ވިޔަފާރި

ރާޅު ގުޑި އިވެންޓުގެ ބައެއް ސްޕޮންސަރުންނާއެކު ސޮއިކޮށްފި

May 30, 2019

ސްޕޯޓްސް ޓޫރިޒަމް އިޝްތިހާރުކޮށް، ތިމާވެއްޓަށް ހޭލުންތެރި ކުރުވަން ރާއްޖޭގެ "ދެކުނުން އުތުރަށް" ބާއްވާ ރާޅު ގުޑި އިވެންޓުގެ ބައެއް ސްޕޮންސަރުނާއެކު މިއަދު ސޮއިކޮށްފި އެވެ.

ބީޖީ ކަންމަތީގައި ހުންނަ ކުއެންޓް ރެސްޓޯރެންޓުގައި ބޭއްވި މި ހާއްސަ އިވެންޓުގައި ކައިޓް ސާފިން މޫދު ކުޅިވަރެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއަށް ގެންދާ ރާޅު ގުޑި އިވެންޓުގެ ސްޕޮންސަރުންގެ ގޮތުގައި ސޮއިކޮށްފައިވަނީ؛

  • ސީގިޔާ
  • އެމްސެވަން
  • ފިއުލް ސަޕްލައި މޯލްޑިވްސް
  • ގޯބިގް މޯލްޑިވްސް
  • ރާޅު ވޯޓާ ސްޕޯޓްސް
  • ކުއެންޓް ރެސްޓޯރެންޓް

ރާޅުގުޑި އިވެންޓް ބާއްވަނީ، ސްލޯޓޭޕް މާފުށި ޑައިވް އިންނެވެ. އައްޑު އަތޮޅުން ފަށައިގެން ހއ. ތުރާކުނަށް ބާއްވާ "ރާޅުގުޑި އިވެންޓް" އޮންނާނީ ރާއްޖެ އަށް އެންމެ ވައި ހެޔޮ މޫސުން ކަމަށްވާ ޖޫން އާއި ޖުލައި މަހު އެވެ.

މި އިވެންޓުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަވަމުން އެއް ސްޕޮންސަރު ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޤަސަމް ވިދާޅުވީ އެ ކުންފުނިން މި އިވެންޓުގައި ބައިވެރިވީ މި އިވެންޓަކީ ޒުވާނުންތަކެއް އިންތިޒާމުކުރާ އިވެންޓަކަށްވާތީ އެހީތެރިވެދޭން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވެސް ރާއްޖޭގެ އުތުރުން ދެކުނަށް ހިދުމަތް ދޭ ކުންފުންޏެއް. ބޮޑު އޮޕަރޭޝަނެއް ހިންގާ ކުންފުންޏެއް. އެހެންވެ ބައިވެރިވީ،" ގަސަމް ވިދާޅުވި އެވެ.

އަވަސް އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި މުޅި އިވެންޓް ކަވަރު ކުރާ ގޮތަށް ކުރިއަށްދާނެ މި އިވެންޓުގައި ސާފިން ބޯޑެއް ފައިގައި ހަރުކޮށްގެން ވައި ކުޑައެއްގެ އެހީގައި ހަތަރު އެތުލީޓަކު ރާއްޖޭގެ އުތުރުން ދެކުނަށް ދަތުރު ކުރާނެ އެވެ. މި އިވެންޓުގައި ބައިވެރިވާ އެތްލީޓުންނަކީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) އާއި އާސިމް މުހައްމަދު ފުޅު (ސިމްބެ) އަދި އަބްދުﷲ ތަސްލީމް (ޑެލިއޯ) ގެ އިތުރުން ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީޒޫން ހިމެނެ އެވެ.

ރާޅުގުޑި އިވެންޓުގެ މެއިން ސްޕޮންސަރު ސީގިއާގެ ޖެނެރަލް މެނޭޖަރު ހުސެއިން އަބްދުﷲ ވިދާޅުވީ މި އިވެންޓުގެ ސަބަބުން މި ސްޕޯޓް ސްކޫލްތަކުގެ ކުދިންނަށް ވެސް ތައާރަފު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މި އިވެންޓުގައި އެތްލީޓުން ރަށްރަަށަށް ދިއުމުން ސްކޫލްތަކުގެ ކުދިންނަށްވެސް ތައާރަފުވާނެ ކަމަށް އުންމީދު ކުރަން،" ހުސެއިން ވިދާޅުވި އެވެ.

މި އިވެންޓު ބޭއްވުމުގެ މައިގަނޑު އެއް ސަބަބަކީ ތިމާވެއްޓަށް ހޭލުންތެރި ކުރުވުމެވެ. ރާއްޖޭގެ އިގްތިސޯދުގެ މައިގަނޑު އެއް ބަޔަކީ ރާއްޖޭގެ ތިމާވެއްޓެވެ. ހާއްސަކޮށް ކަނޑުގެ ތިމާވެއްޓެވެ. އެހެންވެ ކަނޑުތައް ހަޑިވާން މެދުވެރިވާ ކުނީގެ މައްސަލައާ މެދު މީހުންގެ ހޭލުންތެރި ކުރުވުމަކީ ވެސް މި އިވެންޓު ބޭއްވުމުގެ އެއް ސަބަބެވެ. އެކަމަށްޓަކައި ސަރުކާރުގެކަމާއި ބެހޭ އިދާރާތަކުން ވެސް މި އިވެންޓުގައި ބައިވެރިވާނެ އެވެ. މި އިވެންޓުގެ ސަބަބުން ޒުވާނުންނަށް ފުރުސަތު ތަކެއް ހުޅުވިގެންދާނެ އެވެ.

އައްޑު އަތޮޅުން ތުރާކުނަށް ރާޅުގުޑީގައި ކުރާ މި ދަތުރުގައި 15 ދުވަސް ނަގާނެ އެވެ. އަދި އެ މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ އެވެ. އަދި މި ރަށްރަށުގައި ހާއްސަ ބައެއް ހަރަކާތްތަކެއް ހިންގާނެ އެވެ.