ހަބަރު

އޮކްސިޖަން ފުޅިއަކުން ބޮލުގައިޖެހި ޓޫރިސްޓަކު ޒަހަމްވެއްޖެ

ފަތުރުވެރިންތަކެއް ފީނަން މޫދަށް ފައިބަން އުޅެނިކޮށް މޫދުގައި އޮތް އެހެން ފަތުވެރިއެއްގެ ބޮލުގައި އޮކްސިޖަން ފުޅިއަކުން ޖެހި އޭނާގެ ބޮލުން ބައެއް ފަޅައިގެން ގޮސް ޒަހަމް ވެއްޖެ ވެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ މިއަދު ހެނދުނު އދ. މަހިބަދޫ ކައިރީ އޮންނަ މަންޓާ ޑައިވިން ޕޮއިންޓަށް ދިޔަ ސަފާރީއަކުން ފަތުރުވެރިންތަކެއް ފީނަން މޫދަށް ފައިބަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި މޫދަށް ފޭބި އިރު އޭގެ ތެރެއިން އެކަކު ރާޅަކާއެކު ވެއްޓި އެ ވަގުތު މޫދުގައި އޮތް އެހެން މީހެއްގެ ބޮލުގައި އޮކްސިޖަން ފުޅިއަކުން ޖެހި ޒަހަމްވީ ކަމަށެވެ.

މި ހާދިސާގައި އަނިޔާވީ ޖަރުމަނުގެ އުމުރުން 29 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް އަނިޔާވުމާ ގުޅިގެން އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ނަމަވެސް ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް މިއަދު މެންދުރުފަހު ވަނީ މާލެ ގެނެސްފަ އެވެ.