ހަބަރު

ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ސެކްޝަންގެ ހެޑް ބަދަލުކޮށްފި

May 28, 2019
1

އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅިގެން، ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ސެކްޝަންގެ ހެޑް ބަދަލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ މިނިސްޓްރީގެ ލީގަލް ސެކްޝަން ހިންގުން އެ މިނިސްޓްރީގެ އެހެން ވެރިއަކާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ކަންކަމުގައި ވެސް އޭރު ވެސް ތިއްބެވި ސްޓާފުން މިހާރު ވެސް އެބަތިއްބެވި. މި ތަހުގީގި މި ގެންދަނީ ސްޓޭޓް ބައި ސްޓޭޖް. މިއަދުން ފެށިގެން އަޅުގަނޑުމެން ވާނީ ލީގަލް ސެކްޝަން ހިންގުން މި އޮފީހުގެ އެހެން ވެރިއަކާ ހަވާލުކޮށްފަ. އެ ބޭފުޅުން ވެސް ޖަވާބުދާރީ ވާން ޖެހޭނެ. ކުރިއަށް އޮތްތަނުގައި ވެސް،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ލީގަލް ސެކްޝަން ހިންގުން ހަވާލުކޮށްފައިވަނީ އެ އޮފީހުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ޑިރެކްޓަކާ ކަމަށެވެ.

"މި އުޅެނީ ތަހުގީގުގެ މެދުތެރޭގައި ގޮންޖެހުން ހުރި ވަގުތެއް މިއީ،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ދާދިފަހުން ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލާގައި އެ ކުންފުނިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރި ކުންފުނިތަކާއި ފަރާތްތަކުގެ އޮނާޝިޕާއި ހިއްސާ ބަދަލު ކުރުމުގެ މުއާމަލާތްތައް ވަގުތީ ގޮތުން ހުއްޓުވާފައެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް މިދިޔަ ސަރުކާރުން 55 ރަށެއް ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނ. އަތޮޅުން ތިން ތަނަކާއި ރ. އަތޮޅުން 11 ތަނަކާއި ބ. އަތޮޅުން ނުވަ ތަަނަކާއި ޅ. އަތޮޅުގެ ތަނަކާއި މާލެ އަތޮޅުން 11 ފަޅަކާއި އެއް ރަށާއި، އއ. އިން ދެ ތަނަކާއި، އދ. ހަ ތަނަކާއި ވ. އަތޮޅުން ހަތަރު ތަނަކާއި މ. އަތޮޅުން ތަނަކާއި، ދ. އަތޮޅުން ދެ ތަނަކާއި، ތ. އަތޮޅުން ތަނަކާއި ގއ. އަތޮޅުން ތަނެއް ހިމެނެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި 1.22 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. މިގޮތުން އެ ކުންފުނި މެދުވެރިކޮށް ރަށް ކުއްޔަށް ދިނުމާއި ޑޮލަރު ވިއްކުމުގެ މުއާމަލާތްތަކެއް ހިންގާފައިވެ އެވެ. މީގެތޭގައި މެދު ފަންތީގެ ޓޫރިޒަމް ތަރައްގީ ކުރުމަށް އޭރުގެ ސަރުކާރުން ހިންގި ބަރެސްދޫ މަޝްރޫއުގެ ރަށްތައް ވެސް ހިމެނެ އެވެ. އެ މަޝްރޫއަކީ އެމްއެމްޕީއާރުސީން ހިންގި އެންމެ ބޮޑު އެއް މަޝްރޫއެވެ.