ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް ނަޝީދުގެ ލީޑަޝިޕުގެ ދަށުން ކާމިޔާބު މަޖިލީހެއް ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް މަރުހަބާ ދަންނަވައި ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަނިކުފާނާއި ނަޝީދުގެ އޮތީ އެއް އަމާޒެއް ކަމަށާއި ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެ އަމާޒު ހާސިލު ކުރަން ކުރާ ދަތުރުގައި މިސްރާބު ގެއްލިގެން ނުދާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ އަމާޒަކީ ޑިމޮކްރެސީ އަދި ތަރައްގީ ދިވެހިރާއްޖެއެއް ހޯދުމުގެ އަމާޒެވެ.
"މަނިކުފާނު [ނަޝީދު] ގެ ލީޑާޝިޕްގެ ދަށުން މަޖިލިސް 19 ވެގެން ދާނީ ފަހުގެ ތާރީހެއްގައި ފާހަގަ ކުރެވޭ އެންމެ ކާމިޔާބު މަޖިލީހަށް،" ރައީސްގެ ޓްވީޓްގައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އާ މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ވެސް މަރުހަބާ ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓްގައި ރައީސް ވިދާޅުވީ ސިޔާސީ ދާއިރާގެ ލީޑާޝިޕްގެ ދައުރުތައް އަންހެން ބޭފުޅަކު އަދާ ކުރައްވާ މަންޒަރަކީ އަބަދުވެސް ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށެވެ. އީވާއާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަން ހުންނެވި ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އީވާއާއެކު މަސައްކަތް ކުރައްވަން ފައްޓަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރީގެ ރައީސް ނަޝީދު މިރޭ އިންތިހާބުވެވަޑައިގެންނެވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 85 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެމަނިކުފާނާ ވާދަކުރެއްވި މަޖިލީހުގެ ކުރީގެ ރައީސް އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 17 ވޯޓެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހެޅުއްވީ އީވާގެ ނަން އެކަނި ކަމަށްވުމުން ނުވުން ނައިބު ރައީސްގެ ވޯޓުގައި ނެގި ފެންނަ ނުފެންނަ ވޯޓެކެވެ. އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރަކު އީވާ ނައިބު ރައީސްކަމަށް ގެންނަން ފެންނަ ކަމަށް ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.