ހަބަރު

މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އިންތިހާބުކޮށްފި

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިރޭ އިންތިހާބުކޮށްފި އެވެ.

އީވާ، އެ މަގާމަށް އިންތިހާބު ކުރީ މިރޭ ރައްޔިތުންގެ މަޖިލީހުގައި ނެގި ސިއްރު ވޯޓަކުންނެވެ. އެ މަގާމަށް ވާދަ ކުރެއްވީ ވެސް އީވާ އެކަންޏެވެ. އީވާގެ ނަން ހުށަހެޅީ އޭނާގެ ޕާޓީ، އެމްޑީޕީއިންނެވެ. އެހެންވެ މިރޭ ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ.

އެ ވޯޓްގައި އީވާ، މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 76 މެންބަރުންނެވެ. ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.

އެމްޑީޕީއިން އީވާގެ ނަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އައްޔަން ކުރުމަށް ރޭ ރުހުން ދީފައިވަނީ އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ހުރިހާ މެންބަރުންގެ ވޯޓާއެކު އެވެ.

އީވާ ވެގެން ދާނީ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާ ދެ ވަނަ އަންހެން ބޭފުޅާއަށެވެ. މީގެކުރިން އަނީސާ އަހުމަދު މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވެ އެވެ. އެއީ 2008 ވަނަ އަހަރުން 2009 ވަނަ އަހަރަށެވެ.

ނިމިގެން މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ނައިބު ރައީސްކަން ކުރެއްވީ މޫސާ މަނިކެވެ. އޭނާ އެ މަގާމަށް އިންތިހާބުވީއިރު ހުންނެވީ އެމްޑީޕީގަ އެވެ. ނަމަވެސް ފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި އެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި އޭނާ ވާދަ ނުކުރައްވަ އެވެ.