ހަބަރު

މެންބަރުންނަށް ހަމަހަމަ ފުރުސަތު ދީ، ވައުދުތައް ފުއްދަން އެހީވާނަން

ރައްޔިތުން މަޖިލީހުގެ ހުރިހާ މެންބަރުނަށް ހަމަހަމަ ފުރުސަތު ދީ، އެ މެންބަރުން ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެ، ރިޔާސަތާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ 19 ވަަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފައި ވަނީ ރައްޔިތުންނަށް އެތަށް ވައުދެއްވުމުން ކަމަށާއި އެ ވައުދުތައް ފުއްދުމަށްޓަކައި މަޖިލިސް ރައީސްގެ ހައިސިއްޔަތުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"ރާއްޖޭގެ ގާނޫނު އަސާސީ ހިނގަނީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމްގެ ތެރެއިން. މި މަޖިލީހުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އާއި ޖުމްހޫރީ ޕާޓީއާއި ޕީޕަލްސް ޕްރޮގްރަސިވް ޕާޓީ އާއި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލައިންސް އާއި އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރަސް ތަމްސީލްވޭ. މި އެންމެހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވެރިންނަށް މަރުހަބާ ދަންނަވަން އަދި ޔަގީންކޮށް އަރުވަން ތިބޭފުޅުންގެ ފިކުރާއި ތިބޭފުޅުންގެ ޕާޓީ ތަމްސީލްކޮށްދިނުމުގައި އިރާދަކުރެއްވީއާ މަަޖިލީހުގެ އިދާރާވެސް ތަޅުމުގައި ވެސް ގާނޫނާއި ގަވައިދުން ތަންދޭ އެންމެ ފުޅާ މިނެއްގައި ތިބޭފުޅުންނަށް މަސައްކަތް ހިންގޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ވަކި ޕާޓީއަށް ނިސްބަތް ނުވާ މެންބަރުންނާއި ޕާޓީތަކުގެ މެންބަރުންނަށް މަޖިލީހުގެ ތަޅުމުގައި ހަމަހަމަަ ފުރުސަތުތައް ލިބިގެން ދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލިސް ގަވައިދުން އެ ފުރުސަތުތައް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ހެދުމަށާއި ޝަރުއީ ނިޒާމް އިސްލާހުކޮށް، އިންސާފުވެރި މަޖިލީހަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއް ފޯރުކޮށްދިނުމަށް މެންބަރުން ކުރައްވާ އެންމެހާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ މަޖިލީހުގެ ރައީސްކަަން ކުރިން ކުރައްވާފައިވާ އަބްދުﷲ މަސީހު މުހައްމަދަށާއި ގާސިމް އިބްރާހިމް އަދި ނައިބު ރައީސްކަން ކުރެއްވި ރީކޯ މޫސާ މަނިކަށް ވެސް ޝުކުރު ދަންނަވައިފަ އެވެ.