ހަބަރު

މަޖިލީހުގެ ރައީސަކަށް ނަޝީދު އިންތިހާބުކޮށްފި

ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އިންތިހާބުކޮށްފި އެވެ.

މިރޭ ބޭއްވި 19 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ތާވަލުކޮށްފައިވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ މަގާމަށް ނަންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން ކުރީގެ ރައީސް ނަޝީދުގެ ނަން ހުށަހެޅްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަަދު ތޯރިގު ވަނީ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނަން ވެސް ހުށަހެޅުއްވި އެވެ.

ޖުމުލަ 85 މެންބަރުންނާއެކު ކުރިޔަށް ދިޔަ ސިއްރު ވޯޓުގައި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 67 ވޯޓެވެ. އަދި ގާސިމްއަށް ލިބިވަޑައިގަތީ 17 ވޯޓެވެ. ބާތިލް އެއް ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހަޅާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ނަން އެކަންޏެވެ.

ވޯޓުގެ ގުނުމުގެ މަސައްކަތް ކުރީ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮންމެ ޕާޓީއަކުން މެންބަރަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން

  • ތުޅައިދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
  • އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
  • ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
  • މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
  • ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން

މަޖިލިސް ރައީސްގެ މަގާމަށް ނަޝީދު އިންތިހާބުކޮށްފައިވާ އިރު އެމަނިކުފާނު މީގެ ކުރިން ވަނީ މަޖިލީހުގެ ރައީސްކަން ބޭނުން ނުވާ ކަމަށް ވިދާާޅުވެފަ އެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ތެރެއިން ޝައުގުވެރިކަން ފާޅު ކުރީ އަސްލަމް އާއި ވިލުފުށީ ދާާއިރާގެ މެންބަރު ހަސަން އަފީފް އެވެ. ނަމަވެސް އެމްޑީޕީގެ ތެރޭ މައްސަލަ ބޮޑުވެ ފަހުން އެ މަގާމް ރައީސް ނަޝީދަށް ދެ ބޭފުޅުން ދޫކޮށްލެވި އެވެ.