ހަބަރު

އާ މަޖިލީހުގައި މަރު ކޮމިޝަނަށް ބާރު ދޭން ގޮވާލައިފި

އާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދޭން، އަހުމަދު ރިލްވާނާއި ޔާމީން ރަޝީދުގެ އާއިލާއިން ގޮވާލާއިފި އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ދޭން ފޮނުވާފައިވާ ބިލް މަޖިލީހުން ފާސް ނުކުރުމުން ގޮންޖެހުންތަކެއް ހުރިކަ ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސޫދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރިލްވާނާއި ޔާމީންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގައި ވައުުދުވެފައިވާ ފަދައިން އިންސާފު ހޯދުން މި ސަރުކާރުން އިސްކުރަން ޖެހޭ ކަމަށެވެ. އެގޮތުން މަރާލާފައިވާ މީހުންނަށް އިންސާފު ހޯދަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފަސްޖެހުމަކާ ނުލާ ކުރިއަށް ގެންދަން ސަރުކާރަށް ގޮވާލާ ކަމަށެވެ.

"... އިންތިޚާބުގައި ވަޢުދުވެފައިވާފަދައިން އިންސާފު ހޯދައިދިނުމަކީ މިހާރުގެ ސަރުކާރުން އިސްކުރަންވާނެ ކަމެއް ކަމުގައި ދެކެމެވެ. އަދި މިގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފަސްނުޖެހި ކުރިއަށް ގެންދިއުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަށާއި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." އެ ބަޔާނުގައި ވެއެވެ.