ހަބަރު

މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނީ އަންނަ ހޮނިހިރު ދުވަހު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ނިންމަވާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވިދާޅުވީ، ބޮޑުވަޒީރު މޯދީ މަޖިލީހުގައި ތަގުރީރު ކުރައްވާ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އިރުއޮއްސި 6:45 ގައި ކަމަށެވެ.

ނިއުޝާ ވިދާޅުވި ގޮތުގައި މޯދީ ތަގުރީރު ކުރައްވާ ޖަލްސާއަށް ސަރުކާރުގެ ވަޒީރުންނާއި އިސް ބޭފުޅުންގެ އިތުރުން ދެ ގައުމުގެ ސަފީރުންނަށް ވެސް ދައުވަތު އަރުވާނެ އެވެ.

މޯދީގެ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު މޯދީއަށް ދެއްވަން މަޖިލީހުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން އިއްތިފާގުން ރުހުން ދިނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ބޭރު ގައުމުތަކުން ވަޑައިގަންނަވާ އިސް ބޭފުޅުން މަޖިލީހުގައި ތަގުރީރު ކުރައްވާނަމަ މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނީ އަންނަ ހުކުރު ދުވަހު އެވެ. ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަންނަވާއިރު، މިއީ ބޮޑުވަޒީރުގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ފަހުން މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ވަޑައިގެންނެވީ އިންޑިއާ އަށެވެ.