ރެއާލް މެޑްރިޑް

ޕެރޭޒް އާއި ރާމޯސް އާ މައްސަލަ ޖެހިއްޖެ

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ކެޕްޓަން، ސާޖިއޯ ރާމޯސް އާ މައްސަލަ ޖެހިއްޖެ ކަމަށް ސްޕެއިންގެ މިޑިއާތަކުން ބުނެފި އެވެ.

ސްޕެއިންގެ ރޭޑިއޯ 'ކޯޕު' އިން ބުނެފައި ވަނީ، ރާމޯސް އާއި ޕެރޭޒް އާ އޮތް ގުޅުމަށް މިހާރު އަސަރު ކޮށްފައިވާ ކަމަށެވެ. މައްސަލަ ޖެހެން ދިމާވި ސަބަބަކީ، ރާމޯސް ކުލަބު ދޫކޮށްލަން ބޭނުން ވުމުން ޕެރޭޒް އެކަމަށް ފުރުސަތު ނުދިނުމުންނެވެ.

ރެއާލް މެޑްރިޑް ދޫކޮށްލަން ރާމޯސް ބޭނުންވާ ކަމުގެ އަޑުތައް މިދިޔަ ހަފުތާގައި ފެތުރުނެވެ. އެއީ ހަގީގަތެއްކަން ޕެރޭޒްވެސް ވަނީ ވިދާޅުވެފަ އެވެ. ޕެރޭޒް ވަނީ ރާމޯސް އާއި އޭނާގެ އެޖެންޓުކަން ކުރާ ރާމޯސްގެ ބޭބެއާ ބައްދަލުކޮށްފަ އެވެ. ސްޕެއިންގެ އެހެން ރޭޑިއޯ ޗެނަލެއް ކަމަށްވާ އޮންޑަ ސެރޯގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޕެރޭޒް ވިދާޅުވީ، ޗައިނާގެ ކުލަބަކުން ރަނގަޅު ހުށަހެޅުމެއް ލިބިފައިވާ ކަމަށް ރާމޯސް ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި އޭނާ ދާން ބޭނުން ވަނީ ހިލޭ ޓްރާންފާއެއްގެ ދަށުން ކަމަށްވެސް ޕެރޭޒް ވިދާޅުވި އެވެ.

"އޭނާގެ ފަރާތުން ވާހަކަ ދެއްކި މީހުން ބުނި، ޗައިނާގެ ކުލަބަކުން އެބައޮތޭ ރާމޯސް އަށް ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބިފައި، އެހެންނަމަވެސް އެމީހުންނަކަށް ނެތޭ ޓްރާންސްފާ ފީ ދެއްކޭކަށް، އެއީ ދެ ގުނަ އަދަދުގެ ޓްރާންސްފާ ފީ ދައްކާއިރު ގަވާއިދުތައް ހުރި ގޮތުން ކަމަށް،" ޕެރޭޒް ވިދާޅުވި އެވެ.

"އަހަރެން އިތުރަށް ދެން ކީކޭ ބުނާނީ، އަހަރެން ބުނިން ތީ [ހިލޭ ޓްރާންސްފާއެއްގެ ދަށުން ދިއުމަކީ] ނުވާނެ ކަމެކޭ، ރެއާލް މެޑްރިޑްގެ ކެޕްޓަން ހިލޭ ޓްރާންސްފާއެއްގެ ދަށުން ދިއުމަކީ އަހަރެމެންނަށް ކުރެވޭނެ ކަމެއް ނޫން، އެކަން އެގޮތަށް ކޮށްގެން މައްސަލައަކަށްވެސް ވެދާނެ."

ޕެރޭޒް ވިދާޅުވީ، ރާމޯސް އާ އޭނާ އާ މައްސަލަ ނުޖެހޭ ކަމަށާއި ދެފަރާތުގެ ދެމެދުގައި ރަނގަޅު ގުޅުމެއް އެބައޮތް ކަމަށެވެ. މިވަގުތު އެމެރިކާގައި ހުރި ރާމޯސް އާ ރެއާލްގެ މެނޭޖުމެންޓާ އިތުރަށް ނުދައްކާ ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނެ އެވެ.