އިނގިރޭސި ޗެމްޕިއަންޝިޕްގެ ޕްލޭއޮފް ފައިނަލުގައި، ޑާބީ ކައުންޓީގެ މައްޗަށް ކާމިޔާބު ހޯދައި، އަންނަ ސީޒަންގެ ޕްރިމިއާ ލީގުން އެސްޓަން ވިލާ ޖާގަ ހޯދައިފި އެވެ.
އިނގިރޭސި ފުޓްބޯޅައިގައި ކުރިން ވަރުގަދަ ބާރެއްގެ ގޮތުގައި އޮތް އެސްޓަން ވިލާގެ މެޗު ބައްލަވާލެއްވުމަށް، ޒަމާނުންސުރެ އެސްޓަން ވިލާ ސަޕޯޓަރެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އިނގިރޭސި ޝާހީ އަމީރު ވިލިއަމްގެ ވަޑައިގެންނެވި އެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލު މެޗުގައި އެސްޓަން ވިލާއިން ވަރުގަދަ ހަމަލާއެއް އުފައްދާ ކޮންމެ ފަހަރަކު ވިލްއަމްގެ ފޯރި އިތުރުވެގެން ދާ މަންޒަރު ފެނިގެން ދެއެވެ.
ކުރިން ބީބީސީ އަށް ދީފައިވާ އިންޓަވިއުއެއްގައި، ޕްރިންސް ވިލިއަމް ވިދާޅުވެފައި ވަނީ، އެސްޓަން ވިލާއަށް ސަޕޯޓް ކުރައްވަން ފެއްޓެވީ ސްކޫލުގައި ކިޔަވާވިދާޅުވާން އުޅުއްވިއިރު އެހެން ކުދިންނާ ތަފާތު ވުމުގެ ގޮތުން ކަމަށެވެ. އޭރު އޭނާގެ ރަށްޓެހިންނަކީ މެންޗެސްޓާ ޔުނައިޓަޑް ނުވަތަ ޗެލްސީއަށް ސަޕޯޓް ކުރާ ކުދިންކަމަށްވެސް ވިލިއަމްސް ވިދާޅުވެފައި ވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގް އުފެއްދުމަށް އިސްވެ ވަކާލާތު ކުރި ޓީމުތަކުގެ ތެރޭގައި އެސްޓަން ވިލާވެސް ހިމެނެ އެވެ. ޕްރިމިއާ ލީގްގެ ފުރަތަމަ މުބާރާތުގައި، 1993 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓަޑްގެ ފަހަތުން ދެ ވަނަ އެސްޓަން ވިލާ ހޯދި އެވެ.
އެފްއޭކަޕު ހަތް ފަހަރު ހޯދި، އެސްޓަންވިލާއިން ތިން އަހަރުގެ މެދު ކެނޑުމަކަށް ފަހު އަލުން ޕްރިމިއާ ލީގް ޖާގަ ހޯދީ، ނެދާލޭންޑްސްގެ އަންވަރު އަލް ގާޒީ އާއި ސްކޮޓްލޭންޑްގެ ޖޯން މެކޭން ކާމިޔާބު ކުރި ލަނޑުތަކުން 2-1 ންނެވެ.
ފުރަތަމަ ލަނޑު، އަންވަރު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގަ އެވެ. ދެ ވަނަ ހާފަށް ނިކުތް ގޮތަށް، މެކީން ވަނީ އެސްޓަންވިލާއަށް ލީޑް ފުޅާކޮށް ދީފަ އެވެ. ޗެލްސީގެ ކުރީގެ ކެޕްޓަން ފުރޭންކް ލަމްޕާޑް ކޯޗް ކޮށްދެމުން އަންނަ ޑާބީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، 85 ވަނަ މިނެޓްގައި މާޓީން ވާކޫން އެވެ.
އެސްޓަން ވިލާގެ އިތުރުން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ކޮލިފައިވި ޓީމުތަކަކީ، ޗެމްޕިއަންޝިޕްގެ އެއް ވަނަ ނޯވިޗް ސިޓީ އާއި ދެ ވަނަ ޝެފީލްޑް ޔުނައިޓަޑެވެ.