ކުޅިވަރު

ދަ ގްރޭންޑޭއިން ފައިސަލުގެ ސޮއި ހޯދައިފި

ސީޒަން ފެށެން ކުޑަތަން ވެފައިވާ ވާއިރުވެސް، ކުޅޭނެ ކުލަބެއް ހަމަނުޖެހި ހުރި، ގައުމީ ޓީމުގެ ކީޕަރު މުހައްމަދު ފައިސަލް، އެންމެ ފަހުން ދަ ގުރޭންޑޭ ސްޕޯޓްސް ކުަލަބަށް ސޮއި ކޮށްފި އެވެ.

މިދިޔަ ދޮޅު އަހަރު ނިއު ރޭޑިއަންޓްގައި ހޭދަ ކުރީ، ކީޕަރާއެކު، ނިއުއިން ހަދާފައިވާ އެއްބަސްވުން، ފައިސަލުގެ އެދުމުގެ މަތިން ނިއުއިން އުވާލީ ފެބްރުއަރީ މަހު އެވެ. ނިއުއިން މުސާރަ ދޭންޖެހޭ ކުޅުންތެރިންގެ ތެރޭގައި އޭނާވެސް ހިމެނެ އެވެ. ނަމަވެސް އެފްއޭއެމްއަށް މައްސަލަ ހުށަހެޅި ކުޅުންތެރިންގެ ތެރޭގައި އޭނާ ނުހިމެނެ އެވެ.

ކޮންޓްރެކްޓް ބާތިލު ކުރުމަށް، ފައިސަލްގެ ފަރާތުން ހުށަހެޅީ އެހެން ކުލަބަކަށް ދިއުމަށް މަގަފަހި ކުރުމުގެ ގޮތުންނެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާއަށް ހުރީ ކުޅޭނެ ކުލަބެއް ނެތިފަ އެވެ.

ސީޒަނަށް ތައްޔާރުވާން ކުޅުންތެރިން ލައްވައި ޓީމުތަކުން ސއި ކުރުވަމުން ދިޔައިރު، މާޒިޔާއިން ފައިސަލާއެކު ކޮންމެވެސް ވަރެއްގެ ވާހަކަތަކެއް ކުރިއަށް ގެންދިޔަކަން ވަނީ އެނގިފަ އެވެ. އެހެންނަވެސް އެގްރިމެންޓަކާ ހަމަޔަށް ދެވިފައެއް ނުވެ އެވެ. މާޒިޔާއިން މިހާރު ވަނީ އަފްޣާނިސްތާންގެ ގައުމީ ޓީމުގެ ކީޕަރު އޮވައިސް އަޒީޒީ އެ ޓީމަށް ގެނެސްފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފައިސަލް ވެފައި ވަނީ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ތިން ވަަނަ ކީޕަރަށެވެ. ސާފްގެ މުބާރާތުގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އެންމެ ފުރަތަމަ ގޯލްކީޕަރަކީ، 2009 ވަނަ އަހަރުގެ މުބާރާތުގައި އިންޑިއާގެ އަރިންދަމް ބަޓްޗާރިޔާ އެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އަފްގާނިސްތާންގެ މަންސޫރު ފަގިޔާރު އެވެ.

ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރާ، ދަ ގުރޭންޑޭއިން ވަނީ، ޓީމު ވަރުގަދަ ކުރުމަށްްޓަކައި ފުރަތަމަ ޑިވިޝަންގެ ތަޖުރިބާކާރު ކުޅުންތެރިން ގެނެސްފަ އެވެ. އެގޮތުން މާޒިޔާއަށް ކުޅުނު މިޑްފީލްޑާ ޔަޝްފާދު ހަބީބު 'މުލަކޭ' ވިންގާ އަހްމަދު އިމާޒު 'އާއްކޮ' ޑިފެންޑަރު ގާސިމް ޝާމާމް 'ޝަންމޭ" ގެ ސޮއި ދަ ގްރޭންޑޭއިން ހޯދި އެވެ.

ގްރޭންޑޭގެ ކޯޗަކީ، މިދިޔަ އަހަރު މާޒިޔާއަށް ކޯޗް ކޮށްދިން އިސްމާއީލް މަހްފޫޒް 'އިންމަ' އެވެ. އޭނާ ވަނީ މާޒިޔާއިން ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރިއިރުވެސް ކޯޗް ކޮށްދީފަ އެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް ކަންވެސް ކުރިން ކުރި، އިންމަ ވަނީ ފައިސަލް އާއެކު ގައުމީ ޓީމުގައި މަސައްކަތް ކޮށްފަ އެވެ.