އާސެނަލްގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ޗެލްސީ ހޯދައިފި އެވެ.
ޔޫރޮޕާ ލީގްގެ އެންމެ ކާމިޔާބު އެއް ކޯޗް، އުނައި އެމެރީގެ މައްޗަށް، ޗެލްސީގެ މައުރީޒިއޯ ސާރީ ހޯދި ކާމިޔާބާއެކު، ޗެލްސީގައި އޭނާ ހޭދަ ކުރި ފުރަތަމަ ސީޒަން ނިންމާލީ ތައްޓަކާއެކު އެވެ. ޗެލްސީގައި އޭނާގެ އަލަތު ސީޒަން ދިޔައީ އުނދަގޫ ކޮށެވެ. ޓީމުގެ ހާލަތާ ފެންވަރު އޭނާއަށް އެނގުނީ ސީޒަން ދެބައިވެ ބޮޑުވި ފަހުންނެވެ.
މެޗު އެންމެ ބޮޑަށް ހާއްސަ ވަނީ، ޗެލްސީ މެޗުން މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި، އެޑެން ހަޒާޑަށެވެ. ޔަގީނާ ގާތަށް އެނގޭ ކަމަކީ، ޗެލްސީގައި ހަޒާޑް ކުޅުނު އެންމެ ފަހު މެޗަށް ރޭ ގެ ފައިނަލުވާ ކަމެވެ. މެޗުގެ ފަހުން އޭނާ މީޑީއާގައި ދެއްކި ވާހަކައިންނާއި މެޗުގެ ކުރިން މީޑިއާގައި އެނބުރެމުން ދިޔަ ވާހަކަ ތަކުން އެކަން ވަރަށް ރަނގަޅަށް އެނގެ އެވެ.
އޭނާގެ ސޮއި ހޯދުމަށް އަބަދުވެސް ވިއްދާފައި ވަނީ، ރެއާލް މެޑްރިޑެވެ. އެ ކުލަބުން ވަނީ އެތައް ފަހަރެއްގެ މަތިން އޭނާ ގެންދަން މަސައްކަތް ކޮށްފަ އެވެ. ރެއާލްގެ ކޯޗަކަށް ޒައިނުއްދީން ޒިދާން އެނބުރި އައިސް އޭނާގެ އެންމެ އިސްކަން ދޭ ލިސްޓްގައި އޮތީ ހަޒާޑް ރެއާލްއަށް ގެންދިއުމެވެ.
މެޗުގެ ފުރަތަމަ ހާފު ފަށައިގެން އާސެނަލްއިން ގޭމް ކޮންޓްރޯލް ކުރި އެވެ. ޗެލްސީއަށް މެޗުގެ ތެރެއަށް ވަދެވުނީ 10 ވަރަކަށް މިނެޓް ފަހުންނެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ދެ ކީޕަރުންގެ ފަރާތުން ވެސް ރަނގަޅު ސޭވްތަކެއް ފެނިގެން ދިޔަ އެވެ.
ޗެލްސީން ތަފާތު ދެއްކީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓް ތެރޭގައި ޗެލްސީގެ އޮލިވާ ޖިރޫޑް އެ ޓީމަށް ލީޑް ނަގައިދިނެވެ. މެޗުގެ 60 ވަނަ މިނެޓްގައި ހަޒާޑް ތަނަވަސް ކޮށްދިން ފުރުސަތަކުން ޕެޑްރޯ ޗެލްސީއަށް ލީޑް ފުޅާ ކޮށްދިނެވެ. އޭގެ ފަސް މިނެޓް ފަހުން ޗެލްސީއަށް ލިބުނު ޕެނަލްޓީއެއްގައި، ހަޒާޑް ޗެލްސީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.
އާސެނަލްއަށް ގެނައި ބަދަލުތަކާއެކު 69 ވަނަ މިނެޓްގައި އެލެކްސް އިވޯބީ އެ ޓީމުގެ ލަނޑު ކާމިޔާބުކޮށް އާސެނަލްއަށް ހަމަޖެހުމެއް ގެނެސްދިނެވެ. އާ ހިތްވަރަކާއެކު އާސެނަލްއިން އިތުރަށް މަސައްކަތް ކުރާނެ ކަމަށް ބެލެވުނު ނަމަވެސް އޭގެ ތިން މިންޓް ފަހުން ހަޒާޑް ލަނޑު ކާމިޔާބު ކޮށް އާސެނަލްގެ ހިތްވަރު މުޅިން ދުއްވާލި އެވެ.
ރޭގެ މެޗަކީ އާސެނަލްގެ ކީޕަރު އަދި ޗެލްސީގެ ކުރީގެ ކީޕަރު ޕީޓާ ޗެކްގެ އެންމެ ފަހު މެޗެވެ. އޭނާ ވަނީ މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލާނެކަން ކުރިން އިއުލާން ކޮށްފަ އެވެ.