ދަރަވަންދޫ

ދަރަވަންދޫ ފެން ވިއުގައިގެ އަމަލީ މަސައްކަތް ފަށައިފި

ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫގައި ގާއިމް ކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ދަރަވަންދޫގައި ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ގްރީން ކްލައިމެންޓުގެ ފަންޑުގެ ހިލޭ އެހީގެ ދަށުން އިތުރު ތިން ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރާނެ ކަމަށެވެ.

އެ ތިން ރަށަކީ ރ. މަޑުއްވަރީ އާއި ހދ. ނޮޅިވަންފަރާއި ށ. ފޯކައިދޫ އެވެ.

މި މަސައްކަތަށް ބޭނުންވާ ފައިސާ ގްރީން ކްލައިމެޓް ފަންޑުން 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސަރުކާރައި ހަވާލުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދަރަވަންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ، ކެނޭޑިއަން ކްރިސްޓްލައިން ވޯޓާ އިންޑިއާ ކިޔާ ކުންފުންޏަކާ އެވެ. އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރު ނޮވެމްބަރު އެއް ވަނަ ދުވަހު އެވެ.