ކުޅިވަރު

އިންޓަ މިލާންގެ ކޯޗް ކަމުން ސުޕަލެޓީ ވަކިކޮށްފި

އިންޓަ މިލާންގެ ކޯޗު ކަން މިދިޔަ ދެ އަހަރު، ކުރި ލުޗާނޯ ސުޕަލެޓީ މަގާމުން ވަކި ކޮށްފި އެވެ.

ސުޕަލެޓީގެ ކޯޗް ކަމުގެ ދަށުން، މިދިޔަ ދެ ސީޒަންގައިވެސް އެ ޓީމު ވަނީ ޗެމްޕިއަންސް ލީގްގެ ޖާގަ ހޯދާފަ އެވެ. އެއީ މިދިޔަ ހަ އަހަރު ތެރޭ ޗެމްޕިއަންސް ލީގުން ޖެހިޖެހިގެން ދެ ފަހަރަށް އިންޓަ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

މި ސީޒަންގެ އިޓާލިއަން ލީގް އިންޓައިން ނިންމާލީ ހަތަރު ވަނައިގަ އެވެ. އިންޓައިން އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގް ޖާގަ ހޯދީ ކުޅުނު ފަހު މެޗުގައި، އެމްޕޮލީ އަތުން މޮޅުވެގެންނެވެ. އިންޓައާ އެއްވަރަށް ޕޮއިންޓް ހޯދައި ތާވަލުގެ ތިން ވަނައިގައި ނިންމާލީ އެޓަލާންޓާ އެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގުން އިންޓަ ކެޓީ ގުރޫޕް ސުޓޭޖުންނެވެ. ފަހުން ޔޫރޮޕާ ލީގްގެ ގަދަ އަށެއްގެ ބުރުން އެ ޓީމު ކެޓީ ޖަރުމަންގެ ފުރެންކްފާޓު އަތުން ބަލިވުމުންނެވެ.

އިންޓަގެ ކޯޗް ކަމުން ސުޕަލެޓީ ވަކި ކުރީ، އޭނާގެ ކޮންޓްރެކްޓް ހަމަވާން ބާކީ ދެ އަހަރު އެއްވަ އެވެ. އޭނާގެ ކޮންޓްރެކްޓް ހަމަވާނީ 2021 ވަނަ އަހަރު އެވެ. އެ ޓީމުގެ ކޯޗް ކަމަށް އަންނާނެ ކަމަށް ބެލެވެނީ، ޗެލްސީގެ ކުރީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ އެވެ.