ހަބަރު

ޖޭއެސްސީގެ މެންބަރަކަށް ހިސާން އައްޔަންކުރަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް އައްޔަން ކުރާ މެންބަރުގެ ގޮތުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ ނަން ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހިސާންގެ ނަން ފާސްކުރީ މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކުރިން ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އިނގިރޭސިވިލާތުން ގާނޫނީ ދާއިރާގެ މާސްޓާސް ހާސިލުކުރައްވާފައިވާ ހިސާން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެޓާނީ ޖެނެރަލްގެ އޮފީހުގަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވި އެެވެ.

މިދިޔަ ސަރުކާރުގައި ޖަލު ހުކުމްތަކާއި ބަންދުތަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ސިޔާސީ ބައެއް ލީޑަރުންނާއި ދައުލަތުގެ އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހިސާން ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

މި ފެށުނު ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް އޮތުމުން އެމްޑީޕީން ހުށަހަޅާ ނަމެއް ޖޭއެސްސީގެ މެންބަރުގެ ގޮތުގައި ފާސްވާނެ ކަމަށް ބެލެވެ އެވެ. މަޖިލީހުގައި ޖުމުލަ 87 މެންބަރުން ތިއްބަވާއިރު އެމްޑީޕީގެ 65 މެންބަރަކު ތިއްބަވަ އެވެ.

ޖޭއެސްސީ އެކުލެވިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ މެންބަރަކު އިންނަވަ އެވެ. އެހެންކަމުން އާ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް ނަޝީދު ވަނީ ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އަދި މަޖިލީހުން ކަނޑައަޅާ މެންބަރަކު ވެސް ޖޭއެސްސީއަށް އައްޔަންކުރަން ޖެހެ އެވެ.

ޖޭއެސްސީގައި ދެން ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބު ކުރާ ފަނޑިޔާރަކާއި އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ މީހެކެވެ.