ވާހަކަ

ބޭނުންވަނީ ޔާރާ

(27 މެއި 2019 އާ ގުޅޭ)

"ކޮންމެ ފަހަރަކު ކީއްވެތަ މިހެންވާންވީ، ވަރަށް ފޫހިވޭ........ކުރިން ޒާރާ އާއި ހެދި މަން ދާން އާ ދުރުވަން މަސައްކަތްކުރީ، އެކަމަކު މިހާރު ދާން މަން އާއި ގުޅެން ތައްޔާރަށްކަން ހުރީ އެނގުމާއިއެކު އެދޭތެރެއަށް ހުރަސްމިއަޅަނީ މައިންބަފައިން.........މަން ދާންދެކެ ލޯބިވާވަރު މަންމަމެނަށް އެނގޭނަމަ ދޯ........." އަލީޝާ ބުނެލިއެވެ.

"މަން.......މޮޔަކަމެއްނުކުރާތި..........އަހަންނަށް އެނގޭ މަން އަމިއްލަ ފުރާނައަށް ނޫނީ އަމިއްލަ ހަށިގަނޑަށް ގެއްލުމެއްނުދޭނެކަން، މޮޔަކަމެކޭ ބުނަންމިއުޅެނީ، ތިކުރަން އުޅޭ ކައިވެނި................ލޯބިނުވާ މީހަކާއެކު މަންމަމެން ބުންޏަސް ކައިވެނި ކުރުމަކީ މޮޔަކަމެއް..........ކީއްވެތަ މަންމަމެން ނުވިސްނަނީ، އަހަރުމެންގެ އަމިއްލަ ދިރިއުޅުން މިނިވަންކަމާއިއެކު ބައްޓަން ކުރުމަށް ދޫކޮއްލިއްޔާ އެއްފަހަރުވެސް ކީއްވާނީ.........އެނގޭތަ، މިގެއަށް މަން ހޯދަން އައުމުން މަންމަ ހުރީ އަހަރުމެންދެކެ ހިތްހަމަނުޖެހިފަކަންނޭގެ........ހީވީ ކުއްވެރިއަކާ ބައްދަލުކުރަން އާދެވުނުހެން..........މިހިސާބަށް ކަންތައް ގޮސްދާނެއެކޭ ހީވެސް ނުކުރަން، މަން ތިހާ ދެރަވެގެން އުޅޭކަން ކުރިން އެނގުނުނަމަ...........އެލީ އަހަރުމެން ދާންގެ ކައިރިއަށް ގޮސް ބުނަން ހިނގާ.............މަންހާގެ ފެމިލީ އެދެމީހުން ކައިވެނި ކުރާކަށް ދުވަހަކުވެސް ގަބޫލެއްނުވާނެ، ދާން ކައިރީ ބުނަންވީ އޭނަ ކައިވެނި ކުރަން ބޭނުންނަމަ ކޯޓަށް ގޮސްގެން ކައިވެނި ކުރާށޭ.............އާއިލާ ރުހޭނެ ކަމަކަށް ހުންނާނެ ކަމެއްނެތޭ........." އަމާނީ އޭނަގެ ދުވަސްވީ ގާތް ރަޙުމަތްތެރިއާގެ ހާލުއެނގުމުން ދެރަވެރުޅި އަންނަގޮތްވިއެވެ.

"އާން.......ތިހެން ހަދަންވީ، އެހެންނޫނީ އަހަރުމެންގެ މަންހާ މަރުވެދާނެ............." އަލީޝާ މަންހާގެ ގައިގާ ކުރިއަށްވުރެ ބާރަށް ހިފަހައްޓާލަމުން ބުނެލިއެވެ.

"ނޫން، އެހެންނުހަދާތި............ދާން ކައިރީ އެއްވެސް ވާހަކެއް ނުދައްކާތި..........މީ އޭނަ ބޭނުންވިގޮތް، އަހަރެން އޭނަދެކެ އިންތިހާއަށް ލޯބިވިޔަސް އޭނަ އަދިވެސް ލޯބިވަނީ ޒާރާދެކެ...........އަހަރެން ދާންދެކެވާފަދަ މަތިވެރި ލޯތްބެއް އޭނަ ޒާރާދެކެވެސްވަނީ..........އެދެމީހުން ދުރުކުރާކަށް އަހަރެން ނެތިން، އަދި ދާއިންއަށް އަހަރެންނާއި ކައިވެނި ކުރުމަށް އެދި އާދޭސްކުރާކަށްވެސް ބޭނުމެއްނޫން...........އެއްވެސް ކަމަކަށް އަހަރެން ދާންއަށް މަޖުބޫރުކުރާކަށް ނެތިން، ކިތަންމެ ކުޑަކުޑަކަމެއްވިޔަސް............އަހަރެންދެކެ ދާއިން ލޯބިވާނީ ކޮންދުވަހަކުން ކަމެއްނޭގޭ، އެހެންވިޔަސް އަހަރެންގެ މުޅިއުމުރު އޭނަ އާއިއެކު ހުސްކޮއްލަން އެއްވެސް ޖެހިލުމެއްނުވޭ........." މަންހާގެ ލޮލަށް ހިފެހެއްޓުމެއްނެތި ޖަމާވަމުންދިޔަ ކަރުނަތިކިތަށް ފޮހެމުން ވާހަކަދެއްކިއެވެ.

"މިހިސާބަށް ކަންތައް ދިޔައީމަވެސް އެއްވެސް އެއްޗެއް ނުބުނަންވީތަ، އާއިލާ އާއިދެކޮޅަށް ދާއިން ކައިވެނި ކުރަން ބޭނުންނުވުން އެއީ އޭނަގެ ރަނގަޅުކަން، އެކަމަކު މަންގެ ކައިވެނި ހަމަޖެހި ނިމިއްޖެ، އަދިވެސް ދާއިން އެހުންނަނީ އަޅާވެސް ނުލާ.........މިހާރު މީ އޭނަ މަން ގެންދަންވީ ވަގުތެއްނު...........އެހެންނޫނީ ދުވަހަކުވެސް ދެން އޭނައަށް މަން އާއި ކައިވެންޏެއް ނުކުރެވޭނެ........ދާއިންވެސް.........." އަމާނީ އޭނަގެ ވާހަކަ ހުއްޓާލީ އަލީޝާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމުންނެވެ.

"ހަމަގައިމުވެސް ދާއިންގެ ނަސީބޭ އަހަރެން ބުނާނީ މަންހާ އޭނަދެކެ ލޯބިވުމަކީ.........އިރާދަކުރެއްވިއްޔާ ދެރަގޮތެއް މަންއަށް ނުވާނެ.........ދާއިން އަންނާނެ މަން ބަލާ.........ދެން ނުރޮއެ ހުއްޓާލާ.........އެކަމަކު ބުނަން، ދެން ކަމެއްދިމާވިޔަސް އަހަރުމެން ދުރުކޮއްނުލާތި..........ވީ އަރ ބެސްޓް ފްރެންޑްސް ފޮރޭވާރ" އަލިޝާ ބޭނުންވީ މަންހާގެ ހިތްހަމަ ޖައްސާލަދިނުމަށެވެ.

އިރުއޮއްސި މަޤްރިބު ނަމާދަށްގޮވި ވަގުތު ސަޢީދު އާއިއެކު ދެފިރިހެން ދަރިން ގެއަށް އައީ އެކުއެކީހެންނެވެ. ކޮންމެ މީހެއްގެ މޫނުމަތީ ހިތްހަމަޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ. ދެދަރިންވެސް ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ސަޢީދުވެސް ވަނީ އޭނަގެ ކޮޓަރިއަށެވެ. އޭރު ވަސީމާ ނަމާދަށް އެރުމައްޓަކައި ވުޟޫކޮއްގެން ފާހާނާއިން ނުކުންނަނީއެވެ.

"ވަސީ، އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެފަ އެބައޮތް" ސަޢީދު ބޮލުގައި އިން އައިނު ރީތިވާ މޭޒުމަތީ ބާއްވަމުން ބުނެލިއެވެ. އަދި އޭނަވެސް އަވަސްވެގަތީ ގަމީސް ބޭލުމަށްފަހު ފަޓުލޫނު ފައިކުރި އޮޅާލައިގެން ފާހާނާއަށްވަދެ ނަމާދަށް ތައްޔާރުވުމަށެވެ.

"ނަމާދުކޮއްލައިގެން ވާހަކަ ދައްކާލާނީ، އެގޮތް އެންމެ ރަނގަޅެއްނު........" ވަސީމާ އަތްފައި ތުވާލިން ހިއްކާލަމުން ބުނެލިއެވެ.

ޖޫން ހުރީ ޝިމާދު ގެއަށް ނައިސްގެންނެވެ. މަންހާގެ ރަޙުމަތްތެރިން އައުމުން ވަސީމާ ކަންތައްކުރިގޮތުގެ ވާހަކަ ކިޔައިދޭންވެގެންނެވެ. އެކަމާ ގުޅިގެން ޖޫން އެއްޗެއް ބުނުމުން ވަސީމާ ދިން ޖަވާބެވެ. އެހުރިހާ ހިތްހަމަ ނުޖެހުމެއް ފިލައިގެން ދިޔައީ ޝިމާދުދިން ޖަވާބުންނެވެ.

"ރިއަލީ........ހަމައަސްލުވެސްތަ؟ މަންކޮއަށް ތިޚަބަރު ދޭން ބޭނުމީ، ހަމަމިހާރު މިވަގުތު" ޖޫން އުފަލުން ޝިމާދުގެ ގައިގާ ބައްދާލިއެވެ.

"އަދި މަޑުކޮއްލާ.......ހުރިހާ ކަމެއް ހަމަޖެހިލީމަ މަންކޮއަށް އަންގާނީ" ޝިމާދު ޖޫންގެ ނިތުގައި ބޮސްދީފައި ބުނެލިއެވެ.

ސަޢީދު މަޤްރިބު ނަމާދުކުރީ ގޭގައެވެ. ވަސީމާ އެނދުގައި އިށީނދެލައިގެން ކިޔަވަންއިނެވެ. ސަޢީދު ނަމާދުން ފޭބިތަން ފެނުމާއިއެކު ކިޔަވަން އިން ސޫރަތް ނިންމާލަމުން ޚަތިމު އެނދުގެ އެއްފަރާތުގައި ހުރި ކުޑަމޭޒުމަތީ ބޭއްވިއެވެ.

"ކޮންވާހަކައެއް ދައްކަންތަ އުޅުނީ" ވަސީމާ އަހާލިއެވެ.

"އަހަރުމެންގެ އަންހެން ދަރިފުޅުގެ ވާހަކަ" ސަޢީދު މުއްސަލަ ނަގާފައި ގޮސް ވަސީމާގެ ގާތުގައި އެނދުގައި އިށީނެވެ.

"މިހާރު ކިހިނެއްވީ އޭނަ" ވަސީމާއަށް އަހާލެވުނެވެ.

"ވަސީއަށް ނުފެނޭތަ އެދަރިފުޅަށް ވަމުން އަންނަގޮތް، އަހަރެން އެއްޗެއް ނުބުނެ މިހުންނަނީ މީ ހަމަ އެންމެ ރަނގަޅު ނިންމުމަށް ނުވެދާނެތީ، ވަރަށް ވިސްނައިފިން...........ވަރަށް އަސަރުވެސް ކުރޭ، ފެންނަފެނުމަށް ބޮޑުއަންހެނެއްގެ ގޮތުގައި މަންހާ ފެނުނަސް އެއީ އަދިވެސް އަހަރެންގެ ކުޑަ ދަރިފުޅު، އަހަރުމެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު.........އެދަރިފުޅު ރޮއެ ރޮއެ ހަލާކުވާ މަންޒަރު ބަލަން ވަސީއަށް ކެތްވޭތަ؟" ސަޢީދު ވާހަކަދެއްކީ މަޑުމައިތިރިކަމާއިއެކުއެވެ.

"ކީކޭތަ ސަޢީދު ބުނަން ތިއުޅެނީ، އަހަރެން މިހާރު މަންހާދެކެ ލޯބިނުވަނީއޭތަ، ބަލަ އެއީ އަހަރެންގެ ވެސް ދަރިއެއްނު، އަހަރެންވެސް ދެރަވޭ، އެކަމަކު އޭނަ އެއުޅެނީ އެގޮތަށް ގޮތްދޫނުކޮއްހުރެ އަހަރުމެން ލައްވާ އޭނަ ބޭނުންކަމެއް ކުރުވަންވެގެން، އެހެނެއްނުވާނެ، މިހާރު އަހަރުމެންގެ މަންހާއެއްނޫން އެއީ، އެމީހާގަނޑު އެކުއްޖާގެ ސިކުނޑިއަށްއެރި ނިމިއްޖެ، ބަލަންވީ އަވަހަށް މިކައިވެނިކޮށް ނިންމާލެވޭތޯ" ވަސީމާ ބުނެލިއެވެ.

"ނޫން، އަހަރެން ތިކަން ގަބޫލެއްނުކުރަން، އެއީ އަދިވެސް އަހަރުމެންގެ މަންހާ، އަހަރުމެންނައްޓަކައި އަދިވެސް އެދަރިފުޅު ވިސްނާނެކަން ޔަގީން، އަހަރުމެންގެ ނަން ހަޑިވާފަދަ ކަމެއް ނުކުރާނެކަން އަހަންނަށް ޔަގީންވޭ، ވަސީ ވިސްނާލަ ބަލަ، އަހަރުމެންނަށް ފެންނަގޮތަކީ ރަނގަޅުގޮތްކަމުގައި ނުވެހިނގައިދާނެ، އެއީ މައްސަލައެއްނޫނޭ..............އަހަރެން ބޭނުންވަނީ މަންހާ އުފަލުގަ ހުންނަން، އޭނައަށް އަހަރުމެން އިތުބާރުކުރާކަން އަންގަން، އަމިއްލައަށް ނިންމުން ނިންމުމުގެ މިނިވަންކަން އެދަރިފުޅަށްވެސް ލިބިގެންވާކަން އަންގާދޭން އަހަރެން ބޭނުން، ދުނިޔޭގަ އުޅެންވީގޮތް ކިޔާދޭން އަހަރުމެން އަބަދުތިބޭނެތަ، މިދުނިޔާއި މަންހާ އެކަނިވެސް ކުރިމަތިލާން ދޫކޮއްލުމަކީ އަހަރުމެންނަށް އެދަރިފުޅު ހަލާކުގެ ތެރެއަށް ވައްޓާލުން ކަހަލަ ކަމެއްނޫނޭ، ވަސީ ހަނދާންވޭތަ، އެދަރިފުޅު ހިނގަންފެށީ ކިހިނެތްކަން.............ކިތަށް ފަހަރު ވެއްޓިފަތަ އެދަރިފުޅު ހިނގައިގަތީ........" ސަޢީދުގެ އަޑުގައިވާ އޯގާތެރިކަން ކުޑަހިނދުކޮޅަކަށްވިޔަސް ވަސީމާގެ ސިކުނޑިއާއި ހަމައަށް ފޯރިއެވެ. އެހެންނަމަވެސް އެކަން އޭނަ ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.

"އަހަންނަށްވެސް އެނގެޔޭ އަބަދު ދުނިޔޭގަ މަގުދައްކާކަށް އަހަރުމެންނަށް ނުތިބެވޭނެކަން، ކޮންމެ މީހަކުވެސް މަރުވާނެކަން، އެހެންނޭ ކިޔާފަ ދަރިން ބޭނުންހާ ގޮތަކަށް އުޅޭކަށް ދުލެއް ނުކުރެވޭނެ، އަހަރެން ބޭނުންވަނީ މަންހާގެ ކައިވެނި ވިޝާލް އާއި ކުރުވަން.........އެކަންވާނީވެސް ހަމައެގޮތަށް، ޒިޔާ އާއި މޫސަވެސް ބޭނުންވަނީ އެގޮތް، އެމީހުން މިކައިވެންޏަށް ރުހި ގަބޫލުވެއްޖެ.........މަންހާއަށް ޖެހޭނީ ވިޝާލް އާއި ކައިވެނި ކުރަން، އޭނަ ރޮއެރޮއެފަ އަހަރުމެން ދެރަކުރަން އުޅުނަސް އަހަރެން އެތަން ބަލާކަށް ނެތިން، ވިޝާލްއަށްވުރެ ރަނގަޅު އެހެން ޒުވާނަކު ކޮބާ" ވަސީމާ ރުންކުރު ގޮތަކަށް ބުނެލިއެވެ.

"ވަސީ އަދިވެސް ގޮތްދޫނުކުރަންތަ ތިހުންނަނީ، ތިވިޝާލްވެސް މިކައިވެންޏަކަށް ގަބޫލެއްނޫން، އަހަރުމެންގެ ދެން އެތިބަ ދަރިންވެސް ގަބޫލެއްނޫން...........ވަސީ އެކަނި ތިއުޅެނީ މަންހާ ވިޝާލް އާއި ކައިވެނި ކޮއްދެންވެގެން......" ސަޢީދު ހިތްހަމަނުޖެހުނީ ވަސީމާގެ ގޮތްދޫނުކުރުމާއިހެދި މަންހާއަށް ލިބެމުންދާ ހިތްދަތިކަން އިތުރުވެގެންދާނެތީއެވެ. އޭނަ ދައްކާ ވާހަކަ އާއިމެދު ކުޑަކޮށްވެސް ވިސްނާލަން ވަސީމާ ބޭނުންނުވަނީއެވެ.

"ނުވާނެ އެހެނެއް........." ވަސީމާއަށް ލިބުނު ހައިރާންކަމާއިއެކު ދެލޯބޮޑުކޮއްލެވުނެވެ.

"ވިޔަސް ނުވިޔަސް، އަހަރެން މިބުނީ ކަންއޮތްގޮތުގެ ވާހަކަ، އަހަރެން މިއައީ މޫސަ ބުނެގެން އޭނަ އާއި ބައްދަލުކޮއްފަ، އޭނަ ބުނީ ވިޝާލް އެއްގޮތަކަށްވެސް ބޭނުންނުވާކަމުގަ މަންހާއަށް މަޖުބޫރުކޮއްގެން މިކައިވެނި ކުރަން، މަންހާ ގަބޫލުނޫން ކަމެއް ނުކުރާނަމޯ، މޫސަ ބޭނުމެއްނުވޭ ވިޝާލް ކުރަން ނޭދޭކަމެއް ކުރުވާކަށް، އަހަރުމެން ފަދައިން އޭނަ ވިޝާލްއަށް މަޖުބޫރެއް ނުކުރާނެކަމަށް ބުނީ، އަދި ބުނި އަހަރުމެންވެސް މިކައިވެނި ކުރުވަން މަންހާއަށް މަޖުބޫރު ނުކުރުވާށޭ، އަންހެން ދަރިއެއްކަމަކު ކޮންމެވެސް އިތުބާރެއް އެކުއްޖާއަށް ކުރަންވާނެކަން...........ޒިޔާ އޭނަގެ އެއްވެސް ނިންމުމަކަށް ދެކޮޅެއް ނުހަދާނެކަމުގަވެސް ބުނި، އަހަރެންވެސް ބޭނުންވަނީ އެގޮތް..........މަންހާ ކައިވެނި ކުރަން ބޭނުންމީހަކާ ކައިވެނިކުރުމުގެ ހުއްދަ އަހަރެން ދޭނަން........މީ އަހަރެންގެ ނިންމުން، ވަސީވެސް މިގޮތް ގަބޫލުކުރާނެކަމަށް ހީކުރަން" ސަޢީދު ފަހުބަސް ބުނެލިއެވެ.

"އެހެންތަ، މިވީ މަންހާ ބޭނުންވި ގޮތެއްނު، މަށެއް ގަބޫލެއްނޫން، ވަރިހަމަ ވިޝާލް އާއި ކައިވެނި ނުކުރެވުނަސް، އެމީހަކާ މަންހާ އިންނާކަށް އަހަރެން ގަބޫލެއްނުވާނަން........ދުވަހަކުވެސް ނުވާނަން...........މަށަށް ހީވަނީ ސަޢީދުގެ ވާހަކައިންކަންނޭގެ މޫސަގެ ހިޔާލު ތިބަދަލުވީ.......އެހެންޏާ މިގެއަށް އައިދުވަހު ހުރި ވަރަށް ހިތްހަމަޖެހިފަ މިކައިވެންޏާއިމެދު........" ވަސީމާ ރުޅިއައެވެ. އަދި އިންތަނުން ތެދުވެ ނަމާދުދޮޅި ބާލާފައި ކޮޓަރިން ބޭރަށް ނުކުތެވެ. އޭނަ ކުއްވެރިކުރީ ސަޢީދުއެވެ. ވަސީމާ ކޮޓަރިން ނުކުތްގޮތަށް ދެފަޔަށް ލެވުނުހާބާރެއްލާފައި ހިނގައިގަތީ މަންހާގެ ކޮޓަރިއަށް ދިއުމަށްޓަކައި ސިޑިއާއި ދިމާލަށެވެ.

އަލީޝާ އާއި އަމާނީ އިރުއޮއްސެން ވާއިރަށް ގެއަށް ދިއުމަށްޓަކައި ނުކުތީ އަދި އަންނާނަން ކަމުގައި ބުނަމުންނެވެ. މަންހާއަށް ހިތްވަރުދީ ދެރަނުވުމަށް އެދި އާދޭސްކޮއްފައެވެ. މަންހާގެ އާއިލާ މީހުން އެފަދައިން ކަންތައްކޮއްފާނެކަމަށް ދުވަހަކުވެސް އެމީހުން ހީނުކުރެއެވެ. މަންހާއަކީ އެއާއިލާގެ އެންމެ ހަގުކުއްޖާއަށްވެފަ ހުރިހާ އެންމެންވެސް އޭނަދެކެ ވަރަށް ލޯބިވާކަން އަލީޝާ އަށާއި އަމާނީއަށް އެނގެއެވެ. އެމީހުންގެ ގެއާއި ހަމައަށް ދެވެންދެންވެސް އެމީހުންގެ ދުލުކުރީގައި މަންހާގެ ނަންވިއެވެ.

މިއަދު މަންހާގެ ވަށައިގެންވަނީ އެކަނިވެރިކަމެވެ. ހެއްދެވި ފަރާތަށް ދެއަތްއުފުލާ ދުޢާކުރުން ނޫން ގޮތެއް ނެތެވެ. މަޤްރިބު ނަމާދުކޮއްލައިގެން ފޭބި މަންހާ ނަމާދުދޮޅި އާއިއެކު މުއްސަލަ އެއްފަރާތްކޮއްލިއެވެ. އަދި ފަހަތަށް ޖެހިލަމުން ފާރުގައި ލެނގިލައިގެން އިށީނެވެ. އަމިއްލަ ހިޔާލުތަކުގެ ތެރޭ ބަސްހުއްޓިފައި އޭނަ އިނެވެ.

"މަންހާ......" ކޮޓަރީގެ ދޮރު ބާރަށް ޖަހަމުން ވަސީމާ ގޮވާލިއެވެ. މަންހާވެސް ވަސީމާގެ އަޑާއި އޭނަގެ ކޮޓަރީގެ ދޮރު ލެއްޕުނު އަޑާއިއެކު ސިހިގެން ދިޔައެވެ. ވަސީމާ އާއި ހަތަރުކަޅި ހަމަވުމާއިއެކު މަންހާއަށްވެސް އެލޮލުން އަލިފާން ކަހަލަ ކަނި ބުރައިގެން ދިޔަހެން ހީވިއެވެ. އޭނަގެ މަންމަ އެހާ ރުޅިއައިސްފައި ހުއްޓާ ދުވަހަކުވެސް މަންހާ ނުދެކެއެވެ.

"ތިގޮތްދޫނުކުރުން ކިހާ ދުވަހަކު ހިފަހައްޓާނަމޭ ހިތަށް އަރައިގެންތަ ތިއުޅެނީ، ބަލަ އަހަރެން މަންހާއަށް ދެރައެއްދޭކަށް ނޫނޭ މިއުޅެނީ، ވިޝާލް އާއި ކައިވެނި ނުކުރަން ތިއުޅެނީ ކީއްވެތަ، ގައިމުވެސް އެމީހާގަނޑަށްވުރެ އުމުރުން ޅަވެފަ......މަންހާއަށް ބަތްތަށީގެ އެއްބައި ކާކަށް ނުޖެހޭނެ........ކަލެއާއި ހެދި ވިޝާލް އެގޮތަށް އެނިންމީވެސް.........އަހަރުމެން ދެއާއިލާގެ ތެރޭގައި އޮތްގާތްކަންވެސް މަންހާ އާއިހެދި ކެނޑިގެން މިދަނީ، މިދެން ކިހާ ދެރަކަމެއް، އަބަދު ރޮއެފަ ނުކައި ނުބޮއެ އުޅުނީމަ ވަނީ ކޮންފައިދާއެއްތަ؟ މަންހާގެ ކަންތަކާހުރެ މިގޭ ހުރިހާ އެންމެން ކުއްވެރި ކުރަނީ އަހަރެން...........ތިގޮތް ހުއްޓަން އުޅޭ، އަހަރެން ދުވަހަކުވެސް ހިތްހެވެއްނުވާނެ މަންހާ އެމީހާ އާއި ގުޅޭކަށް...........ކަލޭގެ ބައްޕަ އިރުކޮޅަކުން އަންނާނެ.........ހިތަށް އަރާ މިއެންމެންގެ ސިކުނޑިތަކަށް މިހުންނަނީ ކިހިނެތްވެފަބާއޭ........ބުނަން މަންހާ ވާހަކައެއް، ކަލޭގެ ބައްޕަ ގާތުގަ އާއި ވިޝާލް ގާތު ބުނޭ ކައިވެނި ކުރަން ތައްޔާރަށޭ ތިހިރީ، މިކައިވެންޏާއިމެދު ގަބޫލޭ...........މިކަމުގައި އެއްވެސް މަޖުބޫރުކަމެއްނެތޭ............" ވަސީމާގެ އަޑު މުޅި ކޮޓަރިތެރޭ ގުގުމަމުންދިޔައެވެ. ފުއްމައިގެން ތެދުވި މަންހާއަށް އެސްފިޔަޖަހާލަންވެސް ހަނދާންނެތިފައި ހުރި ކަހަލައެވެ. ދުވަހަކުވެސް އެފަދަ ގޮތަކަށް ވަސީމާ މަންހާ އާއި މުޙާތަބުކޮށް ވާހަކަ ދައްކައިފައިނުވާތީ، އޭނައަށް ގަބޫލު ކުރަން ދަތިވީއެވެ. އަނެއްކޮޅުން ހިތަށް އަސަރުވެސް ކުރިއެވެ. ހަމަ އެގޮތަށް އެވާހަކަ ދައްކަނީ އޭނަގެ މަންމަ ބާއޭ އެތަށް ފަހަރަކު އަމިއްލަ ޒަމީރާ ސުވާލުކުރެވުނެވެ.

"މަންމާ............އަޅުގަނޑު ގަބޫލޭ ބުނެފީމެއްނު.........މަންމަމެން ބޭނުން ގޮތަކަށް ކަންތައްކުރައްވަންވީ...." މަންހާ ހިތްވަރުކޮއްފައި ބުނެލިއެވެ.

"މީސްމީހުން ކައިވެންޏަށް ގަބޫލުވީމަ އުޅޭ ގޮތަށް ވިއްޔަ މަންހާ ތިއުޅެނީ، ކޮޓަރިން ބޭރަށް ނުކުންނަނީކީނޫން، ދުވާލު ހަތަރުދަމު މިތާ އެތެރޭގަ..........މީހަކު ފެންނަ އިރަށް ރޮއެގަންނަނީ...........ތިހެންނެއްނޫން ގަބޫލުވާންވީކީ.......ތިވައްތަރަ އުޅެން ހަދައިގެން ވިޝާލް ކަލޭގެ ބައްޕަ ގާތު މިކައިވެނި ނުކުރާނަން ކަމުގައި ބުނެފި...........ވަރަށް އުފާވެއްޖެ ދޯ...........އެކަމަކު ބުނަން، އެންމެންގެ ބޮލަށް އެރެވުނަސް މަށަކާ ނުކުޅެވޭނެ..........މީ އަހަރެން ބުނާ އެންމެ ފަހުބަސް، މަންހާ އެމީހަކާ ކައިވެނި ކުރުމަށްފަހު މިގޭ ހަތަރު ފާރުގެ ތެރެއަށް ވަދެގެން ނުވާނެ ދުވަހަކު ކޮޅުންވެސް، އެހެނީ އެއަށްފަހު އަހަރެންގެ ބަނޑުން އަންހެން ދަރިއެއް ނުވިހާފަދަވާނެ................އެކައިވެނި ކުރުމަށްފަހު ތީ މަގޭ ދަރިއެއްނޫން.........ކަމެއްވެގެން މަގޭ ކައިރިއަށް އައިސްގެން ނުވާނެ...........މަބާލަން މަގޭ ބަސްނާހާ މަންހާއަށް.........." ވަސީމާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

"މަންމާ، ހެޔޮނުވާނެ.........ﷲއަށްޓަކައި ތިފަދަ ރަޙުމުކުޑަބަސްތައް ދުލުން ބޭރުނުކުރޭ، ތީ އަދިވެސް އަޅުގަނޑުގެ މަންމަ، ތިހެން ނުބުނުއްވާ، އަޅުގަނޑު ލޯބިނުވާ މީހަކާ އިނދެގެން އުޅޭނީ ކިހިނެތް...........މިއަދު މަންމައަށްޓަކައި ކައިވެނި ކޮއްފާނަން، އެކަމަކު މާދަން ވާނެގޮތެއް ނޭގޭނެ، އަހަރެންގެ ފަރާތުން އުނިކަމެއް ފެނި ވިޝާލް ދެވަނަ ކައިވެންޏަކާއި ހަމައަށް ދާން މަޖުބޫރުވެދާނެ..........އެދުވަހުން ކިހިނެތްވާނީ، ހަމަ ތިމަންމަގެ ހިތް ހަލާކުވާނީ، މިދަރިފުޅަށްޓަކައި އެދުވަހުން ކަރުނަ އަޅާނެކަން ގައިމު..........މިދުނިޔެއަކީ ވަގުތީ އާލަމަކަށް ވީހިނދު އަޅުގަނޑަށްވެސް މިނިވަންކަމާއިއެކު މުދުނިޔެއާއި ކުރިމަތިލުމުގެ ފުރުޞަތު ދެއްވާ...........މިދުނިޔެއަކީ އަނިޔާވެރި ތަނަކަށް ވީފަދައިން މިދުނިޔެއިން އޯގާތެރިކަންވެސް އިޙްސާސްކޮއްލުމުގެ ހަމަ އެންމެ ފުރުޞަތެއް އަޅުގަނޑަށް ދެއްވާ........އަޅުގަނޑުގެ އުމުރުން މިހާތަނަށް އައިއިރު ދުވަހަކުވެސް މަންމަ ނުރުހޭ ކަމެއްނުކުރަން............ލޯބިވުމީ ކުށެއްނޫން.........ލޯބީގެ މައްޗަށް އަމިއްލަ ބާރެއް ނުފޯރުވޭ......." މަންހާ ވަސީމާގެ ފައިބުޑުގައި ކުޑަކަކޫ ޖަހާލަމުން ވަސީމާގެ އަތުގައި ދެއަތުން ހިފާލައި ރޯންފެށިއެވެ. އޭނަ އާދޭސްކުރަނީއެވެ.

"އޭރުވެސް އަހަރެން ހިތަށް އެރި ވަސީ ހުންނާނީ މިތަނުގައޭ..........އެކަމަކުވާ ތީ ދެން ބޮޑުވަރު.........ތީދެން މަޖުބޫރުކުރުވުން ނޫން އެހެން ކޮންކަމެއް، ދަރިންނަށްވިޔަސް މަޖުބޫރުކުރަން ވަކި ހައްދެއް އޮންނަން ވާނެ..........ދަރިފުޅު ހުއްޓާލާ، ރޯނެކަމެއްނެތް އެއްގޮތަކަށްވެސް........ބައްޕަގެ އެއްވެސް މައްސަލައެއްނެތް ދަރިފުޅާއި ދާއިން ކައިވެނި ކުރިއަސް......" ސަޢީދު މަންހާގެ ކޮޓަރި ދޮރުހުޅުވާލުމާއިއެކު މިވަނީ ކިހިނެތްތަކަން އޭނައަށް އެނގި ބުނެލިއެވެ. އަދި މަންހާގެ ކޮނޑުގައި ހިފާ އޭނަ ނެގިއެވެ. ވަސީމާއަށް ބަލާލަމުން ސަޢީދު ހިތްހަމަނުޖެހިފައި ހުރެ ދެފަރާތަށް ބޯހޫރުވާލީ ވަސީމާގެ ކަންތައްތައް ހައްދުފަހަނައަޅާދާތީއެވެ.

"ހޫން.....ހޫން.........ސައީދުވެސް އަހަރެންދެކެ ރުޅިއަންނަންވީ، އޭނަ އަމިއްލައަށް ގޮތްދައްކަނީ ކަމެއް ގަބޫލެއް ނުކުރޭ.............މަށަށްވަރިހަމަ، އެމީހާގަނޑާ ދެން އޭނަ ދެވާބަލަ..........ކައިވެނިކުރުމަށްފަހު މަގޭދަރިއެއްނޫން އެއީ......" މިހެން ބުނެލަމުން ވަސީމާ ވައިސޫރިއެއްހެން އެކޮޓަރިން ނުކުމެގެން ސިޑިން ފައިބައިގެން ހިގައްޖެއެވެ.

"އަޅާނުލާ، މަންމަ އެހެން ބުންޏަސް ދަރިފުޅުދެކެ ލޯބިވާނެ، ބައްޕަވެސް މިހިރީނު.........ދަރިފުޅު ތިހެން އުޅޭތީ ބައްޕަ މިހުންނަނީ ވަރަށް ކަންބޮޑުވެފަ، ދެން އެއްގޮތަކަށްވެސް ދެރަވެފަ ހުރެގެން ނުވާނެ.........ބައްޕަ ދާއިންއަށް ގުޅާނަން، އޭނަ ދަރިފުޅާއި ކައިވެނި ކުރަން ބޭނުންވާނަމަ އެކަން ކުރިއަށް ގެންދިއުމަށްވެސް ބުނާނަން........އެކަމަކު ބުނަން، ދަރިފުޅު މިކައިވެންޏާއިމެދު ވަރަށް ވިސްނަންވާނެ، ދާއިންގެ އިތުރު އަންބެއްއިންކަން ދަންނަންވާނެ، ދާއިންއަކީ ހަމައެކަނި ދަރިފުޅުގެ ޙައްޤެއްނޫން، ސުލްޙަވެރި ރީތި ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތްކުރާތި، ބައްޕަގެ ނަޞޭޙަތަކީމީ.....މީހެއްގެ ދެވަނަ އަންބަށް މަންހާވާކަށް ބައްޕަވެސް ނޭދެން، އެކަމަކު ދަރިފުޅުގެ އުފަލަށްޓަކައި ބައްޕަ މިކަންވެސް ކޮއްދޭނަން........ދެން ނުރޮއެ ހުއްޓާލާ.........ދާއިންއަށް ތިފަދަ މޫނެއް ފެނިއްޖެނަމަ ކިހިނެއްވާނީ، ހޮސްޕިޓަލަށް ދަރިފުޅު ދެކިލަން އައިދުވަހުވެސް ދާއިންގެ ބަލާލުން ބައްޕައަށް ފާހަގަކުރެވުނު..........އޭނަގެ ބަލާލުމުގަވެސް އެހެންމީހުން ޖެހިލުންވާފަދަ ގޮތްތަކެއްހުރި.........ބައްޕަހީކުރީ އެދުވަހު ކޮންމެވެސް އެއްޗެއް ބުނާނެކަމަށް، އާއިލާ އާއި ދެކޮޅަށް އޭނަ މަންހާ އާއި ކައިވެނިކުރާނެކަމަށް..........." ސަޢީދު ހިނިއައިސްފައި ދާއިންގެ ވާހަކަ ބުނެލިއެވެ. ބޭނުމަކަށްވީ މަންހާ ހިތްހަމަޖައްސާލަ ދިނުމެވެ.

"ދާއިންއަކީ އެކަހަލަ މީހެއްނޫން، އޭނަ ބޭނުމެއްނޫން އަޅުގަނޑުގެ އާއިލާ އާއި ދެކޮޅަށް އެއްވެސް ކަމެއްކުރާކަށް، އޭނައަށް އެނގޭ އަޅުގަނޑުގެ ކައިވެނި ކުރަން ހަމަޖެހިއްޖެކަން...........ދެންވެސް އޭނަ ބޭނުމެއްނުވި އާއިލާ އާއި ދެކޮޅަށް ތެދުވާކަށް.........ބުނިހާވެސް އެއްޗަކީ އޭނަދެކެ ލޯބިވާނަމަ މައިންބަފައިން ބުނިގޮތަށް ކަންތައްކޮއްދޭށޭ.......އަޅުގަނޑު މިމަސައްކަތް ކުރަނީ އެގޮތަށް ކަންތައްކުރެވޭތޯ" މަންހާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ.

"ދެން އެކަމާ ނުވިސްނާ، ދާއިންއަކީ އަޙުލާގު ރަނގަޅު މީހެއްކަން ބައްޕައަށް އެނގޭ" ސަޢީދު މަންހާގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ. އަދި އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

އެނދުގައި ގޮސް އިށިން މަންހާ އޭނަގެ ދެލޯ ކޯތާފަތާއިއެކު ފޮހެލިއެވެ. ނިމުމެއްނެތްކަމަށް ހީކުރެވުނު ކަރުނައަށް ނިމިމުއައީއެވެ. އެއާއިއެކު ހެއްދެވި ފަރާތަށް ދެއަތް އުފުލާލަމުން ޝުކުރުކޮށް ހަމްދުއެޅިއެވެ. ނިދާ ބާލީސްދަށުގައި އޮތް ފޯނު އަވަސް އަވަހަށް ހޯދާލިއެވެ. އޭނަ ބޭނުންވީ ދާއިންއަށް މިއުފާވެރި ޚަބަރުދޭށެވެ.

މުޅިން އާދުވަހަކަށް އިރުއެރި އިރު މަންހާގެ ވީރާނާވަމުންދިޔަ ހަޔާތަށް އާރޯކަން ވެރިކުރުވައިފިއެވެ. ހިތުގެ ވޭންތަކަށް ޝިފާއެއް ލިބިގެން ހިނގައްޖެއެވެ. އެހެންނަމަވެސް އެތުންފަތުން ހިނިތުންވުމެއް ނުފެނެއެވެ. ބައްޕަގެ އޯގާތެރިކަމުން ތަސައްލީއެއް ލިބުނެއްކަމަކު މަންމަގެ ރުޅިވެރިކަމާއިއެކު ބުނި އެންމެ ފަހުބަސްތަކުން މަންހާ ކަންބޮޑުވެފައިވެއެވެ. ދާއިންއަށް މަންމަ އެހާ ނަފުރަތު ކުރަންވީ ކީއްވެހެއްޔެވެ.

މެންދުރު އެކެއް ޖަހާލާކަން ހާއިރުއެވެ. ކާއިލް އިނީ ފޯނުން ދާއިންއަށް ގުޅައިގެންނެވެ.

"ދާއިންއަށް ކޯލެއް، ކޮންމެވެސް ޝިމާދުއެކޯ........" ކާއިލް އިންޓަކަމްއިން ދާއިން އާއި ވާހަކަދެއްކިއެވެ.

"ކްލައިންޓެއްތަ؟" ދާއިން އޭނަގެ ކެބިންގައި ހުރި މީޓިން ޓޭބަލް މަތީ ފަތުރާލާފައި އޮތް ކުރެހުމަށް ބަލަންހުރިއިރު ފޯނުހުރީ އިސްޕީކަރަށް ލާފައެވެ.

"ނޫން......އަމިއްލަ ކަމަކު ގުޅާލި މީހެއް...........ކީކޭ ބުނަންވީ؟ ނޫނީ ޕާސްކުރަންވީތަ" ކާއިލް އަހާލިއެވެ.

"ޕާސްކޮއްލާ، އަހަރެން މިއަދު ވަރަށް މުހިއްމު ފޯންކޯލަކަށް އިންތިޒާރު ކުރަމުން މިދަނީ.........ވެދާނެ އެގުޅީ އެކަމާ ގުޅުން ހުރި މީހެއްކަމަށް.........ސޯ ޕާސްމީދަ ކޯލް، އޯކޭ......." ދާއިން ކުޑަކޮށް ވިސްނާލާފައި އޭނަގެ މޭޒުމަތީ ހުރި ފޯނަށް ބަލާލަމުން ބުނެލިއެވެ. ކާއިލްގެ ކޯލް ކެނޑުނު އަޑާއިއެކު އެހެންމީހަކު ހެލޯ ގޮވާލިއަޑުއިވުނެވެ. ދާއިން އަވަސް އަވަހަށް ގޮސް ފޯނުގެ އަތްގަނޑު ހިއްލާލުމާއިއެކު ކަންފަތުގައި ޖަހާ ހެލޯއޭ ބުނެލިއެވެ.

(ނުނިމޭ)