ހަބަރު

މޯދީގެ ދަތުރުފުޅުގައި މަޖިލީހުގައި މުހާތަބު ކުރައްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާ ކަަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އާންމު އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން މޯދީ އަންނަ މަހު ހަތް ވަނަ ދުވަހު ރާއްޖެއަށް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފަ އެވެ. އެދަތރުފުޅަކީ އިންތިހާބަށްފަހު ބޭރުގެ ގައުމަކަށް މޯދީ ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިރޭ ބޭއްވި 19 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތާއި ހަވާލުވެލެއްވުމަށްފަހު މެންބަރުންނާއި މުހާތަބު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށާއި އެޖަލްސާގައި މުހިންމު ކަންތައްތަކެއް އެޖެންޑާ ކުރެވިފައިވާ ކަމަށެވެ.

އަންނަ މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މޯދީ މަޖިލީހުގެ މެންބަރުންނަށް ތަގުރީރު ކުރެއްވުމާއި ގުޅޭގޮތުން މެންބަރުންނާއި މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"މަޖިލީހުގެ 218 ވަނަ މާއްދާގައި އެބަ ބަޔާންކުރޭ ބޭރުގެ އެފަދަ މެހެމާނަކު، ދައުލަތެއްގެ އެންމެ މަތީ ވެރިއަކު ވަޑައިގެން މަޖިލީހުގައި މުހާތަބު ކުރައްވާއިރު އެކަން ވެގެންދާން މިޖެހެނީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ މަޝްވަރާއާއެކުގައި، އެހޭ ވޯޓަކުން ނިންމޭ ނިންމުމެއްގެ މައްޗަށް، އިރާދަ ކުރެއްވިއްޔާ އެމަސައްކަތް މާދަމާ ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

މާދަމާގެ ޖަލްސާގައި ޖުޑީޝަލް ސާވިސަސް ކޮމިޝަނަށް މަޖިލީހުގެ ފަރާތުން މެންބަރަކު ކަނޑައެޅުންވެސް އޮންނާނެ އެވެ. އަދި މަޖިލީހުގެ ގަވާއިދު ބަލައިގަތުމުގެ މަސައްކަތްވެސް މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފައިވެ އެވެ.

މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފަ އެވެ.