ދިރު އުޅޭނެ ކަމަށް ހީވެސް ނުކުރާވަރުގެ ބިޔަ ކިނބުލެއް އުޅޭ ފިލްމެއް ނުބަލާ މީހަކު އަހަރެމެންގެ ތެރޭގައި މަދުވާނެ އެވެ. ފިލްމުގައި ފެންނަ ބޮޑު ކިނބޫ އެއްފަހަރުން މީހާ ހުރިގޮތަށް ކާލާ މަންޒަރު ފެނިފައި ކޮންމެ މީހެއްގެ ހިތަށް ވެސް އަރާނީ އެއް ސުވާލެކެވެ. ކިނބުލެއް ހަމަ އެހާ ބޮޑުވެދާނެ ބާއެވެ؟
ހަގީގަތުގައި ވެސް ކިނބުލަކީ ވަރަށް އުމުރު ދިގު އަދި އެހާމެ ބޮޑުވާ ޖަނަވާރެކެވެ. ފިލްމުތަުގައި ދައްކާ ކިނބޫ ވަރަށް ބިޔަ ނުވިނަމަ ވެސް އޮސްޓްރޭލިއާގެ މެރިންލައިފް މެލަނީޝިއާ ޒުލުގައި އޮންނަ ލޮނުފެން ކިނބުލަކީ އޮސްޓްރޭލިއާގައި މިހާތަނަށް ހިފާފައިވާ އެންމެ ބޮޑު ކިނބުލެވެ.
ކެސިއަސްއަށް ވުރެ ބޮޑެތި ކިނބޫ ހިފާފައިވާ ނަމަވެސް އެސޮރުގެ ނަން ގިނެސް ބުކް އޮފް ވާލްޑް ރެކޯޑްސްއަށް އަރާފައިވާ ސަބަބަކީ އެސޮރަކީ މިހާތަނަށް ހިފާފައިވާ ބޮޑެތި ކިނބޫ ތަކުގެ ތެރެއިން ދިރި އޮތް އެންމެ ބޮޑު ކިނބުލަށް ވާތީއެވެ. ކެސިއަސްގެ ދިގު މިނަކީ 17 ފޫޓު 11 އިންޗި (5.48 މީޓަރު) އެވެ.
މިބާވަތުގެ ކިނބޫ 100 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިރިތިބޭއިރު 23 ފޫޓު ނުވަތަ ހަތް މީޓަރަށްވުރެ ބޮޑުވެ ބަރުދަން އެއް ޓަނަށް އަރައެވެ. ކެސިއަސްއަށް ކާންދެނީ ކުކުޅާއި ކަނޑުމަހާއި އޫރުމަހެވެ.
މަޝްހޫރު ކިނބޫ ފިލްމު "ކްރޮކޮޑައިލް ޑަންޑީ" ސިނަމާތަކުގައި އެޅުވި ދުވަސްވަރު ލޮނުފެނުގައި ދިރިއުޅޭ ކިނބުލުގެ ސަބަބުން އޮސްޓްރޭލިއާގެ ނޮދަން ޓެރިޓަރީގެ ރައްޔިތުންނަށް ބިރުބޮޑުވާން ފެށި އެވެ. އެ ހިސާބުން ރައްޔިތުންނާއި އެސޮރުގެ ވެސް ރައްކާތެރި ކަމަށް ވިސްނާފައި އެސޮރު އަތުލައޮގަތެވެ.
މަޝްހޫރު ކިނބޫ ޝިކާރަވެރިޔާ އަދި ކިނބޫ ހިމާޔާތްކުރާ ފަރާތެއްކަމަށްވާ ޖޯޖް ކްރޭގް އެސޮރު އަތުލައިގަތުމުގެ ކުރިން ބޯޓުފަދަ އުޅަނދުތަކަށް ދީފައިވާ ހަމަލާތަކާއި އެހެން ޖަނަވާރުތަކާއި ތަޅާފޮޅުމުގެ ސަބަބުން އެސޮރުގެ އެއް ފަޔާއި ނަގުލުގެ ކުރީކޮޅު ވަނީ ބުރިވެފަ އެވެ.
ގާތްގަނޑަކަށް 111 އަހަރުވެފައިވާ ކެސިއަސް ބަނޑުހައިވެފައިވާ ވަގުތެއްގައި އެއަށް 27 އަހަރު ވަންދެން ކާންދެމުން އަންނަ ކުރީގެ ކިނބޫ ޝިކާރަވެރިޔާ ޖޯޖް ކްރެއިގް ޖެހިއްޖެ ނަމަ އެއްވެސް ފަސްޖެހުމަކާއި ނުލާ އޭނަ ކާލާނެކަން ދަންނަކަމަށް ޖޯޖް ކްރޭގްގެ ކާފަ ދަރި ބިލީ ބުނެއެވެ.
ކެސިއަސް އަށް އޭގެ ރެކޯޑު ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ގެއްލިފައި ވެއެވެ. އެއީ 2011 ވަނަ އަހަރު އެ ބާވަތުގެ 20 ފޫޓުގެ ކިނބުލެއް ފިލިޕިންސްގެ ބުނަވަން ޕްރޮވިންސުން އަތުލައިގަނެފަ ވާތީއެވެ.
ލޮލޮންގްގެ ނަން ދީފައިވާ އުމުރުން ގާތްގަނޑަކަށް 50 އަހަރުވެފައިވާ އެ ކިނބޫ އަތުލައިގަތުމަށް އެތައް ބަޔަކު މަސައްކަތް ކުރީ އެސަރަހައްދުން މަސްވެރިޔަކު ގެއްލުމުން އެކަމާ ގުޅިގެން ނެވެ.
ނަމަވެސް އެ ކިނބުލުގެ ބަނޑުގައި ހުރި ތަކެތި ތަހުލީލު ކުރުމުގައި އިންސާނެއްގެ އެއްވެސް ހިލަމެއް ފެނިފައި ނެތުމުން އޭތިވެސް ހައްޔަރުގައި ބޭއްވުނެވެ.
އެގޮތަށް ޒުލުގައި އޮންނަތާ ދޮޅު އަހަރުވާން ގާތްވެފައި ވަނިކޮށް ލޮލޮންގްއަށް ނިއުމޯނިއާ ޖެހިގެން އޭތި މަރުވުމުން އަނެއްކާ ވެސް އެންމެ ބޮޑު ކިނބުލުގެ ލަގަބު ކެސިއަސްއަށް ވަނީ ލިބިފަ އެވެ.