ކުޅިވަރު

ބާސާގެ ލެޖެންޑް ޒަވީ އަލްސާދުގެ ކޯޗަކަށް

މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލި، ބާސެލޯނާގެ ލެޖެންޑް، ޒަވީ ހެނާންޑޭޒް، އޭނާ ކުޅުނު އެންމެ ފަހު ކުލަބު، ގަތަރުގެ އަލް ސާދުގެ ކޯޗް ކަމާ ހަވާލުވާން ހަމަޖެހިއްޖެ އެވެ.

ޒަވީ ކުޅުން ހުއްޓާލިކަން އިއުލާން ކުރީ، މި މަހުގެ ދެ ވަނަ ދުވަހު އެވެ. އަލްސާދު އާއެކު އޭނާ ކުޅުނު އެންމެ ފަހު މެޗަކީ، މިމަހުގެ 20 ވަނަ ދުވަހު އޭއެފްސީ ޗެމްޕިއަންސް ލީގްގައި، އިރާންގެ ޕެސޭ ޕޮލިސްއާ ދެކޮޅަށް ކުޅުނު މެޗެވެ.

ކުޅުން ހުއްޓާލުމުގެ ދެ އަހަރު ކުރިން ވެސް، ޒަވީ ބުނެފައި ވަނީ، ކުޅުން ހުއްޓާލުމަށް ފަހު ގަތަރުގައި ކޯޗް ކޮށްދޭން ބޭނުންވާ ކަމަށެވެ. އޭރު އޭނާ ފާހަގަ ކުރީ ގަތަރުގެ ގައުމީ ޓީމަށް ކޯޗް ކޮށްދޭން ބޭނުންވާ ވާހަކަ އެވެ.

ޔޫއެފާ އޭ ލައިސެންސް ކޯޗިން ސެޓްފިކެޓް ހާސިލުކޮށްފައިވާ، ޒަވީ އަލްސާދުގެ ކޯޗް ކަމާ ހަވާލުވާނީ، ގަތަރުގެ ފުޓްބޯޅަ ސީޒަން ރަސްމީ ކޮށް ނިމުމުންނެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން، އަންނަ ސީޒަނަށް ތައްޔާރު ވުމަށް އަލްސާދުގެ ޓްރެއިނިން ކޭމްޕް ސްޕެއިންގެ ޖިރޯނާގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ބާސެލޯނާ ދޫކޮށް، އަލްސާދަށް ޒަވީ ބަދަލުވީ 2015 ވަނަ އަހަރު އެވެ. ބާސެލޯނާގެ ކެޕްޓަން ކުރި ޒަވީ ވަނީ، ބާސާ އާއެކު އަށް ފަހަރަށް، ސްޕެނިޝް ލީގް ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި ޗެމްޕިއަންސް ލީގް ހަތަރު ފަހަރު ހޯދި އެވެ. ސްޕެނިޝް ކަޕުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި އެވެ.

ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭގެ ކެރިމަގާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި، ބާސާއަށް ގެންނާނެ ކަމަށް މިޑިއާއިން ފާހަގަ ކުރާ ކޯޗުންގެ ތެރޭގައި ޒަވީވެސް ހިމެނެ އެވެ.