޮޑެތި ވަރަތަކުގެ ވެރީންކަމުގައި މީކާޢިލްމެންވީއިރު އޭނާއާއި އާރަމްގެ ދެ ވަރަ ހުޅިވި ދުރަށް ފެތުރިފައި އޮތެވެ. އެ ވަރަ އެ މީހުން ހިމާޔަތްކޮށްދެއެވެ. ވާހުގެ ތެރެއަށް އަރައި ދުޝްމަނުންނާ ކުރިމަތިލަމުން ދިޔައެވެ. އެކަކުއަނެކަކުގެ ބޯމައްޗަށް އަރައި މީކާޢިލްއާއި އާރަމްއަށް ހަމަލާ ދިނުމަށް އެ މީހުން މަސައްކަތް ކުރަމުންދިޔައެވެ.

އެއްވެސް ކުރިމަތިލުމެއްގައި ބައިވެރި ނުވެ ރަށުތެރޭގެ ކަންކަން ބަލަމުން ދިޔަ ޒަގަންގެ ނަޒަރު އީޝަލްއަށް ހުއްޓިފައި ވިއެވެ. އެ އަންހެންކުއްޖާގެ ހަރަކާތް އަވަސްކަމާއި އޭނާގެ ކުޅަދާނަކަމަށް ޒަގަންގެ ހިތް އިތުރަށް ލެބުނެވެ. ފޮނިފޮނި ޚިޔާލުތަކުން ނަފްސަށް ހަމަޖެހުން ހޯދަމުން ދުރުގައި އޭނާ ބަލަން ހުރީއެވެ. ބައެއްފަހަރު ވިދުވަރެއް ކެނޑިގެން ދާފަދައަކުން އީޝަލް ފެނެއެވެ. އޭނާ މަޑުޖެހިލާއިރު އެއްފަހަރާ ތިން ހަތަރު ޖިންނީންގެ ފުރާނަ އޭނާގެ ކަނޑީގެ މިޔަދަށުވެ ގެއްލިގެން ގޮސްފައިވާތަން ޒަގަން ދުއްޓެވެ. އެއާއެކު ތަފާތު ޖޯޝެއް އޭނާއަށް ލިބި މަސްތުކަމުގެ ލުއި ހީނލަމުން އޭނާއަށް ހީނލެވެއެވެ. މޭގައި އުފެދެމުންދިޔަ އާދަޔާ ޚިލާފު ހޫނުކަން ފިނިކޮށްލުމުގެ ޝައުގުވެރިކަން ޒަގަންގެ މުޅި ނަފްސާއި ބުއްދީގައި އުތުރި އަރަމުންދިޔައެވެ. އޭނާގެ ހިތް އެދޭ ފަދަ ފިނިކަމާއި ކަރުހިއްކުން ފިލައިދާނީ ހަމައެކަނި އީޝަލް ލިބިގެންނެވެ.

ޒަގަން ހުރެފައި ކޮއްލި އިޝާރާތާއެކު އޭނާއަށް ތަބާވެ ކިޔަމަންވާ ޖިންނީން އިހުނަށްވުރެ ހަލުވިކޮށް ކުރިއަށް ޖެހެންފެށިއެވެ. ބަދަލުކުރެވެމުން ދިޔަ ހަމަލާތަކުގެ ތެރެއިން މީކާޢިލް ގޮވާލީ ޒިޔަޒެލްއަށެވެ. އީޝަލްއާއި ރައުލްއާ ދެމީހުން އެކަހެރިކޮށް ދެންތިބި އެންމެން ވަށާލަނީކަން މީކާޢިލް އެންގިއެވެ. އެއާއެކު ޒިޔަޒެލް ގޮވާލީ މިޒަރެންނަށެވެ. ފެންކަންވާރުތަކުގައި ހުރި ފެން ރައުލްގެ ބައިވެރީންގެ ގަޔަށް އެޅުމާއެކު ފަޒާގެ ތެރެއަށް އުކަމުން ދިއުމަށެވެ. އަދި އެންމެން އެއްތަނަކަށް ޖަމާވުމަށާއި އެމީހުންގެ މެދަށް އީޝަލްއާއި ރައުލް ލުމަށެވެ. ނަމަވެސް ހީކުރިހާ ފަސޭހަކަމަކަށް އެކަން ނުވިއެވެ. ޒަގަން މައިދާނަށް ނުކުތީއެވެ. އޭނާގެ ފުރަތަމަ ހަމަލާއިގެން ދިމާކުރީ މިޒަރެންނަށެވެ. އެހިނދު އެ ހަމަލާ ދިފާއުކުރީ ޒިޔަޒެލްއެވެ. އޭނާގެ އަތްދަށުން ރައުލްގެ ހަމަލާ ފޮނުވާލިއެވެ. ފަހަތަށް ދިޔަ ޒަގަން ހިފެހެއްޓީ އޭނާއަށް އެހީތެރިވުމަށް އައިސްތިބި ބިޔަ އިފްރީތުންގެ ތެރެއިން އިފްރީތެކެވެ. އަލިފާނުގެ އާރެއް ކެކިގަތް ފަދައަކުން އެ އިފްރީތުގެ ގައިން އަލިފާން ފައިބަން ފެށިއެވެ. ޒަގަންގެ އިޒްނައާއެކު އޭނާ ދިމާކުރީ ޒިޔަޒެލްއާއެވެ. ރައުލްއާ ދެމެދު ހަމަލާތައް ބަދަލުކުރެވޭއިރު އެ ދެމެދަށް ޒިޔަޒެލް ވަނަ ނުދިނުމަށެވެ. އީޝަލްއާ ދިމާކުރުމުގެ ކުރީން ރައުލް ބަލިކޮށްލުމުގެ ވިސްނުން ވެސް ޒަގަންގެ ހުރީމައެވެ. އީޝަލްގެ މައްޗަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ އެއީ ކަމުގައި ޒަގަންއަށް ޤަބޫލުކުރެވޭތީއެވެ.

ރައުލްއާއި ޒަގަންގެ ކުރިމަތިލުން ފެށުމާއެކު އީޝަލްގެ ނަޒަރު އެ މީހުންނަށް ހުއްޓުނެވެ. އިހުނަށްވުރެ ބޮޑަށް ދުޝްމަނުން ބަލިކޮށް އެމީހުންގެ މައްޗަށް ކުރި ހޯދަން އީޝަލް ބޭނުންވިއެވެ. ފަސްޖެހުމެއްނެތި އޭނާ ހަމަލާތައް ބަދަލުކުރަމުން ދިޔަ ނަމަވެސް ނޭގޭ ބާރުމިނެއްގައި އީޝަލްގެ ހިތް ތެޅެމުންދިޔައީ ރައުލްގެ ސަބަބުންނެވެ. ޒިޔަޒެލް އެއްފަރާތް ކުރެވެމުންދިޔަ ގޮތް އީޝަލް ދުށްޓެވެ. ރައުލްއަށް އެހީތެރިކަމެއް ފޯރުކޮށް ނުދެވޭހާ ޒިޔަޒެލްވަނީ އިފްރީތުގެ ހަމަލާތަކުގައި ބަނދެވިފައެވެ. އެ ހާސްކަމުގެ ތެރޭގައިވަނިކޮށް ފުރަތަމަ ފަހަރަށް އީޝަލްގެ ކޮނޑާ ދިމާއަށް އައި ހަމަލާ ދިފާކުރުމަށް ދަތިވިއެވެ. ހުސިޔާރުކަމާއެކު މީކާޢިލްގެ ކަނޑި ހުރަސްވެލީ އެހިނދުއެވެ. ނަމަވެސް އެއްލި ކަނޑީގެ ކޮޅު ދިޔައީ އީޝަލްގެ ކޮނޑުގައި ކޫރުމެއް އަޅުވާލައި ހެދުމުގެ ބައެއް ކަފާލާފައެވެ. އެ ހަމަލާ އައީ ކޮންދިމާއަކުން ކަމެއް ވެސް އީޝަލްއަކަށް ނޭނގުނެވެ. އީޝަލްގެ ކަނޑީގައި މީކާޢިލް ނިކަން ބާރަށް ޖަހާލީ ދަރިފުޅުގެ ސަމާލުކަން ހޯދުމަށެވެ. ރައުލް އެކަނިވެއްޖެކަމުގައި އީޝަލް ބުނެލީ އެވަގުތެވެ. އޭނާގެ ގާތަށް ދާން ޖެހިއްޖެކަމުގައި އީޝަލް ބުންޏެވެ. އެ ދެބަފައިން ރައުލްއާ ހަމައަށް އާދެވުމުގެ ކުރީން ހުރަސް އެޅީ އިފްރީތެކެވެ. އޭނާގެ ކަރުގައިވީ ހިލިހިލާ ގަނޑު ނަގާ މީކާއިލްއާ ދިމާއަށް ހޫރާލިއެވެ. އެއިން ރެކެން އެއްފަރާތަށް ދެމިގަނެވުނު ވަގުތު އީޝަލްއާއި މީކާޢިލްގެ ދެމެދަށް އެ އިފްރީތު ވަދެއްޖެއެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ކުޅިފަސް އެނބުރެން ފަށައިފިހެން ހީވިއެވެ. އެމީހުންގެ ތެރެއަށް އަންނަން ބޭނުންވެފައި ހުރި އާރަމްއަށް ނިކަގަހާއި ޔާފިއާ ދޫކޮށްލާފައި ފަރާތަކަށް ޖެހިލެވޭކަށް ނެތެވެ. އެހިނދު ހާސްކަން ވެރިވަމުންދިޔައެވެ. ދެމިގަންނާނޭ ފުރުސަތަކަށް ބަލަމުން އީޝަލް ފަހަތަށް ނުޖެހި ސާބިތުކަމާއެކު ހުއްޓެވެ. އޭރު ރަށުގެ އެކި ދިމާއަށް ފޮނުވާލި އެންމެން ކަހަލަ ގޮތަކަށް އެކަކުއަނެކަކަށް ފެންނަ ހިސާބަށް އާދެވިއްޖެއެވެ. ލުގަލްބަންދާ ގޮވާލި އަޑަށް ޒަލަފް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އެކަމާ ވިސްނުން ހިންގާނޭ ވަގުތެއް ނެތްކަން އޭނާ ދެނަހުއްޓެވެ. ލުގަލްބަންދާގެ ބުރަކަށި މައްޗަށް އެރި ޒަލަފްއާއެކު ދެ މީހުން ފުންމައިގަތެވެ. ޒަލަފް އައިސް ޖެހިގަތީ އީޝަލް ވަށާލަމުން ދިޔަ ބައިގަނޑުގެ ތެރެއަށެވެ. ޖިންނިތައް ދެކޮޅަށް ބުރުއްސަމުން ކަހަލަ ގޮތަކަށް ލުގަލްބަންދާ މަގުހަދަމުން އައެވެ. އީޝަލްއާ ހަމައަށް އައުމަށް ޓަކައެވެ.

ޒަގަންގެ އަރިކައްޓަށް ރައުލް ދިން ހަމަލާއާއެކު އޭނާ ހަޅޭލަވައިގަތް އަޑު އިވުނެވެ. އެ ދެމެދުގައި ބަދަލުކުރޭ ހަމަލާތައް ހޫނުވެފައިވާކަން އެންމެނަށް ވެސް ފާހަގަވިއެވެ. އެކަކުއަނެކަކުގެ ފުރާނައަށް ފެންބޮވައިގަނެފައިވާ ދެ މީހުން ފަދައެވެ. އެކަނި ޖާނާއިގެން ހަނގުރާމަކުރާ ފަހުލަވާނެއް ފަދައިން ފަހަތަށް ޖެހުމެއްނެތި ރައުލް ކުރިއަށް ނުކުތެވެ. ޒަގަންއަށްވުރެ އޭނާއަކީ ހަތިޔާރަށް ފަރިތަ ހަނގުރާމައިގެ އުކުޅުތައް މޮޅަށް ދަންނަ ޒުވާނެކެވެ. އޭނާގެ ސަމާލުކަން އީޝަލް އަތުލުމުގެ ކުރީން ރައުލްގެ ހުރިހާ ވަގުތެއްހެން އޭނާ ހުސްކޮށްލައިފައިވީ އެކަމަށެވެ. ޒިޔަޒެލްގެ ނަސޭހަތުގައި ރައުލް އެންމެފަހު ވަގުތައް ވެސް ހިފަހައްޓަމުން ދިޔައެވެ. އޭނާގެ އަނބިމީހާއަކީ ކުޅަދާނަ އަންހެނެއްކަމެވެ. އޭނާގެ ސަލާމަތައް ދިއުމުގެ ޚިޔާލު ކުރުމަށްވުރެ ކުރިމަތީގައިވާ ދުޝްމިނުން ބަލިކުރުމަށް ޒިޔަޒެލްވަނީ ބުނެފައެވެ. މިވަގުތު ރައުލްގެ ކުރިމަތީގައި އެވަނީ މި ހަނގުރާމަ ފެށުމުގެ އަސްލެވެ. އަނބިމީހާއަށް ޓަކައި މިވަގުތު ދެވޭނެ އެންމެ ބޮޑު ރައްކާތެރިކަމަކީ ޒަގަންގެ ފުރާނަ ވަކިކޮށްލުންކަން ރައުލްގެ ޟަމީރު ވެސް އެއްބަސްވަމުންދިޔައެވެ. އޭނާ އަމާޒު ހިފާފައި ހުރީ އެކަމަށެވެ.

ކުއްލިއަކަށް ބުރަކަށީގައި އައިސް ޖެހުނު އަލިފާނުގެ ހިލަހިލާގަނޑާއެކު ރައުލްގެ އަނގައިން ވޭނުގެ އާހެއް ނުކުތެވެ. އެހިނދު ދުރުން ގަދަ އައްޔެއް ފާޅުވެ ބާރު ވައިރޯޅިއެއް ޖެހިގެންދިޔައެވެ. އެންމެންނަށް ފެނުނީ އީޝަލްގެ ދެވަރަ ހުޅުވި މައްޗަށް އޭނާ އެރިތަނެވެ. ވައަތުގައި އޮތް ހަތަރު ލޮންސި އެއްފަހަރާ ރައުލްއާ ދިމާކުރަން ފެށި ދެ އިފްރީތުންނާ ދިމާއަށް ހޫރާލިއެވެ. ލުގަލްބަންދާއަށް ގޮވާލުމާއެކު އެ އިފްރީތުންގެ ދުވަސް ދުއްވާލުމަށް އީޝަލް ބުންޏެވެ. ދުޝްމަނުންގެ ތެރެއަށް ޖެހިގަންނަމުން ބިންގަނޑު ގުޑުވަމުން ލުގަލްބަންދާ އެދިމާއަށް ދުއްވައިގަތެވެ. އޭނާގެ ދަޅަށް ލަޝްކަރުގެ ޖިންނީން އެމުނި ޒަޚަމްވަމުންދިޔައިރު އެމީހުންގެ ހަށިތައް އޭނާގެ ތޫނު ދަތްތަކުން އިރައި ކުދިކުރަމުން ދިޔައެވެ. އެ އައި ގޮތަށް އައިސް ލުގަލްބަންދާ އެ ތަނުން އިފުރީތެއްގެ އަތް އުޅަންބޮއްޓާ ހަމައިން ވަކިކޮށްލައިގެން ދިޔައީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. ޒަގަންއަށް ވެސް ފަހަތަށް ޖެހިލެވުނެވެ. ލުގަލްބަންދާ ހީވަނީ ހަމަބުއްދި ފިލާފައިވާ ހައިވާނެއް ހެނެވެ. ލުގަލްބަންދާއަށް ދޫކުރުމެއްނެތި އީޝަލްގެ ހަރަކާތް ވެސް ހަލުވިވެގެންދިޔައެވެ. އޭނާ ވެސް ހީވަނީ ހަމައިން ނައްޓާފައި ހުރީ ހެނެވެ. މީކާޢިލްއާއި ޒިޔަޒެލްގެ މޫނުގައި ކަންބޮޑުވުމުގެ އަސަރު ވިއެވެ. މިހާރު ފެންނަމުންދިޔަ ފަދަ އަނިޔާވެރިކަމެއް ޒަގަންގެ ހަޔާތުން ވެސް ދުށް މީ ފުރަތަމަ ފަހަރެވެ. އަންހެނެއްގެ ފަރާތުން އެފަދަ ކުޅަދާނަކަމެއް ފެންނަމުންދިޔަ އަޖައިބުވެ އަންތަރީސްވާހާ ވެއެވެ. ރައުލްއަށް މަޑުމަޑުން އީޝަލްގެ ނަން ކިޔާލެވުނެވެ. އޭނާގެ ސަބަބުން އީޝަލްއަށް ނުތަނަވަސްކަން ލިބިއްޖެކަން ދެނެގަތެވެ. ފިނިނޭވާއަކާއެކު ނަފްސު ހަމައަކަށް އަޅުވާލިއެވެ. ބުރަކަށިމަތިން ލައިގެން ހުރި ލިބާހުގެ ބައެއް އަނދައިގެން ހިނގައްޖެކަން ރައުލް ދެނަހުއްޓެވެ. ނަމަވެސް އޭނާ ގަސްދުކުރީ ޒަޚަމްތަކުން ލިބޭ ވޭނަށް އުފް ވެސް ލައްވާނުލުމަށެވެ. އަދި ޒަގަންއާ އަނެއްކާ ކުރިމަތިލިއެވެ. އެ ދެމެދުގެ ކުރިމަތިލުން ދިގުލައިގެން ދިޔަ ނުދީ ޒަގަންގެ ކަންތައް އަވަހަށް ނިންމާލަންވެއްޖެކަމުގައި ރައުލްގެ ހިތް ބުނަމުންދިޔައެވެ. އެއަށްފަހު އަވަހަށް އަނބިމީހާގެ ގާތަށް އޭނާ ދާންޖެހިއްޖެކަމެވެ.

"އަދި ކިރިޔާއެއްނު އަހަރެން ދުށުމަށް ބޭނުންވި މަންޒަރު މިފެނުނީ... އޭނާއާ އަޅާކިޔޭނޭ ރީތިކަމެއްނުވޭ، އެ ހަށިގަނޑުގެ މީރު ވަސް އަހަރެންނަށް އެބަދުވާ... އާހް!... ހިއްސުތައް ނުހިފެހެއްޓޭހާ މީރު ވަހެއް... އޭނާ ވާނީ އަހަރެންގެ އަނތްބަކަށް، އަހަރެންގެ އަނބީންގެ ތެރެއިން އޭނާވާނީ އަހަރެންގެ ހިތާއި ނަފްސާ އެންމެ ގާތުގައިވާ އަންހެނާއަށް" ރައުލްގެ ކަނޑީގެ ހަމަލާ ދިފާއުކޮށްގެން ހުރެ ލުއި ހީނލުމަކާއެކު ޒަގަން ބުނެލިއެވެ. އޭނާއަށް އީޝަލްގެ ފަރާތުން ދުށުމަށް ބޭނުންވި ސިފަ ފާޅުވެލިތަން ފެނުމުން ހިތް އުފަލުން ނަށައިގަތް ކަހަލައެވެ. ޒަގަންގެ އެ ޚިޔާލުތަކަށް ކެތްކުރުން ކުޅަދާނަކަމަކަށް ރައުލްއަށް ނުވިއެވެ. އޭނާ ވާހަކަދައްކާނޭ ފުރުޞަތު ނުދީ ހަމަލާ ވަރުގަދަ ކުރިއެވެ.

ލަޝްކަރުގެ މީސްކޮޅު މަދުވެ ހަރަކާތްތެރިވާތަން ފެންނަމުންދިޔައީ ހަތް ސަތޭކައެއްހާ ޖިންނީންނެވެ. ބޮޑު ޒަޚަމެއް މީކާޢިލްމެންގެ ތެރެއިން މީހަކަށް ނުލިބުނަސް ކުދިކުދި ޒަޚަމްތައް އެންމެނަށް ވެސް ވަނީ ލިބިފައެވެ. ނަމަވެސް އެއިން އެކަކު ވެސް ފަހަތަށް ޖެހޭތަނެއް ނުފެނެއެވެ. ޒަގަންއަށް ހާސްކަން ލިބެންފެށީ ދެނެވެ. ބަލަބަލާ ހުއްޓާ އޭނާގެ ބާރު ދައްވަމުންދާތަން ފެންނަން ފެށުމުން ރައުލްގެ ކަނޑީގެ މިޔަ އޭނާގެ ފުރާނަ އުފުރާލައިގެން ރައްކާވެދާނޭ ހީވާން ފެށިއެވެ. އޭރު އޭނާއާއެކު އެތަނަށް އައި ބާރުގަދަ ބިޔަ ހަ އިފްރީތުންގެ ތެރެއިން ދެ ޖިންނި އަލިފާންކަންޏާއެކު ބުރައިގެން ދިޔަ އަޅިތަކެއް ފަދައިން ނެތިގެން ހިނގައްޖެއެވެ. ބަލިނުކުރެވޭނޭ ފަހުލަވާނެއް ކަމުގައި ފެނުނީ ލުގަލްބަންދާއެވެ.

އިފްރީތުންގެ ނުބައި ރޭވުމުގެ ތެރެއިން ހަތޯރަށް އެރި ހަމަލާ ދިފާއުކުރުމަށް އުޅުނު ރާވިން އެމީހުންގެ ބާރުގެ ދަށަށް ގަނެސް ހައްޔަރުކުރިއެވެ. އެމީހުން ގެންގުޅުނު ހިލަހިލާގަނޑުން ރާވިންގެ ކަރުގައި އޮޅާލެވުނެވެ. އެމަންޒަރު ފެނި އީޝަލް ހަޅޭލަވައިގަތް ހިނދު ފަޒާ ގުގުމައިގެން ދިޔައީ ބާރު ގުގުރިއެއް ޖެހި ފަދައިންނެވެ. އޭނާއާ ދިމާއަށް އައި އީޝަލްގެ ފުރަގަހުން އެއްލި ކަނޑި ވައަތް ފަރާތު ވަރަފަތް ގަނޑުން ދިފާކޮށްލި ވަގުތު އިފްރީތެއްގެ ހިލަހިލާގަނޑު އެ ވަރަފަތުގައި އަޅުވާލައި ދަމައިގަތެވެ. އެހިނދު ވޭނުން ފުރިގެންވީ ރުއިމުގެ އަޑެއް އީޝަލްގެ އަނގައިން ނުކުމެގެން ގޮސް އެއްޗެއް ބިންދައިގެން ދިޔަ އަޑު ގޮވިއެވެ. ރައުލްއަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. އޭނާއަށް ދުއްވައިގަނެވުނީ އެ ދިމާއަށެވެ. މީކާޢިލްއާއި ޒިޔަޒެލްއަށް ވެސް ވީ އެވަރެވެ. ދެންފެނުނީ އިފްރީތެއްގެ ކޮޅު ބަޅު ކަނޑިއަކުން ޖެހި ޖެހީނުން އީޝަލްގެ އެ ވަރަފަތް ބުރިކޮށްލިތަނެވެ. އެހިނދު "މަންމަ"އަށް އީޝަލްއަށް ގޮވާލެވުނެވެ. ފުރުސަތަކަށް ބަލަބަލާ ހުރި ޒަގަންގެ ކަނޑި ރައުލްގެ އަރިކައްޓައް ވައްދާލީ އެވަގުތެވެ. ދެއަތުން ކަނޑީގައި ރައުލްއަށް ހިފަހައްޓާލެވުނެވެ. އެންމެންގެ ތެރެއަށް ފެތުރިގަތް އޮލަ ކަޅު ދުންގަނޑެއް ކަޅު ވިލާގަނޑެއް ފަދައިން އީޝަލްއާ ދިމާއަށް އައިތަން ފެނުނެވެ. އެހިނދު ދުޝްމަނުންގެ ހަތިޔާރުތައް އެ ދިމާއަށް އުކައިގަތެވެ. އެކަޅު ދުންގަނޑު ނުހުއްޓި އެ އައިގޮތަށް އައިސް އީޝަލްއާއި އޭނާއަށް ހަމަލާދިން އިފްރީތު ވަށައިލިއެވެ. ދެންފެނުނީ އެ ދުންގަނޑު މީހެއްގެ ސިފަ ޖެހެން ފެށިތަނެވެ. އޭރު އިފްރީތުގެ ބޮލުން ފެށިގެން ދެ ފަޅިއަށް އިރައިގެން ގޮސް ބިމަށް ވެއްޓެނީއެވެ. އަދި މީހެއްގެ ސިފަ ޖެހުނު ދުންގަނޑުގެ ތެރޭގައި އީޝަލް ވީތަން ފެނުނެވެ. އެންމެންގަނޑު އަރައިގަތްތަން ފެނުނެވެ. ޒަގަންގެ ހިމާޔަތުގައި އެންމެ ދެ އިފްރީތު ވުމުން އޭނާ ބެލީ ރަށުން ފައިބާށެވެ. އެހެންވެ ޒަގަންގެ އިރުޝާދާއެކު ރާވިން ގޮވައިގެން އެއްބަޔަކު މޫދަށް ފައިބައިފިއެވެ. އަދި ރައުލްއަށް ޒަގަން ދިން ކަނޑީގެ ހަމަލާގެ އިތުރުން ގާތުގައި ހުރި އިފްރީތު ލައްވައި އޭނާގެ ކަރުގައި ހިލަހިލާ ޖަހައިގެން ދަމާ ކޫތަމުން ގޮސް ޒަގަން މޫދަށް ފެބީއެވެ. މާ ކަނޑަށް ނުދެވެނީސް ބާރުގަދަ އެއްޗެއް ރަށަށް ފައިބައިފިކަމުގެ ހިލަންވިއެވެ. އެހިނދު ޒަގަންއާއެކުވީ އިފްރީތުން ވެސް ބިރުން ރައްކާވާން އުޅޭން ފެށިގޮތް ފެނި ކަންބޮޑުވިއެވެ. އެ ރަށާ ދުރަށް ދާންވެއްޖެކަމުގައި ސަލާމަތްވި ދެ އިފްރީތުން ބުނަމުން ހަލުވިކަމާއެކު ކަނޑުގެ ބޭރަށް ފީނައިގަތެވެ.

އެންމެންގެ ލޯމަތިން އީޝަލް ގެއްލުމުން ޒިޔަޒެލް ވެސް ޣައިބުވެއްޖެއެވެ. އެހިނދު ފެނުނީ ޖޫދާ އެ މީހުންގެ ތެރެއަށް ފޭބިތަނެވެ.

"ކޮބާ އީޝަލް؟ ބަލްޤިސް ރޯން ފަށައިފި" ހާސްވެ ކަންބޮޑުވެފައި ހުރި ޖޫދާ ކުރިމަތިލީ މީކާޢިލްއާއެވެ. ގަބުވެފައި ހުރި ފަދައަކުން ކަނޑި އެލުވާލައިގެން މީކާޢިލް ހުރީއެވެ. ރަށުތެރޭގައި ބާކީ ތިބި ޖިންނިއަކު ފިލަން ދުވަންފެށިއިރު އެ މީހުންގެ ނިމުން ޖޫދާ އަވަސްކުރިއެވެ. އަދި ދެވަނަ ފަހަރަށް މީކާޢިލްގެ ކުރިމަތީ ހުއްޓީ އޭނާގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އެވަގުތު އެމީހުންގެ ގާތުގައި އައިސް މަޑުކޮށްލި ޒަލަފްގެ ކޮނޑުމަތީ އޮތް ބޮޑު ވަރަފަތް ގަނޑު ޖޫދާއަށް ފެނުނެވެ. ހައިރާންވެ ހުރެ އެ ވަރަފަތުގައި އަތް ޖައްސާލި ހިނދު ޖޫދާގެ އަނގަ ހުޅުވި މަޑު އާހެއް ބޭރުވިއެވެ. ހިނދުކޮޅަކަށް އޭނާ ވެސް ބަސްހުއްޓުނީއެވެ. އޭރު ނިކަގަހެއް އިރާލައިގެ އޭތެރެއިން ނެރުނު އަންހެންކުއްޖާގެ ރުއިމުގެ އަޑު މާޙައުލަށް ވެރިވެފައި އޮތް އާދަޔާ ޚިލާފު ހިމޭންކަން ނަގާލައިފިއެވެ.

ޒިޔަޒެލް ގެއަށް ވަންއިރު ފެންޑާގެ ތެރެއިން ކަޅު ދުންގަނޑުގެ ތެރޭގައިވި ޒުވާނާ ފާޅުވެލީއެވެ. އޭނާގެ ދެއަތުގެ ހިމާޔަތުގައި ހިމޭންވެފައި އޮތް އީޝަލް ފެނި އެ މީހުންގެ ގާތަށް ޒިޔަޒެލް އައެވެ. އެހިނދު އަރި އަޅައިލައިގެން އެ ޒުވާނާ ވެއްޓެން ދިޔަ ވަގުތު އުއްޑުން ޖެހި އޭނާގެ މޭގައި ވަކިން ބޮޑަށް އީޝަލް ފޮރުވާލިއެވެ. ބިޔަ ގަހެއް ކަނޑާ ވައްޓާލި ފަދައިން އެ ޒުވާނާގެ ގޮސް ތަޅުމުގައި ޖެހުނު އަޑުފަށް ގަނޑު ގުގުމައިގެން ދިޔައެވެ. ޒިޔަޒެލްގެ ހިލަންވެލި ހިނދު އެ ޒުވާނާ ހަރަކާތްކޮށްލީ އީޝަލްގެ ދިފާއުގައެވެ. ނިކަން އަވަހަށް ޒިޔަޒެލްގެ ނަން ކިޔާލައި އެއީ އޭނާ ކަމުގައި ބުނެލިއެވެ. އަދި ގާތްވެލިއިރު އެ ޒުވާނާގެ ހަށިގަނޑުގެ ތެރެއަށް ދުންތައް އޮބެމުންދިޔަތަން ޒިޔަޒެލް ދުށްޓެވެ. އޭނާ ޒަޚަމްވެފައި އޮތްވަރު ފެނުނީ ދެނެވެ. ހަމައެއާއެކު އެ ދެ ލެލޮލުން އޮހެރެމުންދިޔަ ކަރުނައާއެކު އެ ހިތުގެ އުދާސްތައް އާހުގެ ސިފައިގައި ބޭރުވަމުންދިޔައެވެ. އީޝަލްގެ ނިތްކުރީގައި އޭނާ ބޮސްދެމުން ރޮމުން ދިޔައިރު އަމިއްލަ ނަފްސަށް ފަރުވާލެއް ނެއްފަދައެވެ.

"ލުގަލް..." މަޑުމަޑުން ޒިޔަޒެލް ގޮވާލިއެވެ. އެ ޒުވާނާގެ ދެ ލޯ ޒިޔަޒެލްއަށް އޮޅުވައެއްނުލެވުނެވެ. ލުގަލްބަންދާގެ ހިތުގައި އީޝަލްއަށް ޓަކައިވަނީ ކީކޭކަން ޒިޔަޒެލް ދެނެގަތީ ދެނެވެ. ހަމައެހިނދު ލުގަލްބަންދާގެ ފިރިހެންވަންތަ އަޑު ފުރަތަމަ ފަހަރަށް ޒިޔަޒެލްގެ ކަންފަތަށް އިއްވިގެން ދިޔައެވެ.

(ނުނިމޭ)