އިންޑިއާގެ ބޮނޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރުކުރައްވާ ޖަލްސާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވަނީ މޯދީގެ ތަގްރީރު ކުރައްވާ ޖަލްސާގެ ކަންކަން ކުރިއަށް ގެންދަން ރާވާފައިވާ ގޮތާމެދު ސިޔާސީ ޕާޓީތަކުގެ ޕީޖީގެ އިސްވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ. އޭގެ ތެރޭގައި މޯދީ މަޖިލީހުގައި ތަގްރީރު ކުރައްވާތީ އެކަމާ ދެކޮޅުހަދާ މެމްބަރުން ނިސްބަތްވާ ޕާޓީތަކުގެ ޕީޖީ ލީޑަރުންވެސް ހިމެނެ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ޕީޕީއެމްގެ ޕީޖީގެ ލީޑާ އަހުމަދު ސިޔާމާއި ކޮންގްރެސް ޕާޓޫގެ ޕީޖީ ލީޑާ އާދަމް ޝަރީފް އުމަރާއި، ޖުމްހޫރީ ޕާޓީގެ ޕީޖީގެ ނައިބު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.
އިންޑިއާގެ ބޮޑު ވަޒީރު މޯދީ, ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހާއްސަކޮށްގެން ބާއްވާ އެ ޖަލްސާ އޮންނާނީ މާދަމާގެ މަޣުރިބް ނަމާދަށް ފަހު އެވެ. އެއީ މައުރިބު ނަމާދު ކުރުމަށް މެމްބަރުންނަށް ވަގުތު ދިނުމަށް މޯދީ ބޭނުންފުޅު ވާތީ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.
މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ފުރުސަތު ދެއްވުމަށް ހުށަހެޅި ހުށަހެޅުއްވުން ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.