ކުޅިވަރު

މިލާންގެ ކޯޗް ކަމުން ގަޓޫސޯ ވަކިވެއްޖެ

އޭސީ މިލާންގެ ކޯޗް ކަން، މިދިޔަ ދެ ސީޒަންގައި ކުރި، އެ ޓީމުގެ ލެޖެންޑަރީ މިޑްފީލްޑަރު ޖެނާރޯ ގަޓޫސޯ އިސްތިއުފާ ދީފި އެވެ.

ގަޓޫސޯ، ކޯޗް ކަމުން އިސްތިއުފާ ދިނީ، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ޓީމު ކޮލިފައި ކޮށްދިނުމުގައި އޭނާއަށް ކާމިޔާބު ނުހޯދުމުންނެވެ. މިލާނަށް ޗެމްޕިއަންސް ލީގްގެ ޖާގަ ގެއްލުނީ ހަނި ފުރުސަތަކުންނެވެ.

މިލާންގެ ކޯޗް ކަން ކުރި ވިންޗެންޒޯ މޮންޓެލާގެ ބަދަލުގައި، ގަޓޫސޯ ޓީމާ ހަވާލުވީ ނޮވެމްވަރު 2017 ގަ އެވެ. އޭނާ ކޯޗް ކޯށްދިން 18 މަސްދުވަހުގައި ޓީމަށް ކުރި އެރުން ލިބުނެވެ. އެހެންނަމަވެސް ދެފަރާތުން އެއްބަސްވެގެން ކޮންޓްރެކްޓް އުވާލީ ޗެމްޕިއަންސް ލީގަށް ނުވަދެވުމުންނެވެ. އިޓާލިއަން ލީގް މިލާން ނިންމާލީ ފަސް ވަނައިގަ އެވެ. އެއީ 2013 ވަނަ އަހަރަށް ފަހު، މިލާން އެންމެ ރަނގަޅަށް ސީޒަން ނިންމާލި ފަހަރެވެ.

ގަޓޫސޯ އާއެކު މިލާންއިން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރު އެވެ. އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމުން، ބަދަލުގައި އޭނާ އަށް ދޭން ޖެހޭ ފައިސާ ބޭނުން ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ގަޓޫސޯ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި މިލާން އާއެކު އިޓާލިން ލީގް ޗެމްޕިއަންކަން ދެ ފަހަރު ހޯދާފަ އެވެ. އަދި ޗެމްޕިއަންސް ލީގްވެސް ހޯދި އެވެ.

އޭނާ ބުނީ، އެ ކުލަބެއް ދެކެ އޭނާ އިންތިހާށް ލޯބިވާ ކުލަބު ދޫކޮށްލަން ނިންމުމަކީ އޭނާ އުނދަގޫ ނިންމުމެއް ކަމަށެވެ. ކުލަބުގެ ސީއިއޯ އައިވާން ގަޒީޑީސް ވިދާޅުވީ މިލާންއަށް ޓަކައި ގަޓޫސޯ ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ.

މިލާންގެ ކޯޗް ކަމަށް އަންނާނެ ކަމަށް ބެލެވެނީ، ލާޒިއޯގެ ކޯޗް ސިމޯނޭ އިންޒާގީ ނުވަތަ ސަމްޕްޑޯރިއާގެ ކޯޗް މާކޯ ގިއަމްޕައޯލާ އެވެ.