(28 މެއި 2019 އާ ގުޅޭ)
"ލުގަލް..." މަޑުމަޑުން ޒިޔަޒެލް ގޮވާލިއެވެ. އެ ޒުވާނާގެ ދެ ލޯ ޒިޔަޒެލްއަށް އޮޅުވައެއްނުލެވުނެވެ. ލުގަލްބަންދާގެ ހިތުގައި އީޝަލްއަށް ޓަކައިވަނީ ކީކޭކަން ޒިޔަޒެލް ދެނެގަތީ ދެނެވެ. ހަމައެހިނދު ލުގަލްބަންދާގެ ފިރިހެންވަންތަ އަޑު ފުރަތަމަ ފަހަރަށް ޒިޔަޒެލްގެ ކަންފަތަށް އިއްވިގެން ދިޔައެވެ.
"އީޝަލް ސަލާމަތްކުރޭ... އަހަރެންނާ ވަކިވެގެން ހިނގައިދާނެ... ޒިޔަޒެލް!..." ލުގަލްބަންދާގެ އަޑު މަޑުމަޑުން ހިނދިގެން ދިޔައީއެވެ. މިހާރު ޒިޔަޒެލްގެ ކުރިމަތީގައި އޮތް އީޝަލްއާއި ލުގަލްބަންދާއާ ދެ މީހުން ވެސް އޮތީ ޚަބަރު ހުސްވެފައެވެ. އަވަސްއަވަހަށް އީޝަލް އަތްދަނޑިމައްޗަށް އުފުލާލައި އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ. ދެން އައިސް ލުގަލްބަންދާ އަތުލަފިކޮށްގެން ކަހަލަ ގޮތަކަށް އޭނާގެ ކޮޓަރިއާ ހަމައަށް ގެނައެވެ. އެ ދެ މީހުންގެ ޒަޚަމްތަކަށް ފަރުވާކުރަން ފެށުމުގެ ކުރީން އޭނާ މިޒަރެން ހާޟިރު ކުރިއެވެ. އަދި ވަގުތުގެ ނާޒުކުކަން ވިސްނައިދީ އޭނާއަށް އެހީތެރިވުމަށް ދުރަށް ނުގޮސް މަޑުކުރަން އެދުނެވެ.
ފަޒާގައި ހަރުލާފައި ހުރި އެނދިވަހާއި ފަރުހަކި ވަސް މަޑުމަޑުން ކެނޑެމުންދިޔައެވެ. ކިޔަވަން އުޅުނު ޖިންނީން އެމީހުންގެ ޢާއިލާގެ ޚަބަރުތައް ބެލުމަށް އެ މީހުންގެ ގެތަކަށް އެނބުރި ހިނގައްޖެއެވެ. މީކާޢިލް ގޮވައިގެން ޒިޔަޒެލްގެ ގެއަށް ހަލުވިކޮށް ޖޫދާ އައިސް ވަނެވެ. އެ މީހުންގެ ފަހަތުން ދެންތިބި މެންބަރުން އައިސް ވަނެވެ. އެންމެން ތިބީ ހާސްވެ ކަންބޮޑުވެފައެވެ. ދާރިއުސްގެ އަތުގެ ހިމާޔަތުގައި ރޮވިފައި ޔާފިއާ ހުއްޓެވެ. ހަމައަކަށްއެޅިފައި ހުއްޓެއްކަމަކު ޔާފިއާގެ ދެ ލޮލުން ކަރުނަ ހުސްނުވެއެވެ. އީޝަލްގެ ކޮޓަރިއާ ދިމާއަށް އައި މީކާޢިލްއާއި ޖޫދާއަށް އެ ކޮޓަރިން ޒިޔަޒެލް ނުކުތްތަން ފެނުމުން ހުއްޓިލެވުނެވެ.
"މިވަގުތު އެއްޗެއް ބުނާކަށް ނޭނގޭ، ވަރައިގެ އެއްބައި އޮތީ... އަހަރެން ބޭސްގަނޑު އަޅައިފިން، އޭނާގެ ވަރައިން ބުރިކޮށްލިބައި ބަލަން ބޭނުން، މީކާޢިލް! އޭނާވަނީ ފުންނިންޖެއްގެ ތެރޭ، ހޭލާނޭކަމުގެ ޔަގީންކަން ދޭކަށްނޭނގޭ، އެހެންވިޔަސް ދެން އޮތީ އެކަލާނގެއަށް ވަކީލުކޮށް އުންމީދު ކަނޑާނުލުން" ޒިޔަޒެލް ބުންޏެވެ. މަޑުމަޑުން މީކާޢިލް ބޯޖަހާލިއެވެ. އަދި ކުރިއަށް ހިނގައިގަތުމުން އޭނާގެ ފަހަތުން ޖޫދާ ވެސް އައެވެ.
"އަހަރެންގެ ދަރިފުޅާއެކު އެކަނިވެލަން ބޭނުންވަނީ" މީކާޢިލް ހުއްޓިފައި ބުނެލިއެވެ. އެއާއެކު ޖޫދާގެ ކޮނޑުގައި ޒިޔަޒެލް ހިފަހައްޓާލައި ބޮލުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ.
"ޒިޔަޒެލް..." ހަމައެވަގުތު އާރަމް ގޮވާލި އަޑުއިވުނެވެ. އޭނާއަށް ވެސް ޒިޔަޒެލް އިޝާރާތްކުރީ ކުރިއަށް ނުދިއުމަށެވެ. އަދި ޒިޔަޒެލްއާއެކު އެމީހުން ނުކުތީ ފެންޑާއަށެވެ. އެތަނުގައި ހުރި ތިރި މޭޒެއްގެ މަތީ އީޝަލްގެ ވަރައިން ބުރިކޮށްލި ބައި ބާއްވާފައި އޮތެވެ. އޭގެ ކައިރީ ޒަލަފް މަޑުކޮށްލައިގެން ހުއްޓެވެ.
"މިބައި ގުޅުވާލެވޭނޭ ގޮތެއްނުވާނެތަ؟" ޒަލަފްގެ ގާތަށް އައިސް މޭޒުމަތީ އޮތް ވަރަ ޒިޔަޒެލް ބަލަން ފެށުމުން އޭނާ އެއްސެވެ.
"މިބައި ހޯދަން މިއައީ އެހެން ހިތަށް އަރައިގެން" ޒިޔަޒެލް ބުނެލިއެވެ.
"ކޮބާ ލުގަލް؟ އީޝަލްއާ ބައްދަލުކުރެވޭތަ؟" ކުރިއަށް ޖެހިލައި ހަތޯރު އެއްސެވެ.
"އަހަރެމެންގެ ބާރު އެ މީހުންނަށްވުރެ ގަދަ... އަހަރެންނަކަށް އަދިވެސް ނޭނގުނު މިހެންވާންޖެހުނު ގޮތެއް" ޚިޔާލަކަށް ގެއްލިފައި ހުރެ ސޭމެސް ބުންޏެވެ.
"އީޝަލްއާއެކު ސަވާރީގައި އައި ކުރުމީހުންތަކެއް ނުފެނުން، މީ އެ ދެ މީހުންގެ ރޭވުމެއްތަ؟ އީޝަލްއަށް އޮޅުވާލީތަ؟ އަހަރެން އެމީހުން ކޮބައިތޯ ރަށުތެރެ ހޯދައިފިން" ދާރިއުސް ބުންޏެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލާފައި ޒިޔަޒެލް ބަލާލީ ދެނެވެ. ކޮންމެ މީހަކު އެކަކު އަނެކަކަށް ނަޒަރު ހިންގާލިއެވެ.
"އަހަރެމެންގެ ފައިތިލަތަށް ދޮށުގައި އުޅެނިކޮށް ދުށީން، އަހަރެމެންނާ އެއްކޮޅަށް އެ މީހުން ހަނގުރާމަކުރަމުންދިޔައީ، ލުގަލް އެ މީހުންނަށް ޚާއްޞަ ސަމާލުކަމެއްދިން، އެކަމަކު ފަހުވަގުތު އަހަރެންނަށް ވެސް އެ މީހުންނަށްވީ ކިހިނެއްކަމެއް ނޭނގޭ" ޒަލަފް ބުންޏެވެ.
"ބޭރީތަކީ މަކަރުވެރި މީހެއް، އަހަރެމެންގެ ތެރެއަށް އޭނާ އަރައިގަތީ ވެސް އެގޮތަށް، ގަނޑުވަރުތެރޭގައި ބައްޕަ އެންމެ އިތުބާރުކުރި މީހާގެ ސަބަބުން އަހަރެމެން ބޭރީތުގެ ކުރިމަތީ ގޮތް ހުސްވީ" ޖޫދާ ބުންޏެވެ. އެވާހަކައަށް ހަތޯރާއި ދާރިއުސްގެ އިތުރުން ސޭމެސްގެ ސަމާލުކަން ހުއްޓުނެވެ.
"މިވަގުތު ކަލޭމެންގެ ވާހަކަތައް އަޑުއަހަން އިނދެވޭކަށްނެތް... އީޝަލްއާއި ލުގަލްގެ ޒަޚަމްތަކަށް ފަރުވާދޭން ޖެހޭ، މިޒަރެން އިރުކޮޅަކުން އަންނާނެ، އޭނާ ކަލޭމެންނަށް ލިބިފައިވާ އަނިޔާތައް ބަލާނެ" ޒިޔަޒެލް ބުންޏެވެ.
މޭޒުމަތީ އޮތް ވަރަ ދެއަތަށް ހެޔޮވަރުކޮށްލަމުން އެ ހިފައިގެން ޒިޔަޒެލް އައީ އީޝަލްގެ ކޮޓަރިއަށް ވަންނާށެވެ. ނަމަވެސް ކޮޓަރީގެ ދޮރުމަތީ ހުއްޓެވުނީ އެ ކޮޓަރީގެ ތެރެއިން އޭނާއަށް އިވެމުންދިޔަ މީކާޢިލްގެ ރުއިމުގެ އަޑުންނެވެ. ދަރިފުޅު ގާތު ހޭލުމަށް އޭނާ އެދެމުންދިޔައެވެ. ކޮންމެފަދަ ޤުރުބާނީއެއް ވެގެންވިޔަސް ރައުލް ގެނެސްދޭނަންކަން މީކާޢިލް ވަޢުދުވިއެވެ. ފިނިނޭވާއެއް ލުމާއެކު ދެފަރާތަށް ޒިޔަޒެލް ބޯހޫރުވާލިއެވެ. ފަހުވަގުތު ކަންތައްތައް ހިނގައިދިޔަ ގޮތާމެދު ޚުދު އޭނާއަށް ވެސް ބުނާނޭ އެއްޗެއް ނޭނގެއެވެ. އެންމެން ވެސް ތިބީ މާޔޫސްކަމެއްގެ ތެރޭގައެވެ. ނަމަވެސް އެ މީހުންގެ އެ ނުތަނަވަސްކަން ފިލުވައިދޭނޭ ގޮތެއް މިވަގުތު ޒިޔަޒެލްގެ ބުއްދިއަކަށް ނާދެއެވެ. މަޑުމަޑުން ދޮރުފަތުގައި ޓަކި ދިނުމަށްފަހު ޒިޔަޒެލް އެތެރެއަށް ވަނެވެ. ކަރުނުންފުރިފައިވާ ދެ ލޮލުން މީކާޢިލް ބަލާލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. އިންތަނުން އޭނާ ތެދުވެގެން އައިސް ޒިޔަޒެލްގެ އަތުގައި އޮތް ފިޔަގަނޑުގެ ބަޔަށް ބަލާލިއެވެ. އަދި އަސަރުން ފުރިގެންވީ ފަދަ ގޮތަކަށް އޭގައި މީކާޢިލް ފިރުމާލިއެވެ. މޫނުގައި ދެއަތްތިލަ ހިންގާލައި ދެ ލޯ ފުހެލައި ކަރުތައް ހިފަހައްޓާލަމުން މީކާޢިލް ވާހަކަދެއްކިއެވެ.
"ބައްޕަގެ ޚަބަރެއްނުވޭތަ؟ މިވީ ކަންތައްތައް ނޭނގިއެއް ނޯންނާނެ، ޖޫދާ އަންނައިރު ބައްޕައަށް ނޭނގިއެއް ނާދެވޭނެ" މީކާޢިލް ހިތްދަތި ގޮތަކަށް ބުނެލިއެވެ.
"އައިޒަން އަހަރެންނަށް ސިޓީއެއް ފޮނުވި، އޭގައި އޮތީ ރަސްކަމުގެ ބާރުގައި ކުރެވޭ ހަނގުރާމައަކީ އާދައިގެ ހަނގުރާމައެއްނޫނޭ، ޚުދު ބޭރީތު އަމިއްލައަށް އަހަރެމެންގެ ތެރެއަށް ކުރިމަތިލާން އައިނަމަ މައިދާނުގައި އޭނާ ވެސް ހުންނާނެއޭ، އޭރުން އޭނާގެ ކިބައިން ވަރުގަދަ ބަދަލުހިފުމަކުން ބަދަލުހިފާނަމޭ، މީކާޢިލް... ރަސްކަމަކީ އަހަރެމެން ބޭނުންހާ ގޮތަކަށް އެކަމުގެ ބާރު ބޭނުންކުރެވޭނެ ކަމެއްނޫންކަން ކަލެއަށް ވެސް އެނގޭނެ، އަހަރެންނަށް ޔަގީން... މިހެންވާނޭކަން އައިޒަންއަށް އެނގޭނަމަ އޭނާ ދުރުގައެއްނުހުންނާނޭކަން، ކަލެއާއި އީޝަލްއަކީ އޭނާގެ ހަށިގަނޑުގެ ބައެއް، ކަލޭގެ ބައްޕައާ މެދު ހިތްބަރުނުކުރޭ.... ޖޫދާ އައިސް އެހުރީ ކަލެއާ ވާހަކަދައްކަން، ދޭ... ގޮސް އޭނާގެ ވާހަކަ އަޑުއަހާ... މި ކުއްޖާފުޅު ﷲގެ ވާގިފުޅާއެކު އަދި ތެދުވާނޭކަން ޤަބޫލުކުރޭ، އޭނާ އެނބުރި އަތުވެއްޖެނަމަ އޭނާގެ ފިރިމީހާ ހޯދުމަށް ޓަކައި ޒަގަންއާއި ބޭރީތު ޖެހިލުންވާވަރުކަމެއް އޭނާ ކުރާނޭކަން ޔަގީން" ޒިޔަޒެލްގެ ނަޒަރު އެނދުގައި ބަންޑުން އޮތް އީޝަލްއަށް ހުއްޓުނެވެ.
"މި ނޫނީ އެފަދަ ނިކަމެތި ގޮތަކަށް އާރެއްބާރެއްނެތިފައި ނޯވޭ" ޒިޔަޒެލްގެ ވާހަކަތައް ޤަބޫލުކުރަން މީކާޢިލްގެ އަމިއްލަ ނަފްސަށް މަޖޫބޫރުކުރިއެވެ.
ބުރިވެފައި އޮތް ވަރަފަތްގަނޑުގެ ބައި ގުޅުވައި ޒިޔަޒެލް އަލުން ބޭސްގަނޑު ބަނެވެ. އެކަމުގައި މިފަހަރު އޭނާއަށް އެހީވީ މީކާޢިލްއެވެ. އެކަން އޭނާ ނިންމާލާފައި ވަރުބަލިކަމާއެކު ހިންދެމިލިއެވެ. އަދި އީޝަލްގެ ކޮޓަރިން ނުކުތުމުގެ ކުރީން ޠަލަބްއާއި ސިއްތާގެ ޚަބަރު މީކާޢިލްއަށް ޒިޔަޒެލް ދިނެވެ.
"އެމީހުން މަރުވީތަ؟" މީކާޢިލް އަހާލިއެވެ.
"ނޫން... އަހަރެންގެ ހިތެއްނުބުނޭ މަރުވީއެކޭ... އެކަކަށް ވެސް އެ މީހުން ދިޔަތަނެއް ބުނާކަށް ނޭނގުނު، ކުރިމަތިލުން ހޫނުވި ދަނޑިވަޅުގައި އެ ދެ މީހުން ފިލީކަމެއް، ނޫނީ އެ ޒަގަންއާ އެއްބައިވެ އެ މީހުންގެ ހިމާޔަތަށް ދިޔައީކަމެއް" ޒިޔަޒެލް މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.
"ރައުލްއާއެކު ހައްޔަރުވީ ކަމަށް ވެސް ވެދާނެއެއްނު" މީކާޢިލް ބުންޏެވެ.
"ވެދާނެ... ގޮތެއް ނިންމާކަށް ނޭނގުނު، މިކަމުގެ ތެރެއަށް ކުއްލިއަކަށް އައި ދެ މީހުން އެއީ، މާބޮޑު ހަޤީޤަތެއް އެނގެނީއެއްނޫން، އެ މީހުން ދެއްކި ވާހަކަތަކަކީ ތެދުކަމެއް ބުނާކަށް ވެސް ނޭނގެ، އީޝަލްގެ ނިންމުން މިހާތަނަށް ގޯސްވެފައިނެތީމާ އަހަރެން އެކަމާ ދެކޮޅުނުހެދީ" ޒިޔަޒެލް ބުންޏެވެ.
"ފިލާ ރައްކާވީއާ އެނބުރިއެއް ދެންނާނެ، އަތުވެއްޖެއްޔާ މިރަށަށް އެރިއަކަށް ނުދޭނަން.... ޒިޔަޒެލް!... ކަލެއަށް ހީވޭތަ ޒަގަން އެނބުރި އަތުވެދާނޭ، އޭނާ އީޝަލް ގެންދަން މި ހުރިހާކަމެއް ކުރީ، އެކަމަކު ފަހުވަގުތު އެ ދިޔައީ ރައުލް ގޮވައިގެން، އެހެންވެ ހިތަށް އަރަނީ އީޝަލްއާ ދިމާކުރަން އަތުވެދާނޭ، ޚާއްޞަކޮށް އީޝަލް މި ހާލުގައިވަނިކޮށް" މީކާޢިލް ބުންޏެވެ. އެހިނދު ކޮޓަރީގެ ދޮރުން ވަންތަން ފެނުނީ ޖޫދާއެވެ.
"ނުވާނެ އެކަމެއް، ބަލްޤިސްގެ ނޭވާ އުފުރިގެން ހިނގައިދާނޭހެން ހީވަނީ މި ކުއްޖާފުޅަށް ގޮތެއްވެއްޖެކަން އެނގުނީސްސުރެން، މީކާޢިލް... އޭނާ މިވަގުތު އެ އިނީ ކަމަކާ ކުރިމަތިލެވޭނެ ހާލެއްގައެއްނޫން، މަންމަގެ ހާލު ވެސް ރަނގަޅެއްނޫން، އަހަރެން މިއައީ އެހެންވެ.... ބަލްޤިސްގެ ހިތްވަރު އެލިފައިވާ ކަހަލަ، މިތަނަށް އައުމަށް އޭނާވަނީ ކެތްތެރިކަން ކުޑަވެފައި، އެންމެ ހިނދުކޮޅެއް ވެސް ބޭކާރުކޮށްނުލައި އަހަރެން ކަލޭމެންގެ ގާތަށް ފޮނުވީ އޭނާ.... އެންމެންނަށްވުރެ ކުރީން އޭނާއަށް އެނގިއްޖެ" ޖޫދާ ވާހަކަދެއްކިއެވެ. ޒިޔަޒެލް ބޯޖަހާލަމުން ލުއި ހިނިތުންވުމެއް ޖޫދާއާ ބަދަލުކޮށްލިއެވެ.
"އޭނާގެ ކަނޑި އީޝަލްއަށް ދިނީ ސަބަބެއްނެތިއެއްނޫން، ޖޫދާ... މަރުޚަބާ ކަލެއަށް، ބަލްޤިސް އިން ހާލު ކަލޭގެ އެކުވެރިޔާއަށް ނުފޮރުވާ ކިޔައިދީބަލަ، އަންނަންއުޅޭ މެހެމާނުގެ ޚަބަރު ދީ... މިއަދުގެ މިހާލަތު ކަލެއަށް ފަސްޖެހުމަށް މަޖުބޫރުކުރަނީކަން އެނގޭ" ޒިޔަޒެލް ބުންޏެވެ.
"ބަލްޤިސްއަށް ކިހިނެއްވީ؟... އަންނަން އުޅޭ މެހެމާނޭ... ކާކު؟... އެއީ ކާކު؟... އަނެއްކާ... ޖޫދާ!... އަހަރެންގެ ބަލްޤިސް މަންމައަކަށްވަނީތަ؟" މީކާޢިލް ސުވާލުގެ ނަޒަރަކުން ބަލަން އިނެވެ. އެހިނދު ޖޫދާ މަޑުމަޑުން ބޯޖަހާލީ އޭނާގެ ވާހަކައާ އެއްބަސްވުމަށެވެ.
"އީޝަލް އެނބުރި އައުމުގެ ކުރީން އެނގުނީ" ޖޫދާ ބުނެލިއެވެ. ހިތްދަތިކަމުގެ ވަގުތުގައި ވެސް މީކާޢިލް ހިނިތުންވެލިއެވެ. ލޮލުގައި ވިދަމުންދިޔަ ކަރުނަ ރަމްޒުކޮށްދެނީ އެތަނުން ކޮން އިޙްސާސެއްކަމެއް ނޭނގެއެވެ. އީޝަލްގެ އެނދުގެ ފައިލާކޮޅުން ތެދުވެގެން އައިސް ޖޫދާގެ ދެކޮނޑުގައި ހިފައި ކަރާކަރުޖަހައި ސަލާމްކޮށް ބައްޕައަށްވާން އުޅޭތީ އެކަމުގެ ތަހުނިޔާ ކިޔެވެ.
"މި ހައިޖާނުގައި ޝާމިލުނުވެ ކަލޭގެ އަނބިމީހާގެ ގާތަށް އަވަހަށް ދޭ" މީކާޢިލް ބުންޏެވެ.
"ނޫން، އަހަރެން މިހުރީ މިވަގުތު އަހަރެން ހުންނަންޖެހޭ ތަނުގައި، ކަލެއާ މި އޮތް ކުއްޖާފުޅު ދޫކޮށްފައި އަހަރެން ހިނގައްޖެނަމަ ބަލްޤިސްގެ ކުރިމަތީ އަހަރެންނަކީ ބޮޑު ފިނޑިއަކަށްވާނެ، މީ ޚުދު އޭނާ ވެސް ބޭނުންވިގޮތް، މީކާޢިލް، ހުރިހާކަމެއް އަދި ނުނިމޭ... އެކަމަކު... މިވަގުތު އަހަރެން އެނބުރި މިދަނީ ބަލްޤިސްއަށް މިތަނުގައި ހިނގައިދިޔަ ހުރިހާކަމެއްގެ ޚަބަރުދޭން، އެއަށްފަހު އެނބުރި އަންނާނަން، އެންމެން ވެސް އެ ތިބީ ވަރުބަލިވެފައި، ބައްޕަގެ އަރިއަށް ގޮސް ތަފްސީލު ދީ އަހަރެމެންގެ ތެރެއިން ސިފައިން ގޮވައިގެން އަންނާނަން" ޖޫދާ ރާވާފައި އޮތްގޮތް ކިޔައިދިނެވެ.
އެންމެންގެ ތެރެއަށް ޒިޔަޒެލްއާއި މީކާޢިލް ފޭބުމުން ސަމާލުކަމަށް އައެވެ. އެންމެން ވެސް ތިބީ އީޝަލްއާއި ލުގަލްބަންދާގެ ހާލު އެނގެން ބޭނުންވެފައެވެ. އެމީހުންގެ ސުވާލުތަކަށް ޒިޔަޒެލް ޖަވާބުދިނެވެ. އަދި ދެން ކަންތައްކުރަންވީ ކިހިނެއްކަން އޭނާ ކިޔާދިނެވެ.
* * * * *
ގަނޑުވަރުގެ ބިންގަރާހާ ދިމާއަށް ޒަގަން ދިޔައީ ވަށައިގެން ތިބި ފާރަވެރީންނަށް ސިއްރުން އެ އިން ޖިންނިއެއްގެ ހިލަމެއްނުވާ ސިއްރު މަގަކުންނެވެ. އޭރު އޭނާގެ ގާތުގައި ހުރި އިފުރީތުގެ ހިލަހިލާގައި ހައްޔަރުވެފައި އޮތް ރައުލްގެ ހަށިގަނޑު އޮތީ ޚަބަރު ހުސްވެގެން އެލިފައެވެ. ރާވިންގެ ހާލަކީ ވެސް އެއީއެވެ. ދެ މީހުންގެ އެކަކަށް ވެސް ތަންދޮރުވަތްކެއްނުވެއެވެ. ގަނޑުވަރަށް ވަންނަން އައި ޒަގަންގެ ޚިޔާލު ކުއްލިއަކަށް ބަދަލުވީއެވެ. ބޭރީތާ ހަމައަށް ރައުލް ގެންދާތަނުން އޭނާގެ ހިތަށް ރަހުމުވަދެ ރައުލްގެ ބާރު ގަދަވާން ބޭރީތު ފުރުސަތު ދީފާނޭ ހީވީއެވެ. ރައުލްގެ ފުރާނައަށް ފެންބޮވައިގަނެފައިވާ ޒަގަންއަށް އޭނާގެ އެންމެބޮޑު ހަތުރު ނައްތާލަން ލިބުނު ފުރުސަތު ގެއްލެން ބޭނުންނުވީއެވެ. އެހެންވެ އެންމެންނަށް ސިއްރުން އޭނާ ރައުލް ގެންގޮސް އެންމެ ބޮޑެތި ކުށުގައި ހައްޔަރުކޮށް މަރަންވެފައި ތިބޭ މީހުން ތިބޭ ޖަލަށް އޭނާ އެއްލާލައިފައި އެނބުރި ގަނޑުވަރަށް ވަންނަންދާން ނިންމީއެވެ. ރާވިން ގޮވައިގެން ދުރުގައި މަޑުކުރުމަށްބުނެފައި އިފްރީތާއެކު ބިންގަރާހުގެ ތެރެއަށް ޒަގަން ވަނެވެ. އެ އަނދިރި ހޮހޮޅައިގެތެރެއިން ވަކި ހިސާބަކަށް އާދެވުމުން އިފުރީތި ގާތު މަޑުކުރުމަށް ބުންޏެވެ. އެ އިފްރީތަކީ ބޭރީތުގެ ޚާދިމެއްކަން ޒަގަން ހަނދާންހުއްޓެވެ. އެހެންވެ އޭނާގެ ކޮންމެ ހަރަކާތަކަށް ޒަގަން ފަރުވާތެރިވެއެވެ. ޚަބަރުހުސްވެފައި އޮތުމުން ރައުލް ގެންދިޔުން ޒަގަންއަށް އުނދަގޫކަމަކަށް ނުވިއެވެ.
ޒަގަން ފެނުމާއެކު ހިލަހިލާޖަހައި އެއްގައިދީ އަނެއްގައިދީއަށް ފެންނާނޭހެން ތިބި ޖިންނީންތައް ބިރުން ފާރުތަކާ ކައިރިއަށް ޖެހި ކުރުގެޅިލައި އިސް އޮބައިލައިގެން ތިއްބެވެ. ގޮޅިތަކުގައި ގައިދީންގެ އަޑު ވެސް ވަގުތުން ހިމޭންވިއެވެ. ދެފަޅިއަށް މަތިމަތި މައްޗަށް ވާހެން ގޮޅިތައް ހަދާފައި ހުއްޓެވެ. އެތަނުން އެންމެ ތިރީ ކަނުގައި ހުރި ގޮޅިއެއްގެ ތެރެއަށް ރައުލް ހޫރައިލުމުން އޭނާ ގޮސް ޖެހުނީ ބިއްދޮށުގައި ހުރި ފާރުގައެވެ. ހޭނެތީތީ ޖެހުނުގޮތަށް އަރިއަކަށް އޭނާ ވެއްޓުނީއެވެ. ޒަގަން ވަދެ އޭނާގެ ދެއަތާއި ދެފައިގައި ހިލަހިލާގަނޑު ޖެހިއެވެ. އަދި ދޮރުބަންދުކޮށް ތަޅުލިއެވެ. އޭނާ ނުކުމެގެން އަންނަނިކޮށް ހިލަހިލާގައިވީ ގައިދީއަކު ބަލާލުމުން އޭނާގެ ބުރަކަށީގައި ކޮޅުފައި އަޅާ ގަޅުވާލިއެވެ. ހުރިހާ ގައިދީން ސިހުނެވެ. އެކަމަށް ފަރުވާލެއްނެތި ހަލުވިކޮށް އެތަނުން އޭނާ ނުކުމެގެން ދިޔައީއެވެ. އޭނާ ހިނގައްޖެކަން ޔަގީންވީ ހިނދު ތުރުތުރެއް ހުރި މުސްކުޅި އަޑަކުން ގޮވާލިއެވެ.
"އޭނާ އަތުވެއްޖެ" ދުވަސްވެ ވަރުނެތިފައިވާ އަންހެނެއްގެ އަޑު އިވިގެން ދިޔައެވެ. އަދި މަޑު ހީނލުމެއްގެ އިވި ހިނދިގެން ދިޔައެވެ.
"ރައުލް..." ރައުލްގެ ލިބާހުގެ ތެރެއިން ނުކުތް ޠަލަބް ގޮވާލީ ސިއްރުންނެވެ. އޭނާއާއެކު ސިއްތާ ނުކުމެ ތަޅުން މައްޗަށް ފުންމާލިއެވެ. ދުވެފައި އައިސް ރައުލްގެ ފައިގާވީ ހިލަހިލާގައި ހިފާ ދަމާލިއެވެ.
"ސިއްތާ، އަޑުގަދަ ނުކުރޭ... އެ އިފްރީތާ ކުރިމަތިލާހާ ބާރެއް އަހަރެމެންނަށް ލިބިފައެއްނުވޭ" ހިލިހިލާގަނޑު ތެޅިގަތް އަޑުފަށްގަނޑު ގުގުމާލުމުން ޠަލަބް ބުނެލިއެވެ.
(ނުނިމޭ)