ހަބަރު

ޖަލު އޮޑިޓް ކޮމިޝަނުގެ ރިޕޯޓް ހަގީގަތާހިލާފު: އެޗްއާރްސީއެމް

ޖަލުތައް އޮޑިޓް ކުރާ ކޮމިޝަނުން ރިޕޯޓެއް ނެރެފައިވަނީ ހަގީގަތާއި ހިލާފު މައުލޫމާތު ހިމަނައި ޒިންމާދާރުކަން ކުޑަކޮށް ކަމަަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ޖަލު އޮޑިޓް ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓުގައި ޖަލުތަކުގައި ގައިދީންނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމަ ނުވާ ކަމާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރާއްޖޭގެ ބައެއް ޖަލުތައް ނުފެތޭ ކަމަށް ބުނެ ކަންތައްތަކެއް ފާހަގަކޮށްފައި ވެއެވެ.

ކޮމިޝަނުގެ އެ ރިޕޯޓާ ގުޅުވައި އެޗްއާރްސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔާތުތަކާއި ޒިންމާތަކާއި، ކޮމިޝަނުން ބަލަމުންދާ ޓޯޗާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭ ގޮތަށް ބަންދުގައި ތިބޭ މީހުންގެ އެންމެހާ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެޗްއާރްސީއެމުން ފޯރުކޮށްދިން މައުލޫމާތު ޖަލު ކޮމިޝަނުގެ އޮޑިޓް ރިޕޯޓުގައި ގެނެސްދީފައި ވަނީ ގަވާއިދާ ހިލާފު މައުލޫމާތު ހިމަނައިގެން ކަމަށެވެ.

"... މި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި، މި ރިޕޯޓް އެކުލަވައިލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމިޝަން ފޯ ޕްރިޒަންސް އޯޑިޓްއަށް ފޯރުކޮށްދީފައިވާ މައުލޫމާތުތަކަށް ރިއާއަތް ކުރުމެއް ނެތި، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއްކަން ހިތާމައާއެކު ފާހަގަކުރަމެވެ." އެޗްއާރްސީއެމްގެ އެ ބަޔާނުގައި ވެއެވެ.

އެޗްއާރްސީއެމްގެ އެ ބަޔާނުގައި ބުނަނީ ޖަލު ކޮމިޝަނުގެ ރިޕޯޓުގައި އިދާރާތަކުން ރަނގަޅު ކުރަން ހުށަހަޅާފައިވާ ގިނަ ހުށެހެޅުންތަކަކީ މީގެ ކުރިން އެޗްއާރްސީއެމުން އެކި ފަހަރު މަތިން އެ އިދާރާތަކަށް ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ.