ހަބަރު

ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީއެއް މޯދީއަށް ހަދިޔާކޮށްފި

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީއެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދީފި އެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި މިރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ތަގުރީރު ކުރައްވާފަ އެވެ. މޯދީގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެން އޮންނަ ގުޅުމުގެ މައްޗަށެވެ.

މޯދީގެ ތަގުރީރަށް ފަހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހަދިޔާއެއްގެ ގޮތުގައި ބޮޑުވަޒީރު މޯދީއަށް ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީއެއް އަރުއްވައިފަ އެވެ.

ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީ ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ހަދިޔާއެއްގެ ގޮތުގައި މޯދީއަށް ކޮޕީ އެރުއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާއި ހަދިޔާއެއްގެ ގޮތުގައި ކޮޕީ އެރުއްވީ އިންޑިއާއިން ރާއްޖެއަށް ކުރާ އިހުތިރާމު ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ގާނޫނު އަސާސީއެއް ލިޔެ އަމަލު ކުރަން ފެށީ ޑިސެމްބަރު 22، 1932 ގަ އެވެ. ނަމަވެސް ފުރަތަމަ ގާނޫނު އަސާސީއަށް އަހަރެއް ނުވަނީސް އެ ގާނޫނު އަސާސީ ވަނީ އުވާލާފަ އެވެ. ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީއަކީ ރާއްޖޭގެ ހަޔާތުގެ ނުވަވަނަ ގާނޫނު އަސާސީ އެވެ.

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއިން ފުރާވަޑައިގަންނަވާނީ މާދަމާ ހެނދުނެވެ. ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް މޯދީ ސްރީލަންކާއަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.