ހަބަރު

ޕީޕީއެމުން މޯލްޑިވިއަންއަށް ފައިސާ ދައްކައިފި

ޕީޕިއެމް އިން މިިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގައުމީ އެއާލައިން، މޯލްޑިވިއަން މެދުވެރިކޮށް ކްރެޑިޓަށް ކޮށްފައިވާ ދަތުރުތަކަށް ދައްކަން ޖެހޭ ފައިސާ ދައްކައި ހަލާސްކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ކެންޕޭނަށް ޕީޕީއެމް އިން ކުރި ދަތުރުތަކަށް ޖުމުލަ 4.8 މިލިއަން ރުފިޔާ އެ ޕާޓީން ދައްކަން ޖެހެ އެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އެ ޕާޓީން ވަނީ މީގެ ކުރިން ދައްކާފަ އެވެ. ނަމަވެސް ބާކީ 3.8 މިލިއަން ރުފިޔާ ދެއްކުން ލަސްވަމުންދާތީ މޯލްޑިވިއަން އިން ވަނީ މައްސަލަ ކޯޓާ ހަމައަށް ވެސް ގޮންގޮސްފަ އެވެ.

ޕީޕީއެމް އިން މޯލްޑިވިއަން އަށް ނުދައްކާ ބާކީ އޮތް 3.8 މިލިއަން ރުފިޔާ އެ ޕާޓީން އިއްޔެ ދައްކައި ހަލާސްކޮށްފައިވާ ކަން މޯލްޑިވިއަންއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޕީޕީއެމް އިން މޯލްޑިވިއަން އަށް ދައްކަން އޮތް ދަރަނި ދައްކައި ހަލާސްކޮށްފައި ވަނީ މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ދޭން ޖެހޭ 8.6 މިލިއަން ރުފިޔާ ހިފެހެއްޓުމަށްފަހު މި މަހު ފައިސާ ދޫކޮށްލި ފަހުންނެވެ.

މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ލިބެން ޖެހޭ ފައިސާ ދޫނުކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހިފެހެއްޓީ ޕީޕީއެމްގެ މިލްކުވެރިކަމާއި ހިންގުމާ ގުޅޭ މައްސަލަ ކޯޓުގައި ހިނގަމުންދާތީ ކަމަށް ބުނެ އެވެ. އެ މައްސަލަ ނިމުމުން އީސީ އިން ވަނީ އެ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފަ އެވެ. ފިނޭންސް މިނިސްޓްރީން ޕީޕީއެމަށް ފައިސާ ދޫކުރީ މި މަހު އެވެ.

ޕީޕީއެމް އިން މީގެ ކުރިން ވެސް ބުނެފައިވާ ގޮތުގައި، އެ ޕާޓީއަށް ދައްކަން ޖެހިފައިވާ ދަރަނިތައް ދައުލަތުގެ ބަޖެޓުން ލިބެން ޖެހޭ ފައިސާ ލިބުމުން ދައްކައި ހަލާސްކުރެވޭނެ އެވެ.