ހަބަރު

ޖޭއެސްސީގެ މެންބަރު ކަމަށް ނަޝީދު އައްޔަންކޮށްފި

May 29, 2019
1

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަނުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އޮޓަމެޓިކުން ޖޭއެސްސީގެ މެންބަރުކަން ލިބެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނަޝީދު އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ނެގި ސިއްރު ވޯޓުގައި 67 މެންބަރުންގެ ތާއިދާއެކު އެވެ. ނަޝީދާ ވާދަކުރެއްވި ކުރީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަށް ލިބުނީ 17 ވޯޓެވެ.

ގާސިމްގެ ބަދަލުގައި ޖޭއެސްސީގެ މެންބަރު ކަމަށް ނަޝީދު އައްޔަންކޮށް މަގާމު ލިޔުން ހަވާލުކޮށް ހުވާ ކުރެއްވީ މިރޭ ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގަ އެވެ. ނަޝީދު ހުވާ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުރިފުޅުމަތީ އެވެ. ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ.

ރައީސް ވަނީ، ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް، ރައީސް ނަޝީދާއި މިރޭ ބައްދަލުކުރައްވައި، ތަހުނިޔާ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވެވި މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ގިނަ ބައެއްގެ އުއްމީދު ތަކާއި ގުޅިފައިވާ މަޖިލީހެއްކަން ފާހަގަކުރެއްވިއެވެ. އަދި، މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހަލުއިކަމާއި އޮމާންކަމާއި އިންސާފުވެރިކަމާއެކު، މަޖިލީހުގެ އާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް ސަރުކާރުން ވެދެއްވެން އޮތް އެއްބާރުލެއްވުމެއް ވީއެންމެފުރިހަމައަކަށް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޝްވަރާއާއި އެހީތެރިކަމާއެކު، ވީހާވެސް އިންޞާފުވެރި ކަމާއިއެކު މަޖިލީހުގެ މަސައްކަތްތައް ހަލުއިކަމާއެކުކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމަށް އެންމެ ފައިދާހުރިގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.