ނަސަންދުރަ ޕެލަސް ހޮޓެލް ހިންގި ބިން ކުއްޔަށް ދޫކުރި މައްސަލާގައި އެ އެއްބަސްވުން އުވާލަން، އެޓާނީ ޖެނެރަލްގެ ލަފައަކަށް ފޮނުވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ނަސަންދު ޕެލަސް ހޮޓެލްގެ އެއްބަސްވުމާއެކު ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާ، އެހެންކަމުން އެ މައްސަލާގައި އޭޖީގެ ލަފައެއް ހޯދަން އެދިފައިވާނެ ކަމަށެވެ.
"އޭޖީގެ ލަފާ ލިބުނުހާ އަވަހަކަށް ފިޔަވަޅު އަޅާނަން،" އަލީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެއްބަސްވުންތައް ހަވާލު ކުރާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އިންވެސްޓު ކުރާ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަސަންދުރަ ޕެލަސް ހޮޓަލް ތަޅާލުމަށްފަހު، 25 ބުރީގެ ހޮޓަލެއް ތަރައްގީ ކުރަން ހަވާލު ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ރައީސް ޔާމީންގެ ޅިޔަނު އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ކުންފުންޏަށެވެ. މި ބިން އެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ 50 އަހަރަށެވެ. އަދި މި އެ އެއްބަސްވުމާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ސުވާލު އުފައްދާފަ އެވެ.