އެފްރިކާގެ ކޮންގޯ ރިޕަބްލިކްގެ ކޯރެއްގައި ދަތުރުކުރި ފެރީ ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން 30 މީހުން މަރުވެ އިތުރު އެތައް ބަޔަކު ގެއްލިގެން ހޯދަމުންދާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ރައްކާތެރި އަދަދަށްވުރެ މާގިނައިން މީހުން އަރުވައިގެން އިއްޔެ އިންނޮގޯއިން ދަތުރުފެށި ފެރީ ބޯޓު މާއިދޯންބެ ކޯރަށް ބަންޑުން ޖަހާލާފައި ވަނީ ވައިގަދަވުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޮންގޯގެ އިންނޮގޯ ޓައުނުގެ މޭޔަރު ސައިމަން ބޯވެމްބާ ސީއެންއެންއަށް މައުލޫމާތު ދެއްވި ގޮތުގައި 350 މީހުން ގޮވައިގެން ދަތުރުކުރި ބޯޓު ބަންޑުންޖަހާލި ސަރަހައްދުން 183 މީހުން ވަނީ ހޯދާފަ އެވެ. ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ކޮންގޯގެ ކޯރުތަކަށް ބަންޑުން ޖަހާލައިގެންނާއި އެކްސިޑެންޓް ތަކުގައި މީހުން މަރުވާ އަދަދު ދަނީ އިތުރު ވަމުން ނެވެ.
ކޮންގޯ ކޯރުގައި ދަތުރުކުރި ދެ ބޯޓު ޖެހި 2015 ގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓެއްގައި އެތައް ބަޔަކު މަރުވެ 100 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.
ކޮންގޯގެ ގިނަ ބޯޓުތައް ބަންޑުން ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ އުޅަަނދުތައް މާ ބޮޑަށް ބާވެ ގަވާއިދުތަކަަށް އަމަލު ނުކުރުން ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ދިރާސާތަކުން ދައްކަ އެވެ.